ކިތަންމެ ކުޑަކަމަކަށް އެދިގެން ދުޢާ ކުރާނަމަވެސް އެއީ ކުޑަ ކަމެއް ކަމުގައި ނުދެކޭށެވެ! ސައިޒު ބަލަންވީ އެދޭ ކަންތަކުގެ އެއް ނޫނެވެ. އެހެނީ އެއްވެސސް ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑުކަމެއް ނޫނެވެ.
ބޮޑުވެގެންވަނީ ދުޢާކުރުމެވެ. އެހެނީ އެއީ ތިމާ ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުމެކެވެ. ވީމާ ދުޢާ ކުރުމަކީ ހަމަ ހުރެފައި ކޮށްލާ އާދައިގެ ކަމަކަށް ނުހަދާށެވެ. ދުޢާ ކުރުމުގެ ކުރިން ވުޟޫކޮށް ދެ ރަކްޢަތް ނަމާދެއް ކުރުމަށް ރަސޫލް (ﷺ) ހަދީޘްފުޅު ކުރެއްވެވިކަން ސާބިތުވެފައިވާތީއެވެ.
ރުކޫޢުގައި ﷲ ތަޢާލާ މަތިވެރިކުރާށެވެ! އަދި ސަޖިދައިގައި ﷲ ތަޢާލާއަށް ދުޢާކުރާށެވެ. ދުޢާ ކުރުމަށް ރޭގަނޑުގެ ތިންބައިން ފަހުބައި ޚާއްޞަކުރާށެވެ! އެންމެ މަތިވެރި ވަގުތަކީ އެއީއެވެ. ސަޖިދައިގައި އޮވެ އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ.
ވީމާ ރަމަޟާން މަހުވެސް މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ރަމަޟާން މަހުގެ މާތްކަން ލިބިގަތުމަށް ޓަކައެވެ. ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމަށްޓަކައެވެ. ހަމައެއާއިއެކު ބަންގި ޢާއި ޤަމަތާއި ދެމެދު ދުޢާކުރަން ހަނދާން ނައްތައިނުލާށެވެ! ބަންގި ގޮވުމުން އަވަހަށް މިސްކިތަށް ދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް އެއީއެވެ. ބަންގި ނިމުމުން ސުންނަތްކުރުމަށްފަހު ދުޢާ ކުރާނެ ވަގުތުކޮޅެއް ހޯދުމެވެ.
ބައެއް މުސްލކިމުން ރަމަޟާން މަހު ރޯދަ ހިފަނީ ހަމަ އެކަނި ރޯދައަށް ހުރެ ދުޢާކޮށް ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތުން ކަންކަމަށް އެދުމުގެ ބޭނުމުގައެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ރޯދަ ހިފަންވާނީ އިސްލާމް ދީނުގެ އެ ރުކުން ފުރިހަމަކުރުމަށެވެ. ރޯދަ ހިފުމުގެ ސަވާބާއި ދަރުމަ ލިބިގަތުމަށެވެ. އެ މަޤްޞަދުގައި ރޯދައަށް ހުރެ ވީހައި ގިނައިން ދުޢާކުރަންވީއެވެ. އެމީހަކު އެދޭހައި ކަންކަމުގެ ވާހަކަ ދަންނަވަންވީއެވެ.
ހަމައެފަދައިން ބައެއް މީހުން ހަމައެކަނި ދުޢާ ކުރުމުގެ ބޭނުމުގައި ފަރުޟު ޙައްޖު އަދާކުރުމަށް ވެސް އެބަ ދެއެވެ. ނަމަވެސް ޙައްޖަށް ދާން ޖެހޭނީ އެ މަތިވެރި ރުކުން އަދާކުރުމުގެ ބޭނުމުގައެވެ. ޙައްޖަށް ގޮސް ހުރުމުގެ ތެރޭގައި އެމީހަކު ބޭނުން ވަރަކަށް ހަމަ ދުޢާކުރަންވީއެވެ. އެދެން ބޭނުންވާހައި ކަންކަމަށް އެދި ދަންނަވަންވީއެވެ. ރޯދަވެރިން ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުއްވަވާނެތެވެ. ހަމައެފަދައިން މާތްވެގެންވާ ޙަރަމްފުޅުގައި ކުރެވޭ ދުޢާއަކީ އެހައިމެ މަތިވެރިވެގެންވާ ދުޢާއެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން