ޝީބާ ކުޑައިރު އޭނާގެ ބައްޕަ ވަނީ މަންމަ ވަރިކޮށްލައި ގެއިން ނުކުމެގެން ގޮސްފައެވެ. ޝީބާ ބަލައި ބޮޑުކުރީ އޭނާގެ މަންމައެވެ. ޝީބާ ބޮޑުވެ ވަޒީފާއަދާކުރަންފެށިތަނުން މަންމަ ވަނީ ނިޔާވެފައެވެ. އެހެންވެ ޝީބާ ދިރިއުޅެމުން އައީ އެކަންޏެވެ.
ޝީބާގެ އަވަށްޓެރި މުސްކުޅި އަންހެނަކު އުޅެއެވެ. އޭނާގެ ހުންނަނީ ފިރިހެން ދަރިފުޅު އެކަންޏެވެ. އެކުއްޖާ ކުޑައިރު ބައްޕަ ނިޔާވުމުން ދަރިފުޅު ބަލައި ބޮޑުކުރީ މަންމައެވެ. ކުއްޖާ ބޮޑުވެ ކައިވެނިކޮށްގެން އަނބިމީހާ ގެއަށް ގެނައުމާއިއެކު މައްސަލަތައް ޖެހެންފަށައިފިއެވެ. ގެއަކީ މަންމަގެ ގެ ނަމަވެސް އަނބިމީހާ ބޭނުންވަނީ މަންމަ ގެއިން ނެރެ ފޮނުވާލުމަށެވެ.
ދަރިންގެ ކިބައިން ލިބެމުން އައި ހިތްދަތިކަމަށް ކެތްނުކުރެވިގެން އެންމެފަހުން މަންމަ ގެއިން ނުކުމެ ހިނގައިގަތީ ދާނެ ވަކިތަނެއް ހުރެގެނެއް ނޫނެވެ. ނަމަވެސް އެގޭގައި ދިރިއުޅުމަކީ ބޮޑު މުޞީބާތަކަށްވުމުން ހިތަށް ކެތްނުކުރެވިގެން ގެއިން ނުކުތީއެވެ.
އެރޭ ޝީބާ ގެއަށް އައީ 10 ޖެހިއިރުއެވެ. މުސްކުޅި އަނހެން މީހާ ކޮތަޅެއް ހިފައިގެން ހިނގާފައިދާތަން ފެނުމުން ދަނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން އޭނާގެ ޙާލަތު ކިޔައިދިނެވެ. އަވަށްޓެރިޔާގެ ވާހަކަތައް އަޑުއަހާފައި ޝީބާ އެދުނީ ޝީބާ އާއިއެކު ދިރިއުޅެން އެގެއަށް ދިއުމަށެވެ. އޭނާ އެކަން ޤަބޫލުކުރިއެވެ.
ޝީބާ އަވަށްޓެރިޔާއަށް ކަންކަން ކުރަމުން ދިއައީ ވަރަށް ރަނގަޅަށެވެ. މައިމީހާއަށްވެސް ކަންކަން ކުރާނެ ގޮތަށެވެ. އެދައްތަވެސް ޝީބާއާއިމެދު ކަންކަން ކުރަމުން އައީ އަމިއްލަ ދަރިއަކާއިމެދު ކަންކަންކުރާނެ ގޮތަށެވެ. އެހެންވެ ދެމީހުންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެކެވެ.
އެއިރު ޝީބާ ދިއައީ ލޯބީގެ ގޮތުން މީހަކާއި ގުޅި ކައިވެނިކުރަން ތައްޔާރުވަމުންނެވެ. އޭނާ އެގެއަށް އައި ރެއަކު އަވަށްޓެރިޔާ ގޭގައި ގެންގޫޅޭތަން ފެނުމުން އެއީ ކާކުތޯ ސުވާލުކުރުމުން ޝީބާ ކިޔައިދިނެވެ. އޭނާ ބުނީ ކައިވެނިކޮށްގެން ދިރިއުޅެން ބޭނުންވަނީ ދެމީހުން އެކަނި ކަމަށާއި އެދައްތަ އޭނާގެ ގެއަށް ފޮނުވައިލުމަށެވެ.
އެހެން ބުނާއިރަށް ޝީބާ ބުނީ މިހިސާބުން ދެމީހުންގެ ގުޅުން ނިމުނީ ކަމަށާއި އޭނާ އާއި ކައިވެނިކުރަންވެސް ބޭނުން ނޫން ކަމަށެވެ. ދެން އެގެއަށް ނައުމަށެވެ. ފޯނުވެސް ނުކުރުމަށެވެ. އެހިސާބުން އޭނާއަށް ޖެހުނީ ނުކުމެގެންދާށެވެ.
މިހުރިހާ ވާހަކަތަކެއް އެދައްތަ އަޑުއަހަން ހުރެފައި އޭނާ ނުކުމެގެން ދިއުމުން ޝީބާ އާއި ސުވާލުކުރިއެވެ. "އަހަރެންފަދަ ނިކަމެތި މުސްކުޅި އަންހެނަކާއިހުރެ ކުރަން އުޅުނު ކައިވެނި ހުއްޓައިިލީތީ ހަމަ ހައިރާންވެއްޖައީމެވެ. ފުރުޞަތު ދިންނަމަ ދައްތަ މިގެއިން ނުކުމެގެން ހިނގައިދާނަމެވެ. ދައްތަ ގެނައިކަމުން ތިއަލިބުނީ ކިހައި ބޮޑު ދެރައެއް ހެއްޔެވެ؟"
ޖަވާބުގައި ޝީބާ ބުންޏެވެ. "ދައްތާއެވެ! މުސްކުޅި އެކަނިވެރި މައަކަށް ރަޙުމް ނުކުރި މީހަކު އަހަރެންނަށް ރަޙުމްކުރާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ. ދައްތަ މިގެއަށް ގެނެވުނީތީ އަހަރެން ކުރަނީ އުފަލެވެ. އެއީ އެހައި ޚުލްޤް ނުބައި މީހެއްކަން މިއެނގުނީ ދައްތަ ގެއަށް ގެނެވުނީތީއެވެ. ނޫންނަމަ ކައިވެނިކޮށް ދަރިން ލިބޭފަހުން ކަންކަން އެނގުނީމާ ޖެހޭނީ މުޅި އުމުރަށް ހިތާމަކުރާށެވެ! ދައްތަ ދުވަހަކުވެސް މިގެއަކުން ނުނެރޭނަމެވެ. ޢުމުރަށް މިގޭގައި އިނދެވޭނެއެވެ. ތިއައީ އަހަރެންގެ ދެވަނަ މަންމައެވެ. އަދި ކީއްހެއްޔެވެ؟ އަހަރެންގެ މަންމަ ވެސް ދައްތަދެކެ ނުލާހިކު ލޯބިވެއެވެ. މަންމަ ދުނިޔޭގައި އިންދާ ދައްތައަށް ތިއަފަދަ ޙާލެއް ޖެހުނު ނަމަވެސް ދައްތަ ދުލެއް ނުކުރާނެއެވެ. ވީމާ ދައްތަ ގެންގުޅޭކަން އެނގިއްޖެނަމަ ކައްވަޅުގައި އޮވެގެންވެސް މަންމަ ވަރަށް އުފާކުރާނެއެވެ."
އެދައްތަ ޝީބާގެ ބޮލުގައި އަތްލައިގެން ހުރެ ދުޢާކުރިއެވެ. "ޔާ ﷲ! މިދަރިއަށް ހެޔޮލަފާ، ރަނގަޅު ފިރިއަކު ދެއްވަވާނދޭވެ! މިދަރިއަށް ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވަވާނދޭވެ! އާމީން."
ދައްތަ އެދުޢާކުރިތާ މަހެއްވެސް ނުވަނީސް ޝީބާއަށް އޮފީހުން ޕްރަމޯޝަން ލިބި މުސާރަ ބޮޑުވިއެވެ. 3 މަސް ނުވަނީސް ހެޔޮލަފާ ފިރިއަކު ލިބުނެވެ. ފިރިމީހާއަކީ އެހައި ތަނަވަސް މީހެއް ނޫންނަމަވެސް އަމިއްލަ މަސައްކަތުން ދިރިއުޅޭ ފުދުންތެރިއެކެވެ. ކައިވެންޏަށް 3 އަހަރުވީއިރު ފިރިމީހާގެ މަސައްކަތްކުރިއަރައި ތަނަވަސްކަން އިތުރުވިއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންކަން ދިމާވިގޮތެވެ. އެކުވެރިޔާގެ ނަން ފިޔަވައި އެއްވެސް ކަމެއް އެއްވެސް ވަރަކަށް ބަދަލެއް ނުކުރަމެވެ. އެކުވެރިޔާގެ ވާހަކަ އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އޭނާގެ ރުހުމާއިއެކުގައެވެ.
އަޅުގަނޑުގެ އިލްތިމާސަކީ ކިތަންމެ ހަނިދާއިރާއަކުން ނަމަވެސް ނިކަމެތި ޙާލުގައިވާ މުސްކުޅިއަކު، ޚާއްޞަކޮށް ހުވަފަތް އެކަނިވެރި އަންހެނަކަށް ޚިދުމަތްކުރަން ފުރުޞަތު ލިބިއްޖެނަމަ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ﷲ ލައްވަވާނެ ރަޙްމަތް ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ
- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް