ސަބާގެ ރަނިކަމަނާ، ބިލްޤީސް ރަނިންގެ ވާހަކަ 2: ސިޓީފުޅު ރައްދުކުރެއްވުމާ ސުލައިމާނުގެފާނުގެ ހޮވާލެއްވުން އިމްތިޙާންކުރެއްވެވުން

މިއަދު
ކިޔުމަށް ހޭދަވާނީ 13މ 30ސ
ސަބާގެ ރަނިކަމަނާ، ބިލްޤީސް ރަނިންގެ ވާހަކަ 2: ސިޓީފުޅު ރައްދުކުރެއްވުމާ ސުލައިމާނުގެފާނުގެ ހޮވާލެއްވުން އިމްތިޙާންކުރެއްވެވުން

ސިޓީފުޅު ރައްދުކުރެއްވުން: 

ހުދުހުދު ވަރަށް ހަލުވިކަމާއެކު ދަތުރުކޮށް ސަބާއަށް ހިނގައްޖެވެ. އަދި سليمان عليه السّلام، ގެ ސިޓީފުޅު بِلْقِيسُ ގެ ރަސްކަމުގެ ދަރުބާރަށް އެއްލައިލިއެވެ. ދެން ކަންތައްވެގެން ދާނެގޮތަކަށް އިންތިޒާރުގައި މަޑުކޮށްގެން އެބައިމީހުންނަށް ނުފެންނާނެހެން އިނެވެ. 

ސަބާގެ ރަނިކަމަނާއަށް ސިޓީފުޅު ފެނިވަޑައިގެންނެވިއެވެ. އެސިޓީފުޅު ލިބިވަޑައިގެންނެވުމުން އެކަމަނާ އެ ސިޓީފުޅުގެ ޢިބާރާތް ވިދާޅުވިއެވެ. ވިދާޅުވުމަށްފަހު، ރަސްކަމުގެ ކޮއިލުތެރެއަށް ބޮޑުން އެއްކުރުމަށް ޚާއްޞަ އަމުރެއްކުރެއްވިއެވެ. އެކަމަނާގެ އެ އަމުރުފުޅާ އެއްގޮތަށް ވަރަށް އަވަހަށް އެތަން މިތަނުން ރަސްކަމުގެ ބޮޑުންނާއި ވަޒީރުން އައިސް ރަސްކަމުގެ ދަރުބާރު ފުރާލިއެވެ. ދެން އެކަމަނާ އެ ސިޓީފުޅު އެބައިމީހުންނަށް ބަޔާންކޮށްދެއްވިއެވެ. އެވާހަކަ ޙިކާޔަތުގެ ގޮތުން ނަމްލު ސޫރަތުގެ 29 ވަނަ އާޔަތުން ފެށިގެން 31 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

قَالَتْ يَا أَيُّهَا الْمَلَأُ إِنِّي أُلْقِيَ إِلَيَّ كِتَابٌ كَرِيمٌ ﴿٢٩﴾ إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿٣٠﴾ أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ ﴿٣١

މާނައީ: [(ސިޓީ ލިބުމުން) އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑުންނޭވެ! ހަމަކަށަވަރުން، މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ. އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ  އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!] 

މިސިޓީ އެކަމަނާގެ ދޫފުޅުޅުން ރަސްކަމުގެ ދަރުބާރަށް އެއްވެފައިވާ މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށްފަހު، އެކަމަނާ ބޮޑުންނާއި ސުވާލެއް ކުރެއްވިއެވެ. އެއީ އެސިޓީއަށް ދެއްވާނެ ރައްދަކާއި މެދުގައެވެ. މި ވާހަކައަށް އިޝާރާތް ކުރައްވައި ނަމްލު ސޫރަތުގެ 32 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

قَالَتْ يَا أَيُّهَا الْمَلَأُ أَفْتُونِي فِي أَمْرِي مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ ﴿٣٢﴾ 

މާނައީ: [އެކަމަނާ ވިދާޅުވިއެވެ. އޭ (قوم ގެ) ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް އަހުރެންނަށް ބުނެދޭށެވެ! ތިޔަބައިމީހުން އަހުރެންނާއެކު حاضر ވެއްޖައުމަށްދާނދެން އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ.] 

ދެން ސަބާގެ އިސްވެރިން އެކަމަނާއަށް ޖަވާބު އެރުވިއެވެ. އަހަރެންމެނަކީ މުއްސަނދި އަތުގެ މުލައްދަނޑީގެ ބާރު ހުރި ބަޔަކީމުއެވެ. އާރާއި ބާރު ހުރި ބަޔަކީމުއެވެ. ކަންތައް ހަމަޖައްސަވާނެގޮތެއް އެނގިވަޑައިގަންނަވާނި ކަމަނާއަށެވެ. ކަމަނާ ކުރައްވާނެ ތަދުބީރެއް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. މިވާހަކަ ނަމްލު ސޫރަތުގެ 33 ވަނަ އާޔަތުގައި މާތްﷲ  ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

قَالُوا نَحْنُ أُولُو قُوَّةٍ وَأُولُو بَأْسٍ شَدِيدٍ وَالْأَمْرُ إِلَيْكِ فَانظُرِي مَاذَا تَأْمُرِينَ ﴿٣٣

މާނައީ: [އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންމެންނީ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ، ކަމަނާ ކުރައްވާނެ أمر އަކާމެދު ވިސްނަވާށެވެ!] 

އެބައިމީހުން އެހެން ދެންނެވުމުން بِلْقِيسُ އަށް އެބައިމީހުންގެ ކިޔަމަންތެރިކަން އެނގިވަޑައިގަތެވެ. އެބައިމީހުން ރަސްކަން ޙިމާޔަތްކުރުމަށް ޖާނާއި މާލުން ފިދާވާނެކަން އެނގިވަޑައިގަތެވެ. ނަމަވެސް بِلْقِيسُ ރަނިން سليمان عليه السّلام އާ ހަނގުރާމަކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވައެވެ. އެއަށް ވުރެ އެކަމަނާގެ ބުއްދިފުޅު ފުރިހަމައެވެ. އެހެނީ ރަސްކަލަކު ގަދަބާރުން ރަށަކަށް އަރައިފިނަމަ، އެރަށެއް ތަޅާ ސުންނާފަތިކުރާނެކަން އެކަމަނާއާށް އެނގިވަޑައިގަންނަވައެވެ. މިވާހަކަ ނަމްލު ސޫރަތުގެ 34 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ. 

قَالَتْ إِنَّ الْمُلُوكَ إِذَا دَخَلُوا قَرْيَةً أَفْسَدُوهَا وَجَعَلُوا أَعِزَّةَ أَهْلِهَا أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ ﴿٣٤

މާނައީ: [އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فساد ކުރައްވައި، އަދި އެރަށެއްގެ أهل ވެރިންކުރެ عزّة ތެރިން ނިކަމެތިކުރައްވަތެވެ. އަދި އެއުރެން ކަންތައްކުރައްވަނީ އެފަދައިންނެވެ.] 

މިދެންނެވި މޭރުމުން بِلْقِيسُ އެކަމަނާގެ ބޮޑުންނާ މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ  سليمان عليه السّلام  އަށް ވަރުގަދަ ވެދުންބަރުތީލައެއް ފޮނުއްވުމަށެވެ. އެއީ އެކަލޭގެފާނަކީ ނަބިއްޔެއްތޯ ނުވަތަ ދުނިޔެ އެދުމަށް އުޅުއްވާ ރަސްކަލެއްތޯ ބެއްލެވުމަށެވެ. އެކަމަނާ ވިދާޅުވި ބަސްފުޅު ޙިކާޔަތުގެ ގޮތުން ނަމްލު ސޫރަތުގެ 35 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

وَإِنِّي مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةٌ بِمَ يَرْجِعُ الْمُرْسَلُونَ ﴿٣٥

މާނައީ: [އަދި ހަމަކަށަވަރުން، ތިމަންކަމަނާ އެއުރެންނަށް ހަދިޔާއެއް މިފޮނުއްވަނީއެވެ. ދެން (އެ ހަދިޔާއާއިގެން) ފޮނުވޭމީހުން އެނބުރި އަންނަނީ ކޮންއެއްޗަކާއިގެންތޯ ބައްލަވަން ތިމަންކަމަނާ انتظار ކުރައްވާނަމެވެ.] 

عبد اللّـه بن عبّاس رضى اللّـه عنه  ވިދާޅުވެފައިވެއެވެ. بِلْقِيسُ އެކަމަނާގެ ވަޒީރުންނާއި ބޮޑުންނަށް މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. އަހަރެމެން މިފޮނުވާ ހަދިޔާ سليمان عليه السّلام، ޤަބޫލުފުޅު ކުރައްވައިފިނަމަ، ހަމަ ޔަޤީނުންވެސް އެކަލޭގެފާނަކީ ރަސްކަލެކެވެ. އެހެން ވެއްޖެނަމަ އެކަލޭގެފާނާ ހަނގުރާމަ ކުރައްވާށެވެ. އެކަލޭގެފާނު ހަދިޔާ ޤަބޫލުފުޅު ނުކުރައްވާނަމަ، ޝައްކައެއްނެތް ގޮތުގައި އެކަލޭގެފާނަކީ، ނަބީބޭކަލެކެވެ. އެހެންވެއްޖެނަމަ ޖެހޭނީ އެކަލޭގެފާނާ ތަބާވާށެވެ. 

މިދެންނެވި އާޔަތުގެ ތަފްސީރުގައި، ޤަތާދާ ވިދާޅުވެފައިވެއެވެ. [މާތްﷲ، بِلْقِيسُ އަށް ރުއްސުންލައްވާށިއެވެ. އެކަމަނާ އިސްލާވެވަޑައިގަތުމުގެ ކުރިންނާއި އިސްލާމްވެވަޑައިގަތުމަށްފަހުވެސް ވެވަޑައިގެންނެވީ ނުހަނު ބުއްދިފުޅު ފުރިހަމަ ބޭކަނބަލަކަށެވެ. ހަދިޔާދެއްވުމަކީ މީސްތަކުންނަށް ރަނގަޅު އަސަރެއް ކުރާނެކަމެއްކަން އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 7 ވަނަ ޖިލްދު، ޞަފްޙާ 320-321} 

علاّمة إبن كثير رحمه اللّـه، تفسير القرآن العظيم  ގައި ވިދާޅުވެފައިވެއެވެ. [ސަލަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ އަދަދެއްގެ މުފައްސިރުން ވިދާޅުވެފައިވެއެވެ. بِلْقِيسُ ރަނިކަމަނާ، سليمان عليه السّلام، އަށް ފޮނުވި ހަދިޔާތަކުގެ ތެރޭގައި ހިމެނެނީ ވަރަށް ގިނަ އަދަދެއްގެ ރަނާއި، ޖަވާހިރާއި ޔާޤޫތެވެ. އެނޫންވެސް ވަރަށް ގިނަ އަދަދެއްގެ އަގުބޮޑެތި ތަކެތި އެކަލޭގެފާނަށް ފޮނުއްވިއެވެ. ނަމަވެސް سليمان عليه السّلام، އެބައިމީހުން ގެނައި ހަދިޔާތަކަށް ބައްލަވައިވެސް ނުލައްވައެވެ. އެއްވެސް ވަރެއްގެ ސަމާލުކަމެއް އެ ހަދިޔާތަކަށް ނުދެއްވިއެވެ.] 

ޙަޤީޤަތުގައި، سليمان عليه السّلام، އެކަލޭގެފާނުގެ ސިޓީފުޅުގައި އަންގަވައިފައިވަނީ بِلْقِيسُ އިސްލާމްވެވަޑައިގެން އެކަލޭގެފާނުގެ ހިރިޔާފާތުރާގެ ދަށަށް އައުމަށެވެ. ނަމަވެސް، އެބައިމީހުން އޭގެ ބަދަލުގައި ފޮނުވީ ބައިވަރު ހަދިޔާތަކެކެވެ. އެހެންކަމުން އެކަލޭގެފާނު އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. ނަމްލު ސޫރަތުގެ 36 އަދި 37 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

فَلَمَّا جَاءَ سُلَيْمَانَ قَالَ أَتُمِدُّونَنِ بِمَالٍ فَمَا آتَانِيَ اللَّـهُ خَيْرٌ مِّمَّا آتَاكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ ﴿٣٦﴾ ارْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَا أَذِلَّةً وَهُمْ صَاغِرُونَ ﴿٣٧

މާނައީ: [ފަހެ (އެކަމަނާ ފޮނުއްވި) މީހުން سليمان ގެފާނުގެ އަރިހަށް އައިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مدد ކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ. ތިޔަ ހަދިޔާއާއިގެން އެއުރެންގެ ގާތަށް އެނބުރިދާށެވެ! ފަހެ، އެއުރެންނަށް ދެކޮޅުހެދުމަށް ކުޅަދާނަވެގެންނުވާފަދަ لشكر އަކާއިގެން އެއުރެންގެ ގާތަށް ހަމަކަށަވަރުން، އަހުރެމެން ދާހުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެން ދެރަވެ، ނިކަމެތިވެގެންވާ حال ގައި، އެރަށުން އެއުރެން ބޭރުކުރާހުށީމުއެވެ.] 

سليمان عليه السّلام، ގެ އެ އިންޒާރުގެ ބަސްފުޅު އަޑުއިވިވަޑައިގެން އެބައިމީހުން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެފަދަ ބޮޑު ޢިއްޒަތްތެރި ރަސްކަލެއްގެ ފަރާތްޕުޅުން އެފަދަ ނިކަމެތި ބަސްތަކެއް އިވުމުން އެބައިމީހުންނަށް ކުރެވުނީ ކުށެއްކަން އެނގިވަޑައިގެންނެވިއެވެ. އެހެންކަމުން އެބައިމީހުން އަވަހަށް އެ ޚަބަރު ރަނިކަމަނާއަށް ދެއްވުމަށް ސަބާއަށް މިސްރާބު ޖެހިއެވެ. 

ސަބާއަށް ގޮސް بِلْقِيسُ ރަނިކަމަނާއަށް އެ ޚަބަރު ދެއްވުމުން އެކަމަނާ ޤަޞްދުކުރެއްވީ سليمان عليه السّلام، ގެ އަރިހަށް ބޮޑުންގެ ވަފުދަކާއެކު ވަޑައިގެންނެވުމަށެވެ. يزيد بن رومان ވިދާޅުވެފައިވާކަމަށް ابن إسحاق ރިވާކުރައްވައިފައިވެއެވެ. [بِلْقِيسُ ފޮނުވި ވަފުދު އެނބުރި އައިސް އެކަމަނާގެ އަރިހުގައި ކަންހިނގައި ދިޔަގޮތުގެ ފުރިހަމަ ރިޕޯޓެއް ހުށައެޅިއެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. މާތްﷲ ގަންދެމެވެ. އެކަލޭގެފާނަކީ ދުނިޔަވީ އެދެމަކާއިގެން އުޅޭ ރަސްކަލެއްނޫންކަން ތިމަންކަމަނާއަށް އެނގިއްޖެއެވެ. އެކަލޭގެފާނާ ކުރިމަތިލުމުގެ އެއްވެސް އާރެއް ބާރެއް އުރަތްޕެއް އަހަރެމެންގެ ނެތެވެ. އެކަލޭގެފާނާ ގަދަކަން ދައްކައިގެން އަހަރެމެންނަށް ލިބޭނެ އެއްވެސް މޮޅެއްނެތެވެ.] 

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން