ޢިމްރާންގެ އަނބިކަނބަލުންގެ ވާހަކަ 1: މަރްޔަމްގެފާނަކީ ދަރިމައިނުވާ ބޭކަނބަލަކު ދުޢާކުރެއްވުމުން ދެއްވެވި ދަރިކަނބަލެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 40ސ
ޢިމްރާންގެ އަނބިކަނބަލުންގެ ވާހަކަ 1: މަރްޔަމްގެފާނަކީ ދަރިމައިނުވާ ބޭކަނބަލަކު ދުޢާކުރެއްވުމުން ދެއްވެވި ދަރިކަނބަލެއް!

ޢިމްރާންގެ އަނބިކަނބަލުންގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ އާލުޢިމްރާން ސޫރަތުގައާއި މަރްޔަމު ސޫރަތުގައެވެ. އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހު ވިދާޅުވެފައިވާ ގޮތުގައި ޢިމްރާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ حَنَّةُ بِنْتُ فَاقُوذُ بن قتيل އެވެ. އިސްލާމީ ތާރީޚުގައި ދެ ޢިމްރާނެއްގެ ނަންފުޅު ފާހަގަ ކުރެވިފައިވެއެވެ. އެއީ މޫސާގެފާނާއި ހާރޫނުގެފާނުގެ ބަފައިކަލުން عِمْرَانُ بْنُ يَصْهَر އާއި މަރްޔަމުގެފާނުގެ ބަފައިކަލު عِمْرَانُ بْنُ مَاثانَ އެވެ. ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ ޢިމްރާނަކީ، މަރްޔަމުގެފާނުގެ ބަފައިކަލުން عِمْرَانُ بْنُ مَاثانَ އެވެ. 

أنوار التنزيل އޭ ކިޔުނު ތަފްސީރުގައި البيضاوي ލިޔުއްވައިފައިވެއެވެ. މިދެންނެވި ދެ ޢިމްރާނުގެ ދެމެދުގައި އަށާރަ ސަތޭހަ އަހަރުގެ ދިގު މުއްދަތެއްވެއެވެ. 

މަރްޔަމްގެފާނާއިގެން އާލާސްވެއިންނެވުން: 

މަރްޔަމުގެފާނުގެ ބަފައިކަލުން عِمْرَانُ އާއި  މައިކަނބަލުން حَنَّةُ އަކީ ނުހަނު ޞާލިޙު ތަޤުވާވެރި ދެބޭކަނބަލުންނެވެ. މާތް ހަނދުމަކުރައްވާ ޒިކުރުކުރައްވަމުންގެންދެވި ދެކަނބަލުންނެވެ. އޭގެ ދެކަނބަލުން ކައިވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ އެއްތައް ދުވަހެއް ވީއިރުވެސް އޭގެ ދެކަނބަލުންނަކަށް ބޭފުޅަޅު ލިބިވަޑައެއް ނުގަންނަވައެވެ. 

މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. حَنَّةُ އަކީ ދަރިމައިނުވާ ބޭކަނބަލެކެވެ. އެއްދުވަހަކު އެކަމަނާ ޅަދަރީންނަށް ކާންދޭ ދޫންޏެއް ދެކެވަޑައިގަތެވެ. އެމަންޒަރު ފެނިވަޑައިގެންނެވުމުން ތުއްޕުޅު ބޭފުޅަކަށް ޝައުޤުވެރިވުމުގެ ޝުޢޫރު އެކަމަނާގެ ހިތްޕުޅުގައި ހިނގައިގެންދިޔައެވެ. އަދި ދަރިކަލަކު ދެއްވުން އެދިވަޑައިގެން މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. ދީލަތިވަންތަ މާތް އެކަމަނާގެ ދުޢާފުޅު އިޖާބަކުރެއްވިއެވެ. އެކަމަނާ އާލާސްވެއިންނަވައިފިއެވެ. އާލަސްވެއިންނެވުމުން އެކަމަނާގެ ބަނޑުގައިވާ ދަރިކަލުން ބައިތުލް މަޤްދިސްގައި ޚާލިސްވެ އަޅުކަން ކުރަން އިންނަވާ ގޮތުގައި ދޫކޮށްލެއްވުމަށް ނަދުރު ވިދާޅުވިއެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 419-418} 

އަރަހުށި މާތްﷲ އެކަމަނާގެ ދުޢާފުޅު ކީރިތި ޤުރްއާނުގެ އާލު ޢިމްރާނު ސޫރަތުގެ 35 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.

إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿٣٥﴾ 

މާނައީ: [عمران ގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (بيت المقدس ގެ خدمة އަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަރަސްކަލާނގެ حضرة އަށް خالص ކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) قبول ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ]. 

އަދި ނުނިމޭ 

- ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން