ޢުމަރުގެފާނު ވާހަކަ 2: އިސްލާމްވެވަޑައިގަތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
ޢުމަރުގެފާނު ވާހަކަ 2: އިސްލާމްވެވަޑައިގަތުން

އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«اللَّهُمَّ أَعِزَّ الإِسْلَامَ بِأَحَبِّ هَذَيْنِ الرَّجُلَيْنِ إِلَيْكَ بِأَبِي جَهْلٍ أَوْ بِعُمَرَ بْنِ الخَطَّابِ» قَالَ: وَكَانَ أَحَبَّهُمَا إِلَيْهِ عُمَرُ. [1]

މާނައީ: "އޭ ﷲ! އަބޫ ޖަހުލާއި ޢުމަރު ބުން އަލްޚައްޠާބުގެ ތެރެއިން އިބައިލާހުގެ ޙަޟްރަތުގައި އެންމެ ލޯބިވެވޮޑިގެންވާ މީހަކު މެދުވެރިކުރައްވާ އިސްލާމްދީނަށް ޢިއްޒަތް ދެއްވާނދޭވެ!" 

(އިބްނު ޢުމަރު رضي الله عنهما) ވިދާޅުވިއެވެ.

"އެ ދެމީހުންގެ ތެރެއިން އެއިލާހުގެ ޙަޟްރަތުގައި އެންމެ ލޯބިވެވޮޑިގެންވާ ފަރާތަކީ ޢުމަރުގެފާނެވެ." 

ފަހެ، ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم ގެ ދުޢާ އިޖާބަކުރެއްވިއެވެ. އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނުތާ 6 ވަނަ އަހަރު ޢުމަރުގެފާނު އިސްލާމުވެވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރަކީ 33 އަހަރެވެ. އެކަލޭގެފާނުގެ ކުރިން 39 ފިރިހެން ބޭކަލުންނާއި 11 އަންހެނުން ކަނބަލުން އިސްލާމުވެވަޑައިގެންނެވިއެވެ.

އިސްލާމުވެވަޑައިގެންނެވުމުގެ ކުރިން ޢުމަރުގެފާނަކީ ޤުރައިޝުންގެ ތެރެއިން މުސްލިމުންނަށް އެންމެ ހަރުކަށި ފަރާތެވެ. 

އެކަލޭގެފާނުގެ އުޚްތު، ފާޠިމާއާއި އެކަމަނާގެ ފިރިކަލުން ސަޢީދު ބުން ޒައިދަށްވެސް އެކަލޭގެފާނުގެ ފަރާތުން ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިވަޑައިގަތެވެ. އެގޮތުން އެދެކަނބަލުން އިސްލާމުވުމުން އެދެކަނބަލުންނަށް އަދަބުދެއްވައި ބެންނެވިއެވެ.  

ތަޢާލާ އެކަލޭގެފާނަށް ހިދާޔަތު ދެއްވުމުން އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އިސްލާމްދީނުގެ ކަންތައްތައް ޤަބޫލުކުރެއްވުނު މިންވަރުގެ ބޮޑުކަމުން، އިސްލާމްވެވަޑައިގެންނެވުމަށް ފަހު، އެކަމާ ފަޚުރުވެރިވެވަޑައިގެން، އެކަން އިޢުލާން ކުރެއްވިއެވެ. ދެން ފަހެ، ޤުރައިޝުން އެކަލޭގެފާނު ވަށައިލިއެވެ. އަދި ޤުރައިޝުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތަޅަމުން ދިޔައެވެ. އަދި އެކަލޭގެފާނުވެސް އެބައިމީހުންނާ ދެކޮޅަށް ތަޅުއްވަމުން ގެންދެވިއެވެ. އެއީ އަލްޢާޞް ބުން ވާއިލު އައްސަހްމީ އައިސް އެކަލޭގެފާނު ދިފާޢުކުރަންދެނެވެ.  

އެކަލޭގެފާނު އިސްލާމްވެވަޑައިގަތުން ވެގެންދިޔައީ އިސްލާމްދީނަށް ލިބުނު ޢިއްޒަތަކަށެވެ. އަދި މައްކާގައި ނިކަމެތިކަމުގައި ތިބި މުސްލިމުންނަށް ލިބުނު ނަޞްރަކަށެވެ. ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. 

"ގަންދީ ބުނަމެވެ. ގެފުޅުގެ ވަށައިގެން ފާޅުކޮށް ނަމާދުކުރުމަށް ތިމަންމެން ނުކުޅެދިފައިވީމެވެ. އެއީ ޢުމަރުގެފާނު އިސްލާމްވެއްޖައުމަށް ދާންދެނެވެ." 

އަދިވެސް ވިދާޅުވިއެވެ.

"ޢުމަރުގެފާނު އިސްލާމްވެވަޑައިގެންނެވި ފަހުން ތިމަންމެންނަށް ޢިއްޒަތް ގެއްލިގެން ނުދެއެވެ." 

އެކަލޭގެފާނުގެ ޘާބިތުކަމާއި، ވަރުގަދަކަމާ އަދި ހައިބަތުގެ ސަބަބުން، ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނަކީ ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތެކެވެ. އަދި އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމަށް ފަހު، އެޞިފަތަކަކީ މުސްލިމުންގެ ތެރެއިން ނިކަމެތިވެފައިވާ މީހުންނަށް ފައިދާކުރާނެކަމެއް ކަމުގައި ﷲ ތަޢާލާ ލެއްވިއެވެ. 

- އަލްއުޚްތު އުންމު ޢަބްދިﷲ

މިއަދު އޮންލައިން