ކޮންމެ ކުއްޖަކުވެސް އެންމެ ބޮޑަށް އެކަމަކަށް އެދޭނެ އެއްކަމަކީ މައިންބަފައިންގެ ގާތުގައި ހުރެ އެމީހުންގެ ލޯބިލިބިގެން ބޮޑުވުމެވެ. އަދި މައިންބަފައިންވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އެމީހުންނަށް ލިބޭ ދަރިން އުފަލުގައި ގެންގުޅެ ބޮޑުކުރުމެވެ.
ކަންމިހެން އޮތްނަމަވެސް ބައެއްކުދިންގެ ޅަފަތުގައި ނުވަތަ ކުޑައިރު މައިންބަފައިން ދުނިޔެދޫކުރެއެވެ. އެއީ އެމީހުން އަމިއްލައަށް ކުރާކަމެއް ނޫނެވެ. ﷲ ތަލާ ނިންމަވާ ކަމެކެވެ. އެހެންކަމާއިއެކުވެސް މައިންބަފައިން ދުނިޔެ ދޫކުރުމުން، ޔަތީމްޙާލުގައި އުޅެ ބޮޑުވާންޖެހޭތީ ވަރަށް ގިނަކުދިން މާޔޫސްވެއެވެ.
ވީމާ އެފަދަކުދިންނަށް މިކަންވިސްނައިދޭށެވެ.
ﷲ ތަޢާލާ އެންމެ މަތިވެރިކުރައްވަވައި އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ މަޚްލޫޤަކީ އަހަރެމެންގެ ލޮބުވެތިނަބިއްޔާ މުޙައްމަދު ﷺ އެވެ. އެހެންކަމާއިއެކުވެސް އެކަލޭގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތުމުގެކުރިން ބައްޕާފުޅު އަވަހާރަވެއްޖެއެވެ. ނުހަނު ތުއްޕުޅުއިރު މަންމާފުޅު އަވަހާރަވެއްޖެއެވެ.
މިކަމުން އަންގައިދެނީ ކުޑައިރު މައިންބަފައިން ނިޔާވެ ޔަތީމް ޙާލުގައި ބޮޑުވާންޖެހުމަކީ ﷲ ތަޢަލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ދެއްވަވާ ނިޢްމަތެއްކަމެވެ. އެއްވެސް ޙާލެއްގައި އެއީ ހިތާމަކުރަންޖެހެންވީ ކަމެއް ނޫންކަމެވެ.
ހަމައެފަދައިން ޔަތީމްކުދިން ބަލަހައްޓާ މީހުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ތިމާ މިބަލަހައްޓަނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކުއްޖެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. އެކުދިންނަށް ވީހާބޮޑަށް ހެޔޮކޮށް ކަންކަން ކުރަންވާނެއެވެ. އެކަމަށް ޙައްޤު ޖަޒާ ﷲ ދެއްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން