ހަމަ އެކަނި ނަމާދުގައި އަޢުރަ ނިވާކޮށްގެން ފުދޭނެތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހަމަ އެކަނި ނަމާދުގައި އަޢުރަ ނިވާކޮށްގެން ފުދޭނެތަ؟: މުފްތީ މެންކް

މުސްލިމުންނަކީ ވަކި ތަނަކަށް ވަންނަމުން ނުވަތަ ވަކިތަނެއްގައި އުޅެމުން ވަކިގޮތަކަށް އުޅެންޖެހޭ ބައެއް ނޫނެނެވެ. މުސްލިމުންނަކީ އެމީހަކު އުޅޭ ކޮންމެ ތަނެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެންޖެހޭ ބައެކެވެ. އެހެންކަމުން ހަމައެކަނި ނަމާދުކުރަންވުމުން އަޢުރަ ނިވާ ކުރާ އަންހެނުންނާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ.

އަމިއްލައަށް ވިސްނައިލުމުން ވަރަށް ފުރިހަމައަށް ޖަވާބު ލިބޭނެއެވެ. އަންހެނަކު މިސްކިތަށް ވަންނަނީނަމަ ނިވާވެއެވެ. އަދި ގޭގައި ހުރެ ނަމާދުކުރި ނަމަވެސް ނިވާވެއެވެ. ނިވާވަނީ ކީއްކުރަން ހެއްޔެވެ؟ ޖަވާބަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކަމަށްވާނަމަ ރުހިވޮޑިގަތުން ހޯދަން މިސްކިތަށް ދިއައިރު ނުވަތަ ނަމާދުކުރަން ފެށުމުގެ ކުރިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުން ނުވަނީހެއްޔެވެ؟ ﷲ ތަޢާލާ އެންގެވި ގޮތުގައި ހުރުމުން ލިބެން އޮތް ރުހިވޮޑިގަތުން ހޯދަން މަސައްކަތް ނުކޮށް ތިއަ އުޅެނީ ކީއްވެގެން ހެއްޔެވެ؟ މިކަންކަމަށް އެކަނި ވިސްނައިލި ނަމަވެސް ފުދޭނެއެވެ.

ހަމައެޢާއިއެކު ޙައްޖުވުމަކީ ފަރުޟެއްކަން ޤަބޫލުނުކުރާ މުސްލިމަކު ނުހުންނާނެއެވެ. ޙައްޖަށް ދާން ބޭނުން ނުވާ މުސްލިމަކުވެސް ނުހުންނާނެއެވެ. ޙައްޖަށް ފުރަން ވުމުންނާއި ޙައްޖަށް ގޮސް ތިބޭއިރު ތިބެނީ ނިވާވެގެންނެވެ. އެހެންކަމަށްވާއިރު ނިވާނުވެ ދިރިމިއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިކަންކަމަށް އަމިއްލައަށް ވިސްނައިލުމުން އަންހެނުން އަބަދުވެސް ތިބެން ޖެހޭނީ ނިވައިވެގެންކަން އެނގިގެންދާނެއެވެ. ކޮންމެހެން މީހަކު މަޖުބޫރުކުރާކަށްވެސް ނުޖެހެއެވެ. އެހެނީ އެއްވެސް މީހަކު ތިމާއަށް އެކަން މަޖުބޫރު ނުކުރި ނަމަވެސް އެއީ ކުރަންޖެހޭ ކަމެއްކަން އެނގިގެންދާނެއެވެ.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން