ރިސާލަތު ތެދު ކުރެއްވުން
މޫސާގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި ގޮތަކުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަދުޔަނުގައި އުޅުއްވަން ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނު މަދުޔަނުން މިޞްރަށް އެނބުރި ވަޑައިގެންނެވީ ރަސޫލުކަމުގެ މަސްޢޫލިއްޔަތު އަދާ ކުރެއްވުމަށެވެ. މޫސާގެފާނު އެކަލޭގެފާނުގެ ރިސާލަތު އިއްވެވުމުން އެންމެ ފުރަތަމަ އިޖާބަދެއްވި އެއް ބޭކަނބަލަކީ ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ. ނަމަވެސް ފިރުޢައުނު އޭނާގެ ހިރިޔާފާތުރާގެ ދަށަށްއައި އިސްލާމީ ރިސާލަތުގައި ކޮޅުފައިންޖެހިއެވެ. މޫސާގެފާނަށް ދުއްތުރާކޮށް އެކަލޭގެފާނު ނިކަމެތިކުރަމުން ގެންދިޔައެވެ.
މޫސާގެފާނުގެ ރިސާލަތު މިޞްރުގެ ގިނަ ބަޔަކު ދޮގުކުރަމުން ގެންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން އެކަލޭގެފާނުގެ ރިސާލަތު ހެޔޮހިތުން ތެދުކުރައްވަމުން ގެންދެވިއެވެ.
މޫސާގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު، އެކަލޭގެފާނު ފިރުޢައުނަށް ތަފާތު ދަލީލުތައް ދައްކަވައިގެން އޭނާ ހަމަމަގަށް އެޅުވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. ދަލީލަކަށްފަހު ދަލީލެއް ދައްކަވަމުންގެންދިޔައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ތެދުކަން ސާބިތުކޮށް ދެއްވުމުގެ ގޮތުން މާތް الله سبحانه وتعالى އެކަލޭގެފާނަށް ނުވަ އާޔަތް ނުވަތަ ނުވަ މުޢުޖިޒާތެއް ދެއްވިއެވެ.
މިދެންނެވި ނުވަ މުޢުޖިޒާތްތައް އެއް މުޢުޖިޒާތަކަށްފަހު އަނެއް މުޢުޖިޒާތެއް ފާޅުވާންފެށުމުން ފިރުޢާއުނާއި އޭނާގެ އައުވާނުން ތުހުމަތު ކުރަންފެށީ، އެއީ މޫސާގެފާނާއި ހާރޫނުގެފާނުގެ ސިޙުރުވެރިކަންކަމުގައެވެ. އެއްގޮތަކަށްވެސް މުޢުޖިޒާތެއް ނޫންކަމުގައެވެ. ފިރުޢައުނު ދަޢުވާކުރަމުން ގެންދިޔައީ އޭނާގެ ސިހުރުވެރީން ލައްވައިވެސް އެފަދަ ޖާދޫއެއް ނުވަތަ ސިޙުރެއް ހެދޭނެކަމުގައެވެ.
އޭނާ ސިޙުރުވެރިން އެއްކޮށް މޫސާގެފާނާއި މުޤާބަލާއަށް ނުކުތެވެ. މާތް الله سبحانه وتعالى ގެ ރަޙްމަތުން އެ މުޤާބަލާއިން ކާމިޔާބު ލިބިވަޑައިގެންނެވީ މޫސާގެފާނަށެވެ. އެކަލޭގެފާނު އަސާކޮޅުން އެއްލަވައިލެއްވުމުން އެ އަސާކޮޅުން ހަރުފައަކަށް ބަދަލުވެގެންގޮސް ފިރުޢައުނުގެ ސިޙުރުވެރިން ހެދި ސިޙުރުތައް ކައި ހުސްކުރިއެވެ. އެހެންކަމުން ސިޙުރުވެރީންނަށް އެއީ ސިޙުރެއްނޫންކަން ހާމަވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެސިޙުރުވެރިން މޫސާގެފާނުގެ ރިސާލަތައް ތަބާވިއެވެ. އެކަން އެނގުމުން ފިރުޢައުނު ރުޅިއައިސްގެން އަނގުރު އަލިފާންގަނޑެއްހެން ވިއެވެ. އޭނާ އެންގީ އެއެންމެން ޞަލީބަށް އަރުވައި ޤަތުލުކުރުމަށެވެ.
ޝަހީދުކޮށްލުން:
އިމާމު ޤުރުތުބީ ލިޔުއްވައިފައިވެއެވެ. ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނު ސިޙުރުވެރިންގެ މުޤާބިލާގައި މޮޅުވިބަޔަކާއި ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެކަމަނާއަށް ދެންނެވުނެވެ. އެ މުޤާބަލާގައި މޮޅުވީ މޫސާގެފާނާއި ހާރޫނުގެފާނެވެ. އެހިނދު އާސިޔަތުގެފާނު ވިދާޅުވިއެވެ. [އަހަރެން މިއިނީ މޫސާގެފާނާއި ހާރޫނުގެފާނުގެ ވެރިރަސްކަލާނގެއަށް އީމާންވެގެންނެވެ.]
މި ޚަބަރު ފިރުޢައުނުގެ ކަންފަތާހަމައަށް ދިޔުމުން އޭނާ ރުޅިއައިސް ރަތްވިއެވެ. ދެން އެކަމަނާގެ އަރިހަށް މީހަކުފޮނުވައި އެމީހާއަށް ޢަމުރުކުރިއެވެ. އެކަމަނާ އެގޮތަށް މޫސާގެފާނުގެ ކަލާނގެއަށް އީމާންވެގެން އިންކަމުގައިވާނަމަ، އެކަމާނާގެ ގައިކޮޅަށް ބޮޑުހިލައެއް ވައްޓައިލައި އެކަމަނާގެ ހަށިކޮޅު ފިސްފިސްކޮށްލާނަމެވެ. ދެން އެމީހަކު އެކަމަނާގެ އަރިހަށް ގޮސް އެހެން ދެންނެވުމުން އެކަމަނާ ވިދާޅުވީ އެކަމަނާ އިންނެވީ ހަމަ ކުރިންވެސް އިންނެވިގޮތަށް މޫސާގެފާނުގެ ކަލާނގެއަށް އީމާންވެގެންކަމެވެ.
ދެން އެކަމަނާ އުޑާދިމާއަށް ބައްލަވައިލެއްވިއެވެ. އެކަމަނާއަށް ފެނިވަޑައިގެންނެވީ ސުވަރުގޭގައި އެކަމަނާއަށްޓަކައިވާ މަތިވެރި މަޤާމް ކަޝްފުކޮށް ދެއްކެވި މަންޒަރެވެ. ހަމައެވަޤުތުމެ، މާތް الله سبحانه وتعالى އެކަމަނާގެ ޠާހިރު ފުރާނަފުޅު އެފުރާނަފުޅުގެ ޙައްޤު މަޤާމަށް ގެންދެވިއެވެ. އެބައިމީހުން އެކަމަނާގެ ހަށިކޮޅަށް ބޮޑު ހިލައެއްވައްޓައިލައި އެކަމަނާގެ ހަށިކޮޅު ފިސްފިސްކޮށްލިއިރު އެކަމަނާ ވަނީ އަވަހާރަވެފައެވެ.
އެހެންރިވާޔަތެއްގައި އިމާމު ޤުރުޠުބީ ލިޔުއްވާފައިވެއެވެ. އަބުލް ޢާލިޔާ ވިދާޅުވެފައިވެއެވެ. ފިރުޢައުނަށް އޭނާގެ އަނބިކަނބަލުން އާސިޔަތުގެފާނު އީމާންވެވަޑައިގެންނެވި ޚަބަރުލިބުމުން އޭނާގެ ބޮޑުންގެ ކައިރިއަށް ގޮސް ބުންޏެވެ. [ތިޔަބައިމީހުން އަހަރެންގެ އަނބިކަނބަލުން އާސިޔަތުގެފާނާއި މެދު ދެކޭގޮތަކީ ކޮބައިހެއްޔެވެ؟] އެބައިމީހުން އެކަމަނާގެ ޚުލުޤުފުޅުގެ ރީތިކަމާއި އުޅުއްވުމުގެ ހަރުދަނާކަމުގެ މައްޗަށް ތާރީފުކުރިއެވެ. އެހިނދު ފިރުޢައުނު އެބައިމީހުންނަށް ބުންޏެވެ. [އެކަމަނާ އަޅުކަން ކުރަނީ ތިމަންފިޔަވައި އެހެން ކަލާނގެއަކަށެވެ.] އެހިނދު އެބައިމީހުން ފިރުޢައުނަށް ބުންޏެވެ. [އެކަމަނާ ޤަތުލުކޮށްލާށެވެ.] ދެން އެބައިމީހުން އެކަމަނާ ހައްޔަރުކޮށްގެންގެނެސް، ބޮޑެތި ކަޑަތަކެއްޖަހައި އެކަމަނާގެ ދެއަތްޕުޅާއި ދެފައިންޕުޅު އެކަޑަތަކުގައި ވަރަށް ބާރަށް އެއްސިއެވެ. އެ ވަޤުތު އެކަމަނާ އެކަމަނާގެ ޚާލިޤުވަންތަ މާތްﷲ ގެ ޙަޟްރަތަށް ދުޢާދަންނަވައި ވިދާޅުވިއެވެ.
رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾
މާނައީ: [އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!]
އާސިޔަތުގެފާނު މިދެންނެވި ދުޢާކުރައްވަނިކޮށް އެތަނަށް އެވަޤުތު ފިރުޢައުނުވެސް އަތުވެއްޖެއެވެ. ހަމައެވަޤުތުމެ، އެކަމަނާއަށް ސުވަރުގޭގައިވާ ނިޢުމަތްތަށް މާތްﷲ ކަޝްފުކޮށް ދެއްކެވިއެވެ. އެކަމަނާއަށް ސުވަރުގޭގައި ބިނާކޮށްދެއްވާފައިވާ ގަނޑުވަރުވެސް ކަޝްފުކުރައްވައި ދެއްކެވިއެވެ. އެ ނިޢުމަތްތައް ފެނިވަޑައިގެންނެވުމުން އެކަމަނާ ހިނިފުޅުވެވަޑުވާލެއްވިއެވެ. އެމަންޒަރު ފެނުމުން ފިރުޢައުނު ބުންޏެވެ. [އެކަމަނާގެ މޮޔަކަމާއިހުރެ އަޖާއިބުވަމެވެ. އަޛާބުދެވެމުން ގެންދާއިރުވެސް ހިނިފުޅުވަޑުވަނީއެވެ.] އިރުކޮޅެއް ނުވެ އެކަމަނާގެ ޠާހިރު ފުރާނަފުޅު ހަށިކޮޅާއި ވަކިވެގެން ހިނގައްޖެއެވެ.
މާތްކަމާއި މަތިވެރިކަން:
އާސިޔަތުގެފާނަކީ، ވަރަށް ޚުލުޤުފުޅު ރީތި، ވަރަށް ކެތްތެރި، ޙައްޤުބަސް ވިދާޅުވުމުގައި ސާބިތުކަމާއިއެކުގައި އެންމެ ފަހު ވަޤުތާއި ޖެހެންދެންވެސް ދެމިހުންނެވި ބޭކަނބަލެކެވެ. މިޞްރުގެ މާތަޚްތުގެ އަރާމާއި އުފަލާއި ނިޢުމަތްތަކުގެ ބަދަލުގައި، އާޚިރަތުގެ ގޮވެތި ޚިޔާރުކުރެއްވި ބޭކަނބަލެކެވެ. ރަނިކަނބަލެއެއްގެ މަޤާމު ދޫކޮށް ދުނިޔަވީ ޢަޛާބު ބަރުދާސްތުކުރެއްވި ބޭކަނބަލެކެވެ. އެހެންކަމުން އަރަހުށި މާތްﷲ ވަނީ އެކަމަނާއަށް ތާރީފުގެ ބަސްފުޅު ހަތް އުޑުމަތިން ވަޙީ ކުރައްވާފައެވެ. މުސްލިމު އަންހެނުންނަށް ހުރި ރިވެތި މިސާލެއްކަމުގައި އެކަމަނާ ލައްވާފައެވެ. ކީރިތި ޤުރުއާނުގެ ތަޙްރީމު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَضَرَبَ اللَّـهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾
މާނައީ: [އަދި فرعون ގެ އަނބިކަނބަލުންގެ ވާހަކައިން، إيمان ވި މީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!]
އާސިޔަތުގެފާނުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ ބަޔާންވެގެންވާ ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެގެންވެއެވެ. أبو موسى الأشعري رضى اللّـه عنــه ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" كَمَلَ مِنَ الرِّجَالِ كَثِيرٌ وَلَمْ يَكْمُلْ مِنَ النِّسَاءِ غَيْرُ مَرْيَمَ بِنْتِ عِمْرَانَ وَآسِيَةَ امْرَأَةِ فِرْعَوْنَ وَإِنَّ فَضْلَ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ "{ صحيح البخاري كتاب أحاديث الأنبياء، بَابُ قَوْلِ اللَّهِ تَعَالَى: (وَضَرَبَ اللَّهُ مَثَلاً لِلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ) إِلَى قَوْلِهِ: (وَكَانَتْ مِنَ الْقَانِتِينَ)، ޙަދީޘް 3411}
މާނައީ: [ފިރިހެނުންގެ ތެރެއިން ގިނަބަޔަކު ވަނީ ފުރިހަމަ ދަރަޖައަށް ވާސިލުވެފައެވެ. ނަމަވެސް އަންހެނުންގެ ތެރެއިން އެ ދަރަޖައަށް ވާސިލުވެވުނީ އެންމެ ދެބޭކަނބަލުންނަށެވެ. އެއީ ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމުގެފާނާއި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ. އަންހެންތަކުންގެ މައްޗަށް ޢާއިޝަތުގެފާނުގެ މާތްކަމުގެ މިސާލަކީ އެހެން ކާނާތަކުގެ މައްޗަށް ޘަރީދަށް މާތްކަން ލިބިފައިވާ މިންވަރެވެ.]
އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ ފަރާތުން އިމާމު ތިރުމިޒީ ރިވާކުރައްވައިފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޙަދީޘު صلّى اللّـه عليه وسلّم ކުރެއްވިއެވެ.
" حَسْبُكَ مِنْ نِسَاءِ الْعَالَمِينَ مَرْيَمُ ابْنَةُ عِمْرَانَ وَخَدِيجَةُ بِنْتُ خُوَيْلِدٍ وَفَاطِمَةُ بِنْتُ مُحَمَّدٍ وَآسِيَةُ امْرَأَةُ فِرْعَوْنَ " {جامع الترمذي،كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް ނަންބަރު 4252}
މާނައީ: [މަރްޔަމު ބިންތު ޢިމްރާނާއި، ޚަދީޖަތު ބިންތު ޚުވައިލިދާއި، ފާޠިމަތު ބިންތު މުޙައްމަދާއި، ފިރްޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނު، ޢާލަމްތަކުގެ އަންހެންތަކުންގެ މައްޗަށް ފުދިގެންވެއެވެ.]
سَيِّدَاتُ نِسَاءِ أَهْلِ الْجَنَّةِ مَرْيَمُ بِنْتُ عِمْرَانَ ، ثُمَّ فَاطِمَةُ بِنْتُ مُحَمَّدٍ ، ثُمَّ خَدِيجَةُ ، ثُمَّ آسِيَةُ امْرَأَةُ فِرْعَوْنَ { أحمد في المسند - مُسْنَدُ عَبْدِ اللَّهِ بْنِ الْعَبَّاسِ بْنِ عَبْدِ المُطَّلِبِ ، عَنِ النَّبِيِّ - حديث رقم 2599}
މާނައީ: [ސުވަރުގޭގެ އަންހެންތަކުންގެ ސާހިބުންނަކީ، މަރްޔަމް ބިންތު ޢިމްރާނެވެ. ދެން ފާޠިމަތު ބިންތު މުޙައްމަދެވެ. ދެން ޚަދީޖަތުގެފާނެވެ. ދެން، ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ.]
ސުވަރުގޭގައި މާތް ރަސޫލާ صلّى اللّـه عليه وسلّم މަރްޔަމުގެފާނާއި، އާސިޔަތުގެފާނާއި، މޫސާގެފާނުގެ އުޚްތާއާ ކާވެނި ބައްލަވައި ގަންނަވާނެކަމަށް ވާރިދުވެގެން އައިސްފައިވާ ޙަދީޘްތަކަކީ ވަރަށް ޟަޢީފު ޙަދީޘްތަކެކެވެ. އޭގެ ބައެއް ޙަދީޘްތަކަކީ މައުޟޫޢު ޙަދީޘްތަކެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް