ސަބާގެ ރަނިކަމަނާ، ބިލްޤީސް ރަނިންގެ ވާހަކަ 3: ސުލައިމާނުގެފާނުގެ އަރިއަހަށް ވަޑައިގަތުމާ ތަޚުތު ގެންނަވައި ސިފަ ބަދަލުކުރެއްވެވުން

މިއަދު
ކިޔުމަށް ހޭދަވާނީ 14މ 40ސ
ސަބާގެ ރަނިކަމަނާ، ބިލްޤީސް ރަނިންގެ ވާހަކަ 3: ސުލައިމާނުގެފާނުގެ އަރިއަހަށް ވަޑައިގަތުމާ ތަޚުތު ގެންނަވައި ސިފަ ބަދަލުކުރެއްވެވުން

ސުލައިމާނުގެފާނުގެ އަރިއަހަށް ވަޑައިގަތުން: 

ދެން އެކަމަނާ، سليمان عليه السّلام އަށް ސިޓީފުޅެއް ލިޔުއްވިއެވެ. އެސިޓީފުޅުގައި އެކަމަނާ ލިޔުއްވައިފައިވެއެވެ. [އަޅުގަނޑު އަޅުގަނޑުގެ ޤައުމުގެ ބޮޑުންގެ ޖަމާޢަތަކާއެކުގައި ވަރަށް އަވަހަށް ކަލޭގެފާނުގެ އަރިހަށް އެބަދަމެވެ. ކަލޭގެފާނު ގޮވައިލައްވާ ދީނަކީ ކޮބައިކަމާއި ކަލޭގެފާނު އަޅުގަނޑުމެންނަށް އަމުރުކުރައްވާނެ ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑުމެން ބެލުމަށްޓަކައެވެ.] 

ދެން އެކަމަނާ އެކަމަނާގެ ވެރިކަމުގެ ބޮޑުންނަށް ފަތްތޫރަ ހިންގެވީ އެކަމަނާގެ ވެރިކަމުގެ ތަޚްތު ވަރަށް ރައްކާތެރިކަމާއެކުގައި ފޮރުވުމަށެވެ. އެގޮތުން ރަސްކަމަމުގެ ކޮއިލު ތެރޭގެ ހަތް ކޮޓަރީގެ ތެރެއިން އެންމެ އެތެރޭގައިވާ ކޮޓަރިއަށް އެ ތަޚްތުލައި ރައްކާތެރި ކުރުމަށްވެސް އެންގެވިއެވެ. އެކަމަނާގެ ތަޚްތަކީ ވަރަށް އަގުބޮޑު ޖަވާހިރާއި ޔާގޫތާއި ރަނާއި ރިހިން އަތްކަންކޮށް ޖަރީކޮށްފައިވާ ތަޚްތެކެވެ. އެކަމަނާ ދަތުރަށް ތައްޔާރުވަމުން އެކަމަނާގެ ވަޒީރެއްގެ ގޮތުގައި ރަށުގައި ބެހެއްޓުމަށް ކަނޑައެޅި މީހާއަށް އެންގެވިއެވެ. 

[އަހަރެންގެ ރައްޔިތުންނަށާއި އަހަރެންގެ ތަޚްތައް ރައްކާތެރިވާށެވެ. އަހަރެން އެނބުރި އައުމުގެ ކުރިން އެއްވެސް މީހަކު އެތަޚްތު ހުރިތަނަށް ވަނަނުދޭށެވެ. އެ ތަޚްތު އެއްވެސް މީހަކަށް ދައްކައިގެން ނުވާނެއެވެ.]

އެހެން ވިދާޅުވެފައި އެކަމަނާ سليمان عليه السّلام، ގެ އަރިހަށް ވަޑައިގެންނެވުމަށްޓަކައި ފުރާވަޑައިގެންނެވިއެވެ. އެކަމަނާގެ އަރިހުގައި ޔަމަނުގެ ބާރަހާސް ކޮމާންޑަރުން ދިޔައެވެ. އެއިންކޮންމެ ކޮމާންޑަރެއްގެ ދަށުން އެތައްހާސް ސިފައިންނެއް ދިޔައެވެ. سليمان عليه السّلام، ކޮންމެ ރެޔަކު ޖިންނީން ފޮނުވައިގެން އެލަޝްކަރުގެ ޚަބަރުތައް ބައްލަވަމުން ގެންދެވިއެވެ. ދެން بِلْقِيسُ ގެ ލަޝްކަރު ކައިރިއަށް އައުމުން سليمان عليه السّلام، އެކަލޭގެފާނުގެ ބޮޑުންނަށް ވިދާޅުވިއެވެ. 

[އޭ ބޮޑުންނޭވެ! އެއުރެން ބޯލަނބައި ކިޔަމަންވެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި، އެކަމަނާގެ تخت ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ، ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަތްވަނަ ޖިލްދު، ޞަފްޙާ 321}

سليمان عليه السّلام، ގެ ދޫފުޅުން އެބަސްފުޅު އިވުމުން އެތާންގައި ހާޒިރުވެހުރި އިފްރީތަކު ދެންނެވިއެވެ. [ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ.] ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް އަމާނާތްތެރިއަކީމެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 39 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ ﴿٣٩﴾ 

މާނައީ: [ޖިންނީންގެ ތެރެއިން عفريت އަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانة ތެރިއަކީމެވެ.] 

ސުއްދީ ވިދާޅުވެފައިވެއެވެ. [سليمان عليه السّلام، ގެ އާދަފުޅަކީ، ފަތިހުން ފެށިގެން މެންދުރު ވަޤުތުވުމުގެ ނިޔަލަށް މީސްތަކުންގެ މެދުގައި ފައިޞަލާ ކުރެއްވުމާއި އަމުރުމައުރޫފު ހިންގެވުމުގައި ޤާއިމުވެވަޑައިގެން އިންނެވުމެވެ.] 

[އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانة ތެރިއަކީމެވެ] މި ބަސްފުޅުގެ ތަފްސީރުގައި عبد اللّـه بن عبّاس رضى اللّـه عنه  ވިދާޅުވެފައިވެއެވެ. [ބާރުގަދައޭ އޮތް ބަސްފުޅުގެ މުރާދަކީ، އެ ތަޚްތު އުފުލޭވަރުގެ ބާރުގަދަކަން އެ އިފްރީތަށް ލިބިގެންވާކަމުގައެވެ. އަމާނާތްތެރިކަމޭ އޮތް ބަސްފުޅުގެ މުރާދަކީ، އެ ތަޚްތުގައިވާ ރަނާއި ރިއްސާއި ޖަވާހިރުފަ ފަދަ އަގުބޮޑެތި މަޢުދަންތަކަށް ރައްކާތެރިވުމެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަތްވަނަ ޖިލްދު، ޞަފްޙާ 324} 

ކޮންމެއަކަސް، سليمان عليه السّلام، ބޭނުންފުޅުވެވަޑައިގެންނެވީ، بِلْقِيسُ ރަނިކަމަނާގެ ތަޚްތު އެ އިފްރީތު ބުނި ވަރަށް ވުރެ އަވަސް މިނެއްގައި ގެނެއުމަށެވެ. ޙަޤީޤަތުގައި އެކަލޭގެފާނު بِلْقِيسُ ރަނިކަމަނާގެ ތަޚްތު ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ، އެކަލޭގެފާނުގެ ނަބީކަމުގެ ދަޢުވާއަކީ ތެދު ދަޢުވާއެއްކަން ސާބިތުކޮށް ދެއްވެވުމެވެ.  

سليمان عليه السّلام، بِلْقِيسُ ރަނިކަމަނާގެ ތަޚްތު އެކަލޭގެފާނުގެ އަރިހަށް އެންމެ އަވަހަށް ޙާޟިރުކުރެވޭނެ ގޮތަކާމެދު އަނެއްކާވެސް ސުވާލު ކުރައްވައި ވިދާޅުބަސްފުޅު އިއްވެވިއެވެ. އެއަޑު އައްސަވައި އެތަނުގައި ޙާޟިރުވެވަޑައިގެން އިންނެވި ފޮތުގެ ޢިލްމު ލިބިފައިވާ ބޭކަލަކު ދެންނެވިއެވެ. [ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ތަޚްތު ގެނެސްދީފާނަމެވެ.] މިވާހަކަ ނަމްލު ސޫރަތުގެ 40 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ. 

قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿٤٠

މާނައީ: [(ބާވައިލެއްވި) ފޮތުން علم ލިބިފައިވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި އެ تخت ބެހެއްޓިފައިހުއްޓައި ފެނިވަޑައިގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ. شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكر ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفس އަށެވެ. އަދި (نعمة އަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.] 

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ.  މި އާޔަތުގައިވާ ފޮތުގެ ޢިލްމު ލިބިފައިވާ މީހާއާ ބެހޭގޮތުން عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވެއެވެ. [އެއީ ސުލައިމާނުގެފާނުގެ ކާތިބު آصف އެވެ.] ޔަޒީދު ބުނު ރޫމާން ވިދާޅުވެފައިވެއެވެ. [އޭނާގެ ނަމަކީ، آصف بن برخياء އެވެ. އޭނާއަކީ ޞިއްދީޤެކެވެ. އޭނާ الاسم الأعظم ދަނެއެވެ.] ޤަތާދާ ވިދާޅުވެފައިވެއެވެ. [އޭނާއަކީ އިންސާނުންގެ ތެރެއިން ހިމެނިގެންވާ މުއުމިނެކެވެ. ނަމަކީ آصف އެވެ. އެއީ ބަނީއިސްރާއީލުންގެ ތެރޭގައި ހިމެނިގެންވާ މީހެކެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަތްވަނަ ޖިލްދު، ޞަފްޙާ 324} 

ކޮންމެއަކަސް، آصف بن برخيا،  މާތް ގެ ޙަޟްރަތަށް ދެރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. އެއަށްފަހު މާތްﷲ ގެ އިސްމުފުޅުން ދުޢާކުރެއްވުމުން އެސްފިޔަ ޖަހާލައިހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަލްޤިޝް ރަނިކަމަނާގެ ތަޚްތު ހުރީ سليمان عليه السّلام، ގެ ކުރިފުޅު މަތީގައެވެ. އެ ތަޚްތު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔަމަނުގެ ސަބާއިން ބައިތުލް މަޤްދިސަށް ގެނެވުމުން މާތް ގެ ކުޅަދުންވަނަތަކަމާއި سليمان عليه السّلام، އަށް ދެއްވައިފައިވާ ރަސްކަމުގެ ބޮޑުކަން އެކަލޭގެފާނަށް ތަޞައްވުރު ކުރެއްވެވުނެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވިއެވެ. 

[މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. އެއީ އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ. شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكر ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفس އަށެވެ. އަދި (نعمة އަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.] 

މިދެންނެވި ފަދައިން ވިދާޅުވަމަށްފަހު، سليمان عليه السّلام، އެކަލޭގެފާނުގެ ދަރުބާރަށް ޙާޟިރުވެވަޑައިގެން ތިއްބެވި ބޮޑުންނާއި އިސްވެރިންނާ މުޚާތަބު ކުރައްވައި، ވިދާޅު ބަސްފުޅު އިއްވެވިއެވެ. [بِلْقِيسُ ރަނިކަމަނާއަށް އެނގިވަޑައިގަނޭތޯ، ނުވަތަ އެނގިވަޑައިނުގަނޭތޯ ބެއްލެވުމަށް، ތިޔަބައިމީހުން އެކަމަނާގެ ތަޚްތު ގެ ސިފަ ބަދަލުކޮށްލާށެވެ.] މިވާހަކައަށް އިޝާރާތް ކުރައްވައި ނަމްލު ސޫރަތުގެ 41 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

قَالَ نَكِّرُوا لَهَا عَرْشَهَا نَنظُرْ أَتَهْتَدِي أَمْ تَكُونُ مِنَ الَّذِينَ لَا يَهْتَدُونَ ﴿٤١

މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމަނާއަށް އެނގިވަޑައިގަނޭތޯ، ނުވަތަ އެނގިވަޑައިނުގަނޭތޯ ބެއްލެވުމަށް، ތިޔަބައިމީހުން އެކަމަނާގެ تخت ގެ ސިފަ ބަދަލުކޮށްލާށެވެ!] 

މިދެންނެވި އާޔަތުގެ ތަފްސީރުގައި عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވާކަމަށް އަލްޙާފިޡު އިބްނު ކަޘީރު، ލިޔުއްވައިފައިވެއެވެ. [އެ އާޔަތުގައިވާ ތަޚްތުގެ ސިފަ ބަދަލުކުރުމަކީ، އެ ތަޚްތުގައިވާ އަގުބޮޑެތި މަޢުދަންތައް ވަކިކޮށް އެ ތަޚްތުގެ ބައެއް ބައިތައްވެސް ވަކިކުރުމެވެ.] މުޖާހިދު ވިދާޅުވެފައިވެއެވެ. [سليمان عليه السّلام، އަމުރުފުޅު ކުރެއްވީ އެކަމަނާގެ ތަޚްތުގެ ސިފަ ބަދަލުކުރެއްވުމަށެވެ. ރަތްކުލައިގައިވާ ތަންތަން ރީނދޫން ކުލަޔަށެވެ. ފެހިކުލައިގައިވާ ތަންތަން ރަތްކުލަޔަށެވެ.] ޢިކްރިމާ ވިދާޅުވެފައިވެއެވެ. [سليمان عليه السّلام، ގެ އަރިސްބޭކަލުން އެތަޚްތުން ބައެއް ބައިތައް ވަކިކުރައްވައި، ބައެއް ތަކެތި އެ ތަޚްތަށް އިތުރު ކުރެއްވިއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަތްވަނަ ޖިލްދު، ޞަފްޙާ 327} 

ކޮންމެއަކަސް، މިދެންނެވި ފަދައިން بِلْقِيسُ ރަނިކަމަނާގެ ތަޚްތަށް ބަދަލުތަކެއް ގެނެވުނެވެ. ދެން بِلْقِيسُ ރަނިކަމަނާ އެކަމަނާގެ ރަސްމީ ޢިއްޒަތުގައި سليمان عليه السّلام، ގެ ރަސްކަމުގެ ދަރުބާރަށް ވަދެވަޑައިގެންނެވިއެވެ. سليمان عليه السّلام، ގެ ރަސްކަމުގެ ބިޔަކަމާއި އެކަލޭގެފާނަށް މާތްﷲ، ދެއްވައިފައިވާ ނިޢުމަތްތައް ދެކެވަޑައިގެން އެކަމަނާ ވަރަށް ބޮޑަށް ޙައިރާންވެވަޑައިގެންނެވިއެވެ. އެކަމަނާ ވަޑައިގެންނެވުމުން ސިފަ ބަދަލުކުރެވިފައިވާ އެކަމަނާ ގެ ތަޚްތަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ.

[ކަމަނާގެ ތަޚްތު ވަނީ މިފަދައިންތޯއެވެ.]

سليمان عليه السّلام، بِلْقِيسُ ރަނިކަމަނާ އާ މުޚާތަބު ކުރައްވައި މިހެން ވިދާޅުވުމުން އެކަމަނާ ވަރަށް ފުން ނަޒަރަކުން އެ ތަޚްތަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [މިތަޚްތާއި އަޅުގަނޑުގެ ތަޚްތާއި ދާދި އެއްކަހަލައެވެ.] މިވާހަކައަށް އިޝާރާތް ކުރައްވައި ނަމްލު ސޫރަތުގެ 42 ވަނަ އާޔަތާއި 43 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

فَلَمَّا جَاءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُ هُوَ ۚ وَأُوتِينَا الْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ ﴿٤٢﴾ وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ اللَّـهِ ۖ إِنَّهَا كَانَتْ مِن قَوْمٍ كَافِرِينَ ﴿٤٣

މާނައީ: [ފަހެ، އެކަމަނާ ވަޑައިގަތުމުން ދެންނެވިއެވެ. ކަމަނާގެ تخت ވަނީ މިފަދައިންތޯއެވެ. އެކަމަނާ ދެންނެވިއެވެ. އެއާއި މިއާ ހަމަ އެއްފަދައެވެ. (سليمان ގެފާނު ވިދާޅުވިއެވެ.) އެކަމަނާގެ ކުރިން ތިމަންމެންނަށްވަނީ، علم ލިބިފައެވެ. އަދި (އެކަމަނާގެ ކުރިން) ތިމަންމެން مسلم ންކަމުގައި ވީމުއެވެ. އަދި اللَّه ފިޔަވައި އެކަމަނާ އަޅުކަންކުރައްވާ ތަކެތި، އެކަމަނާ (ތެދުމަގުން) އެއްކިބާކުރިއެވެ. ހަމަކަށަވަރުން، އެކަމަނާވީ، كافر قوم އެއްގެ މީހުންގެ ތެރެއިންނެވެ.]

 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން