އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އެމީހުންގެ ކިބައިގައި ތަނަވަސްކަން ނެތުމުން ދުނިޔެއިން އަމިއްލަ ގެދޮރު ހޯދުމުގެ ކުޅަދާނަކަން ނުލިބޭ ބައެކެވެ. (މިހާރު އެންމެ ގިނަ ބައަކު ކަންބޮޑުވަނީ ޝަރުޠު ހަމަނުވާތީ ފްލެޓް ނުލިބިގެންނެވެ.) އެހެނަސް ކިތަންމެ އަތްމަތި ދަތި މީހަކަށް ނަމަވެސް ސުވަރުގެއިން ގަނޑުވަރެއް ހޯދިދާނެއެވެ. އެކަން ކަށަވަރުކުރަން އޮތް ކަމަކީ ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ކުރަމުން ގެންދިއުމެވެ.
ރަވާތިބު ސުންނަތުގައި ހިމެނޭ 12 ރަކްޢަތަކީ ފަތިސް ނަމާދުގެ ކުރިން ކުރާ 2 ރަކްއަތާއި މެންދުރު ނަމާދުކުރިން ކުރާ 4 ރަކްޢަތާއި މެންދުރު ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި މަޣްރިބް ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި ޢިޝާ ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތެވެ. މި 12 ރަކްޢަތަކީ ރަވާތިބު ސުންނަތުގައި ހިމެނޭ 12 ރަކްޢަތެވެ. ވީމާ ސުވަރުގެއިން ގެއެއް ލިބުމަށް އެދޭ މީހާ މި 12 ރަކްޢަތް ކުރުން މަތީގައި ދެމިހުންނާށެވެ. މިއީ ޞަޙީހް ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ.
މީގެ އިތުރުން ޢަޞްރު ނަމާދުގެ ކުރިން 4 ރަކްޢަތް (2 ރަކްޢަތުން) ކޮށްފި މީހަކަށް ﷲ ތައާލާ ރަހްމަތް ލައްވަވާނެ ކަމަށް ހަދީޘްގައި ބަޔާންވެގެންވެއެވެ. އަދި މަޣްރިބް ނަމާދުގެ ކުރިންނާއި ޢިޝާ ނަމާދުގެ ކުރިން 2 ރަކްޢަތް ކުރަން ބޭނުން މީހަކަށް އެކަން ކުރަން ވެސް ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. ނަމަވެސް މި 8 ރަކްޢަތް ރަސޫލް (ﷺ) ކުރެއްވެވިކަން އެނގޭކަށް ނެތެވެ.
--ޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގެ ދަރުސަކުން