ސުވާލު:. ނަމާދަށް ހުންނައިރު ނޭވާހާސްވެ ހިތްބިރުގަންނަނީ ކީއްވެތޯ؟
ޖަވާބު:. ނަމާދަށް ހުންނައިރުގާ ނޭވާހާސްވެ ހިތްބިރުގަންނަ ކަމަށްވަނީނަމަ އޭގެ މާނައަކީ އޭނަގެކޮންމެވެސް ކަހަލަ މައްސަލަތަކެއް އޭނަގެ ޞިއްޙީ މައްސަލަތަކެއް ނުވަތަ އޭނަގެ ރޫޙާނީ ގޮތުންވެސް ކޮންމެސްކަހަލަ މައްސަލަތަކެއް އެބައުޅެއޭ،
އެހެން ގަޑިތަކުގާ ނުވާކަމެއް ހަމައެކަނި ނަމާދަށް އެރީމާ އެހެންވާންވެއްޖެ ކަމުގައިވަނީނަމަ އޭގެ މާނައަކީ ކޮންމެވެސް ކަހަލަ ޝައިޠާނީ އުނދަގޫ ތަކެއް އޭނަޔަށް އެބައުޅެޔޭ ނަމާދު ކުރެވުނަނުދޭން ޝައިޠާނާ އޭނާޔަށް އެބަ އުދަގޫތަކެއް އެބަކުރުވާ. އެހެންވީމާ އެކަހަލަ ކަންތައްތަކުން ސަލާމަތްވުމަށްޓަކައި ޙަޤީޤަތުގާ އެންމެ ރަގަޅު ގޮތަކަށްވާނީ ޝައިޠާނާގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތްކުރުން. އަޅުގަނޑުމެން އަބަދުވެސް އެކަމަށް މަސައްކަތް ކުރަން ޖެހޭނެ. ޝައިޠާނާގެ މައްޗަށް ގަދަވެގަތުމަށްޓަކައި އަޅުގަނޑުމެން ކުރާ އެންމެމުހިންމު އެއް މަސައްކަތަކީ ބަރާބަރަށް ފަރުޟު ފަސްނަމާދަށް ރައްކާތެރިވުން.
ފަރުޟު ފަސްނަމާދަށް އޭގެ ވަޤުތުގައި ރައްކާތެރި ވުމާއެކީގާ އަދި ހެނދުނާއި ހަވީރުގެ ޛިކުރުތައް ބަރާބަރަށް ކިޔައި އަދި ﷲގެ ޙަޟްރަތުން ޝައިޠާނާގެ ވަސްވާސްތަކާއި އޭނާގެ އުދަގޫތަކުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުމާއެކީގާ އަޅުގަނޑުމެން މަސައްކަތްކުރާކަމުގައި ވަނީނަމަ إنْشَاء الله އަޅުގަނޑުމެން ނަށް އެފަދަ ކަންތައްތަކުން ސަލާމަތްކަން ހޯދަން ފަސޭހަވާނެ.
ދެން އެހެންވީމާ ތިގޮތަށް ނަމާދަށް އެރީމާ ތިކަހަލަ ކަންތައްތައް މެދުވެރިވާ ކަމަށްވަނީނަމަ އަޅުގަނޑަށް ދެންނެވޭނީ ހަމަ ގަދައަޅާ މަސައްކަތް ކުރާށޭ! އެހެންވީ ކަމުގައިވީނަމަވެސް ނަމާދު ފުރިހަމަކުރަން މަސައްކަތް ކުރާށޭ! އެއީ ޙަޤީޤަތުގާ އެކަން އެއަންނަނީ ހަމަ ޝައިޠާނާ މީހާ މާޔޫސްކޮށްލުމަށްޓަކައި! ތިމަންނާ ނަމާދަށް އެރީމާ ހާސްވަނީއޭ، ނޭވާލާން އުދަގޫ ވަނީއޭ އެހެންވީމާ ދެން ތިމަންނަޔަކަށް ނަމާދެއް ނުކުރެވޭނޭ ކިޔާ އެގޮތުންވެސް މީހާ ނަމާދުން ދުރުހެލިކުރުވޭތޯ ބެލުމަށްޓަކައި ޝައިޠާނާ ކުރުވާހާ ކަންތައްތައް އެހުންނަނީ!
އެހެންނަމަވެސް އަޅުގަނޑުމެން ޝައިޠާނާގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމެއްނެތި އަޅުގަނޑުމެން ގަދަކަން ދައްކާ އަޅުގަނޑުމެން ބާރުގަދަކޮށްފި ކަމަށްވަނީނަމަ އެންމެފަހުން ޝައިޠާނާ މާޔޫސްވެގެން އަޅުގަނޑުމެން ދޫކޮށްލާފާ ދާނެ إنْشَاء الله
- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް