ޢާލަމްތަކަށް ރަޙަމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم އެއްދުވަހަކު އެކަލޭގެފާނުގެ މިތުރު ޞަޙާބީބޭކަލުންނާއެކު މަޖިލިސެއްގައި އިންނެވިއެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުގެ އިނގިލިފުޅުތަކުން ހަތަރު ރޮނގެއް ބިމުގައި ކުރެއްސެވިއެވެ. އެއަށްފަހު ޞަޙާބީބޭލުންނާ ކުރިމަތިލައްވާ ޙަދީޘްކުރެއްވިއެވެ.
[މިހަތަރު ރޮނގުން ދޭހަކޮށްދެނީ ކޮންއެއްޗެއްކަން ތިޔަ ބޭކަލުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟]
އަޞްޙާބުބޭކަލުން ވިދާޅުވިއެވެ. [އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ އާއި އެކަލާނގެ ރަސޫލާއެވެ.]
ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
[އެ ހަތަރު ރޮނގު ދޭހަކޮށްދެނީ ސުވަރުގޭގެ އެންމެ މަތިވެރި ހަތަރު އަންހެން ބޭކަނބަލުންނެވެ. އެއީ ޚަދީޖަތު ބިންތި ޚުވައިލިދާއި ފާޠިމަތު ބިންތި މުޙައްމަދާއި، އާސިޔަތު ބިންތި މުޒާޙިމާއި މަރްޔަމް ބިންތި ޢިމްރާނެވެ.]
{المعجم الكبير للطبراني، ذِكْرُ أَزْوَاجِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْهُنَّ، حديث رقم 17728/ أحمد في المسند - مُسْنَدُ عَبْدِ اللَّهِ بْنِ الْعَبَّاسِ بْنِ عَبْدِ المُطَّلِبِ ، عَنِ النَّبِيِّ - حديث رقم 2599}
އާދެ! މިދަންނަވައިލެވުނީ ވަޙީގެ ބަސްފުޅުތަކުން ވާހަކަފުޅު ދައްކަވާ މާތް ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދޫފުޅުން ޢާލަމްތަކަށް މާތް ކުރެއްވި ހަތަރު ބޭކަނބަލުންގެ ނަންފުޅު ބަޔާން ކުރައްވާފައިވާ ގޮތެވެ. އޭގެ ތެރެއިން ބާއްޖެވެރި އެއްބޭކަނބަލަކީ އާސިޔަތު ބިންތު މުޒާޙިމެވެ.
ނަސަބުފުޅު:
އައްސައްޔިދާ آسِيَةُ ގެފާނަކީ މިޞްރުގެ މާތް މަތިފުށަކުން ވަޑައިގެންއިންނެވި ބޭކަނބަލެވެ. އެކަމަނާގެ ބައްޕާފުޅުގެ ނަންފުޅަކީ مُزَاحِمُ އެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން އެކަމަނާއަކީ ފިރުޢައުނުގެ ދެބެއިންގެ ދެދަރިބޭކަނބަލެކެވެ. އިމާމު ސުހައިލީ ވިދާޅުވާގޮތުގައި އެކަމަނާއަކީ ބަނީ އިސްރާއީލުންގެ މީސްތަކުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. މޫސާގެފާނުގެ ބަފައިފުށުން ބޮޑުދައިތާފުޅެކެވެ.
އާސިޔަތުގެފާނުގެ ބައްޕާފުޅު مُزَاحِمُ އަކީ މިޞްރުގެ މީހުންގެގާތުގައި ނުހަނު ޤަދަރު އުފުލިގެންވާ މީހެކެވެ. ވަރަށް ބޮޑު މުދާވެރި މުއްސަންޖެކެވެ. އާސިޔަތުގެފާނު ދުނިޔެއަށް ވަޑައިގަތީވެސް، ބޮޑުފުޅުވީވެސް ސުމާރެއްނެތްހައި މުއްސަނދިފުޅުކަމުގެ ތެރޭގައެވެ. އިންތިހާދަރަޖައިގެ އަރާމާއި، އުފަލާއި ނިޢުމަތުގައެވެ.
ކައިވެނިފުޅު:
މިޞްރުގެ ވެރިއަކަށް އެދުވަސްވަރު ހުރި ފިރުޢައުނަކީ ނުހަނު ޖައްބާރުވެރިއެކެވެ. ވަރަށް ނުފޫޒުގަދަ މީހެކެވެ. އޭނާވަނީ މިޞްރުމީހުންގެ ކަލާނގެއަކީ އޭނާކަމުގައި ހަމަޖައްސައިފައެވެ. އޭނާ ދަޢުވާ ކުރާގޮތުގައި އޭނާއަކީ ޢާލަމްތަކުގެ ވެރިރަސްކަލާނގެވެ. މި ވާހަކައަށް ޢިޝާރާތް ކުރައްވައި ނާޒިޢާތު ސޫރަތުގެ 24 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ﴿٢٤﴾
މާނައީ: [ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.]
އެހެންކަމުން މިޞްރުގެ މީސްތަކުން އެބައިމީހުންގެ ކަލާންގެ ކަމުގައި ބަލައިގެން އަޅުކަން ކުރަމުންގެ ގެންދިޔައީ މިދެންނެވި ފިރިޢައުނަށެވެ. ފިރުޢައުނަކީ، މިޞްރުގައި ރެދަލިކުރާ ރަސްކަލުންނަށް ދެވޭ ލަޤަބެކެވެ. އާސިޔަތުގެފާނާ ކައިވެނި ބައްލަވައިގެންނެވީ وَلِيدُ بْن مُصْعَبُ އޭ ކިޔުނު ފިރުޢައުނެވެ.
އިސްލާމީ ތާރީޚުގެ ފަތްފުށްތަށް ނިއުޅުވައި ބަލާ ފަރާތްތަކަށް ފިރުޢައުނު ގެ އަނިޔާވެރިކަމާ ޖައްބާރުކަންވާނީ އެނގިވަޑައިގެންފައެވެ. އޭނާ ގެންދިޔައީ އޭނާއަށް ތަބާނުވާ މީސްތަކުންނަށް ތަފާތު ވައްތަރުވައްތަރުގެ ޢަޛާބު ދައްކަމުންނެވެ. އޭނާގެ ބަދަވި ސިފައިންލައްވައެވެ. ނަމަވެސް އާސިޔަތުގެފާނު ގެ ފިޠުރަތު އޭނާގެ ފިޠުރަތާ މުޅިން ތަފާތެވެ. އައްސައްޔިދާ އާސިޔާތުގެފާނަކީ ޠަބީޢީ ގޮތުންވެސް ޚުލުޤުފުޅު މާތް، ހެޔޮލަފާ، އޯގާވެރި، ހިތްޕުޅު ތަނަވަސް، ބޭކަނބަލެކެވެ.
މޫސާގެފާނުގެ ބެލެނިވެރިކަން:
މޫސާގެފާނު ތުއްޕުޅުއިރު އެކަލޭގެފާނުގެ މައިކަނބަލުން އެކަލޭގެފާނު ފޮށިކޮޅަކަށް ލައްވައިފައި ކޯރަށް ދޫކޮށްލެއްވިއެވެ. ދެން އެފޮށިކޮޅު ކޯރުގެ އޮއިގައި ހިރެމުން ފިރެމުން ގޮސް، ލައްވީ ފިރުޢައުނުގެ ގަނޑުވަރު ކައިރިއަށެވެ. އެތަނުން ފިރުޢައުނުގެ އަނބިކަނބަލުންގެ ޚާދިމުންގެ ބަޔަކު، އެ ފޮށިކޮޅު ނަގައިގެން ގެންގޮސް،ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނުގެ އަތްޕުޅަށް އެރުވިއެވެ. އެބައިމީހުން އެފޮށިކޮޅު ކަނޑައި ބެލުމުން ފެނުނީ ވަރަށް ރީތި ތުއްޕުޅު ފިރިހެން ބޭފުޅެކެވެ. މާތްﷲ ފިރުޢައުނުގެ އަނބިކަނބަލުންގެ ހިތްޕުޅުގައި، موسى ގެފާނުގެ މައްޗަށް ލޯތްބާއި ކުލުނުވެރިކަން އުފެއްދެވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، ހަތްވަނަ ޖިލްދުގެ 380 ވަނަ ޞަފްޙާ}
މިދެންނެވި ކަންތައްތަކުގެ ވާހަކަ ބަޔާން ކުރައްވައި ޤަޞަޞު ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَالْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗإِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ ﴿٨﴾ وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ ﴿٩﴾
މާނައީ: "ފަހެ، فرعون ގެ أهل ވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި عدوّ އަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر ވީ ކުށްވެރިން ކަމުގައެވެ.އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ."
ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް