ވަގުތު ޖެހުމުން ނަމާދުކުރަން ހަނދާންކޮށްދީ ބާރުނާޅާ ގޭގެއަށް ބަރަކާތެއް ނުލައްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ވަގުތު ޖެހުމުން ނަމާދުކުރަން ހަނދާންކޮށްދީ ބާރުނާޅާ ގޭގެއަށް ބަރަކާތެއް ނުލައްވަވާނެ!: މުފްތީ މެންކް

"ނަމާދުކުރަން އަވަހަށް އަންނާށެވެ! ފަލާޙް ލިބިގަންނަން އަވަހަށް އަންނާށެވެ!" މިއީ ކޮންމެ ދުވަހަކު ތަކުރާރުކޮށް 20 ފަހަރު އިވޭ އަޑުތަކެވެ. ކޮންމެ އަޑެއް 10 ފަހަރު ތަކުރާރުވާގޮތަށެވެ. ވީމާ އެއީ އާދައިގެ ވާހަކައެއް ކަމަށް ހީނުކުރާށެވެ.

ވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަންނަންވާނެއެވެ. އަދި ގޭގައި ތިބި އެންމެންނަށް ހަނދާންކޮށްދީ ނަމާދުކުރަން ބާރުއަޅަންވާނެއެވެ. އެކަން ނުކުރާނަމަ އެގެއަކަށް ﷲ ތަޢާލާ ރަޙްމަތެއް ނުލައްވަވާނެއެވެ. ނަމަވެސް މިބުނަނީ އެމީހުން އިމްތިޙާން ކުރެއްވެވުމަށްޓަކައި ކަންތައްތަކެއް މިންވަރުނުކުރައްވަވާނެ ވާހަކައެއް ނޫނެވެ.

އަހަރެމެން ބޭނުންވެގެން މިއުޅެނީ ތަނަވަސްކަމެވެ. ތަނަވަސްކަމަކީ ކިތަންމެ ގިނައިން ލިބުނަސް ހިތްފުރޭނެ ކަމެއް ނޫނެވެ. ހިތްފުރޭނީ ކެތްތެރިވެ ނަމާދުކުރުމުންނެވެ.

ތަނަވަސްކަމަށް އެދޭ މީހާ މި 3 ކަންތައް ކުރުމުގައި ސާބިތުވާށެވެ.

1 ނަމާދުކުރުން

2. ނަމާދުކުރަން އެހެން މީހުންނަށް ހަނދާންކޮށްދިނުން

3. ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރުމާއިއެކު ގިނަގިނައިން ތައުބާވުން

ތައުބާވުމުގެ ވާހަކަދައްކާއިރު ހަދާންކުރާށެވެ! ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތް ނުކުރާ ޙާލު ތައުބާވުމަކީ ބަހާއި އަމަލުދިމާވާނެ ކަމެއް ނޫނެވެ. ވީމާ ފުރަތަމަ ކަމަކަށް ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން