(ޢުމަރުގެފާނު) އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތް ވިދާޅުވެދެއްވުމުން، އެއަށްފަހު އެ ރައުޔާ އެއްގޮތަށް ޤުރުއާނުގައި އާޔަތްތައް ބާވައިލައްވާފައިވެއެވެ. ފަހެ، އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“مَا نَزَلَ بِالنَّاسِ أَمْرٌ قَطُّ فَقَالُوا فِيهِ وَقَالَ فِيهِ عُمَرُ إِلَّا نَزَلَ فِيهِ القُرْآنُ عَلَى نَحْوِ مَا قَالَ عُمَرُ”.
މާނައީ: "މީސްތަކުންނަށް ކަމެއް ދިމާވެގެން އެކަމުގައި ޢުމަރުގެފާނު މިފަދައިން ވިދާޅުވެއްޖެއޭ ބުނެވިއްޖެނަމަ، ޢުމަރުގެފާނު އެ ވިދާޅުވި ގޮތަށް ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވިގެން ދެއެވެ."
މިއިން ދަލީލުކޮށްދެނީ ﷲ ތަޢާލާ ޢުމަރު رضي الله عنه އަށް ދެއްވަފައިވާ ބުއްދިވެރިކަމާއި ދުރުވިސްނުމާއި ޙިކުމަތްތެރިކަމެވެ. އަދި އެކަލޭގެފާނުގެ ރައުޔުގެ ފުރިހަމަކަމެވެ. އެކަލޭގެފާނުގެ ރައުޔާ އެއްގޮތަށް ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުމުން، އެކަލޭގެފާނުގެ ރައުޔުގެ ފުރިހަމަކަން ދޭހަވެއެވެ. ނަބިއްޔާ صلى الله عليه وسلم ވެސް ވަނީ މިކަމަށް އިޝާރާތްކުރައްވާފައެވެ.
«إِنَّ اللَّهَ جَعَلَ الْحَقَّ عَلَى لِسَانِ عُمَرَ وَقَلْبِهِ». [2]
މާނައީ: "ހަމަކަށަވަރުން ﷲ ވަނީ ޢުމަރުގެފާނުގެ ދޫފުޅާއި ހިތްޕުޅުގައި ޙައްޤު ލައްވާފައެވެ."
އަދި އަބޫހުރައިރާ رضي الله عنه ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَقَدْ كَانَ فِيمَا قَبْلَكُمْ مِنَ الأُمَمِ مُحَدَّثُونَ، فَإِنْ يَكُ فِي أُمَّتِي أَحَدٌ، فَإِنَّهُ عُمَرُ».
މާނައީ: "ހަމަކަށަވަރުން އިސްވެ ދިޔަ އުންމަތްތަކުގައި مُحَدَّث ން ވިއެވެ. ފަހެ މި އުންމަތުގައި އޭގެ ބޭކަލަކުވާނަމަ ފަހެ އެއީ ޢުމަރުގެފާނެވެ."
مُحَدَّثُون އަކީ مُحَدَّثގެ ގިނަގޮތެވެ. އެބަހީ: އިލްހާމުވެވޭ ބޭކަލުންނެވެ. އެއީ އެބޭކަލުންނަށް ހީވާގޮތް، ތެދުވާ ބޭކަލުންނެވެ. އަދި ބުނެވެއެވެ. އެއީ ޤަޞްދަކާ ނުލާ އެމީހެއްގެ ދޫމަތިން ޙައްޤުބަސް ބުނެވޭ މީހުންނެވެ.