بِلْقِيسُ އިސްލާމްވެވަޑައިގެންނެވުން
بِلْقِيسُ، سليمان عليه السّلام ގެ އަރިހަށް ވަޑައިގެންނެވުމުގެ ކުރިން، އެކަލޭގެފާނުވަނީ ކަނޑުގެ ލޮނުގަނޑުގެ މަތީގައި ވަރަށް ބޮޑު ގަނޑުވަރެއް ބިނާކުރައްވައިފައެވެ. އެކަލޭގެފާނު އެ ގަނޑުވަރު ބިނާ ކުރައްވާފައިވަނީ ޖިންނީން ލައްވައި މަސައްކަތް ކުރައްވައިގެންނެވެ. އެގަނޑުވަރު ފެންމަތީގައި ބިނާކޮށްފައި ހުރިއިރު، ބިއްލޫރީގެ ސާފުކަމާއި އޮމާންކަމުގެ ސަބަބުން ކަނޑުގައިވާ މަސްމަހާ މެއްސާއި ދިރޭތަކެތި ފެންނަހައިވެއެވެ. މީހަކަށް ފުރަތަމަ އެ ގަނޑުވަރު ފެނިއްޖެނަމަ ހީވަނީ އެއީ ސީދާ ކަނޑުހެންނެވެ.
سليمان عليه السّلام އެފަދަ ބޮޑު ގަނޑުވަރެއް ބިނާ ކުރެއްވުމުގެ އެއްބޭނުންފުޅަކީ މާތްﷲ އެކަލޭގެފާނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ބޮޑުކަމާއި ގިނަކަން އެކަމަނާއަށް ދެއްކެވުމެވެ. މާތްﷲ ގެ ކުޅަދުންވަންތަކަން އެކަމަނާއަށް ހާމަކޮށްދެއްވުމެވެ. ދެންފަހެ، بِلْقِيسُ އެގަނޑުވަރަށް ވަދެވަޑައިގެންނެވުމަށް ދެންނެވުމުން އެކަމާ ހީފުޅު ކުރެއްވީ އެއީ ބޮޑުފެންގަނޑެއްކަމަށެވެ. އެހެންކަމުން އެކަމަނާގެ ހެދުންކޮޅުގެ ފަސްބައި ކޮށިކުރައްވައިގެން ފެންގަނޑަކަށް އެރޭމީހެއްފަދައިން ފައިންޕުޅު ކަޝްފުކުރެއްވިއެވެ. سليمان عليه السّلام ވިދާޅުވިއެވެ.
[އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ.]
سليمان عليه السّلام އެހެން ވިދާޅުވުމުން، بِلْقِيسُ ރަނިކަމަނާ އެގަނޑުވަރަށް ވަދެވަޑައިގެންނެވިއެވެ. އަދި އެކަމަނާއަށް سليمان عليه السّلام އަށް މާތްﷲ ދެއްވައިފައިވާ ރަސްކަމުގެ ބޮޑުކަމާއި ނިޢުމަތްތަކުގެ ބޮޑުންކަން ތަޞައްވަރުކުރެވި، ވަގުތުން އިސްލާމްވެވަޑައިގެންނެވިއެވެ. އެކަމަނާ ދުޢާފުޅު ކުރައްވައި ވިދާޅުވިއެވެ.
[އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.]
މިދެންނެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ނަމްލު ސޫރަތުގެ 44 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
قِيلَ لَهَا ادْخُلِي الصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚقَالَ إِنَّهُ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّي ظَلَمْتُ نَفْسِي وَأَسْلَمْتُ مَعَ سُلَيْمَانَ لِلَّـهِ رَبِّ الْعَالَمِينَ ﴿٤٤﴾
މާނައީ: [އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ! ފަހެ، އެކަމަނާއަށް އެތަން ފެނިވަޑައިގަތްހިނދު، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު كشف ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެކަމަނާ إسلام ވުމަށް سليمان ގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.]
بِلْقِيسُ ރަނިކަމަނާ އިސްލާމްވެވަޑައިގެންނެވުމަށްފަހު سليمان عليه السّلام، އެކަމަނާ އާއި ކާވެނިބައްލައިގެންނެވި ކަމަށާއި އެކަމަނާ ރަނިކަންކުރެއްވީ ސަބާގައިކަމަށާއި ރަސްކަން ކުރެއްވީ ބައިތުލް މަޤްދިސްގައިކަމުގައި ތާރީޚުގެ ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ. ޙަޤީޤަތަކީ މިފަދަ އެއްވެސް ރިވާޔަތެއް ސާބިތުވާ ވަރަށް ހެއްކެއްނެތްކަމެވެ. މިފަދަ ގިނަ ވާހަކަތައް ރިވާވެފައިވަނީ ޔަހޫދީންގެ ފަރާތުންނެވެ. އެބައިމީހުންވަނީ ނަބީބޭކަލުންގެ ސީރަތުގެ އޮޅުންބޮޅުންކޮށް އެބޭކަލުންނަށް ނިސްބަތް ކުރަން ހެޔޮނުވާފަދަ އެތައް ވާހަކަތެއް ހަދާފައެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް