ޢުމަރުގެފާނުގެ ސިޔަރަތު: 1

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޢުމަރުގެފާނުގެ ސިޔަރަތު: 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

ނަސަބު، ކުންޔާ އަދި ލަޤަބު

އެކަލޭގެފާނަކީ ޢުމަރު ބުން އަލްޚައްޠާބު ބުން ނުފައިލު ބުން ޢަބްދުލް ޢުއްޒާ ބުން ރިޔާޙު ބުން ޢަބްދުﷲ ބުން ޤުރްޠު ބުން ރިޒާޙު ބުން ޢަދިއްޔު ބުން ކަޢުބެވެ. ނަބިއްޔާ صلى الله عليه وسلم ގެ ނަސަބުފުޅާ ގުޅެނީ އެކަލޭގެފާނުގެ 8 ވަނަ ކާފަ، ކަޢުބާ ހަމައިންނެވެ.

އެކަލޭގެފާނުގެ ލަޤަބަކީ އަލްފާރޫޤެވެ. އަދި ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނަށް ދެއްވާފައިވާ ކުންޔާއަކީ އަބޫ ޙަފްޞެވެ. ޙަފްޞަކީ ޙަފްޞާ رضي الله عنها ގެ ނަން ކުރުކޮށްލާފައެވެ.  

އުފަންވުމާއި ޞިފަފުޅުތައް: 

އެކަލޭގެފާނު އުފަންވީ ޢާމުލް ފީލުގެ 13 އަހަރު ފަހުން މައްކާގައެވެ.  އެއީ މީލާދީ ގޮތުން 584 ވަނަ އަހަރެވެ. 

އެކަލޭގެފާނަކީ އިސްކޮޅުން ދިގު، ހަށިގަނޑު ބިޔަ ބޭކަލެކެވެ. އަދި ގައިގައި އިސްތަށި ގިނަ، ބޮލުގައި އިސްތަށި މަދު ބޭކަލެކެވެ. އަދި ހަމުގެ ކުލަ ހުދު، ރަތް ދޮން ކުލައަކަށްދާ ބޭކަލެކެވެ. ބުނެވޭގޮތުގައި ގާތް ކުރަނީ މުށި ކުލައާއެވެ. އެކަލޭގެފާނުގެ އިސްތަށި ނުރަވުމުން ހީނާފަތުން ކުލަ ޖެއްސެވިއެވެ. އަދި އެކަލޭގެފާނަކީ ޢާމްދަނީ ހޯއްދެވުމަށް މަސައްކަތްކުރައްވައިގެން އުޅުއްވި ބޭކަލެކެވެ.  

އެކަލޭގެފާނަކީ ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުންގެ ސަފީރެވެ. އެއީ އެކަލޭގެފާނުގެ ފަޞާޙާތްތެރިކަމާއި ހިތްވަރުގަދަކަމާއި ބުއްދިވެރިކަމުގެ ސަބަބުންނެވެ. އަދި އިސްލާމުވުމަށް ފަހު އެކަލޭގެފާނު މަޝްހޫރުވެފައިވަނީ އެކަލޭގެފާނުގެ ބާރުގަދަކަމާއި ހައިބަތާއި އެކު، ތަވާޟުޢުވެރި، ޒުހުދުވެރި، ﷲ سبحانه وتعالى އަށް ބިރުވެތިވުން ބޮޑު ބޭކަލެއްގެ ގޮތުގައެވެ. 

- އަލް އުޚްތު އުންމު ޢަބްދިﷲ

 

 

މިއަދު އޮންލައިން