ދުންފަތުގެ އިސްތިއުމާލްކުރާ މީހުން އެމީހުން ބޯ ސިގިރޭޓްގެ ދުންތައް އެހެން މީހުންގެ އަނގައަށް ފޮނުވާލައިގެން އެހެން މީހުންނަށް ބޯންދެއެވެ. އިންޞާފަކީ ކޮބައިތޯއެވެ؟
- ޑރ. ޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާ
މިއީ ދުވަސްކޮޅެއް ކުރިން އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިބްރާހީމް ޒަކަރިއްޔާ ކުރައްވާފައިވާ ވަރަށް މުހިންމު ސުވާލެކެވެ. މިސުވާލު ކިޔުންތެރިންގެ ސަމާލުކަމަށް އަލުން މިގެނައީ މިސުވާލަށް ދޭންޖެހޭ ސަމާލުކަން ލިބޭތަން އަދިވެސް ނުފެންނާތީއެވެ. އަދި މިކަމަށް ހޭލުންތެރިކުރުވަން އެއްވެސް މަސައްކަތެއް ކުރެވޭތަންވެސް ނުފެންނާތީއެވެ. ކޮންމެވެސް ބައަކު ފޮނުވާ ދުންތައް ނުބޮއި މަގުތަކުގައި ހިނގެން ނެތުމުންނެވެ.
މިމައްސަލައަށް ބަލާއިރު މިއީ ޑަބްލިޔޫއެޗްއޯ އިން ވެސް ވަރަށް ބޮޑަށް ފާހަގަކުރަމުން އަންނަ މައްސަލައެކެވެ. ޑަބްލިޔޫއެޗެއޯ އިން ބުނަނީ ދުންފަތުގެ އިސްތިޢްމާލު ކުރާ މީހާއަށް ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުން އެމީހާ ބޭރުކުރާ ދުމުން އެހެން މީހުންނަށް ލިބޭ ކަމަށެވެ.
މިސަބަބަށްޓަކައި އަވަށްޓެރި ބައެއް ޤައުމުތަކުގައިވެސް މިހާރު ވަނީ ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢްމާލުކުރުން މްނާކޮށްފައެވެ. އެކަން ކޮށްފިނަމަ ޖުރުމަނާ ކުރުމުގެ އިތުރުން އަދަބުވެސް ދެއެވެ. ނަމަވެސް ރާއްޖޭގައި މިފަދަ އެއްވެސް ފިޔަވަޅެއް ނުއަޅައެވެ.