މަރްޔަމުގެފާނު ރައްކައުވުން:
حَنَّةُ ނަދުރު ވިދާޅުވީ އެކަމަނާއަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފިނަމަ އެ ދަރިކަލުން ބައިތުލް މަޤްދިސްގެ ޚިދުމަތަށް ހުސްކޮށް ދޫކޮށްލެއްވުމަށެވެ. އެކަމަނާ އާލާސްވެއިންނަވައި އަދި ރައްކައުނުވަނީ ލޮބުވެތި ފިރިކަލުން ޢިމްރާނު އަވަހާރަވެއްޖެއެވެ. ފިރިކަލުންގެ ވަކިވެވަޑައިގެންނެވުން އެކަމަނާ ނުހަނު ކެތްތެރިކަމާއެކު ބަރުދާސްތުކުރެއްވިއެވެ. ކޮންމެއަކަސް حَنَّةُ ދުވަސްފުޅުފުރާ ފުރިހަމަވެ ރައްކައުވީ އަންހެން ބޭފުޅެކެވެ. އެކަމަނާ އެދިވަޑައިގެން އިންނެވި ފަދަ ފިރިހެން ބޭފުޅެއް ނޫނެވެ. އެވާހަކަ ކީރިތި ޤުރްއާނުގެ އާލުޢިމްރާނު ސޫރަތުގެ 36 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّـهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾
މާނައީ: [ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން اللَّه ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريم އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ.]
މިދެންނެވި އާލު ޢިމްރާނު ސޫރަތުގެ 36 ވަނަ އާޔަތުގައިވާ ބަސްފުޅުތައް އެކަމަނާ ވިދާޅުވީ ފިރިހެން ބޭފުޅަކަށް އުއްމީދު ކުރައްވައިގެން އިންނަވަނިކޮށް އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވުމުންވެ. އެކަމުގެ ސަބަބުން ލިބިވަޑައިގެންނެވި މޮޅިވެރިކަމެއްގެ ސަބަބަން އެހެން ވިދާޅުވެވުނީއެވެ. އެހެނީ އަންހެން ކުދީންނަކީ އެގޮތައް ނަދުރުބުނެގެން މުޙައްރަރު ކުރެވޭ ބައެއްނޫނެވެ. ފިތުރީ ސަބަބުތަކާހުރެ މިސްކިތުގައި އަބަދާއި އަބަދު މަޑުނުކުރެވޭނެ ބައެއް ނޫނެވެ.
ދެން އާޔަތުގައިވަނީ އެދަރިކަނބަލުންނަށް މަރްޔަމް އޭ ވިދާޅުވެ ނަންދެއްވި ވާހަކައެވެ. އެނަންފުޅު ދެއްވީވެސް ޚުދު حَنَّةُ އެވެ. އެދަރިކަނބަލުންނަށް މަރްޔަމް އޭ ވިދާޅުވެ ނަންދެއްވުމަށްފަހު حَنَّةُ ދެން އެދިވަޑައިގެންނެވީ އެދަރިކަނބަލުން ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކުރެއްމަށެވެ. އެކަމަށްޓަކައި އެދިވަޑައިގެން މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. އެދުޢާގައި މަރްޔަމުގެފާނުގެ ދަރިފަސްކޮޅުވެސް ޝާމިލުކުރެއްވިއެވެ. އަރަހުށި މާތްﷲ، حَنَّةُ ގެ ދުޢާފުޅު ވަރަށް ފުރިހަމައަށް އިޖާބަކުރެއްވިއެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" مَا مِنْ مَوْلُودٍ يُولَدُ إِلاَّ وَالشَّيْطَانُ يَمَسُّهُ حِينَ يُولَدُ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ إِيَّاهُ، إِلاَّ مَرْيَمَ وَابْنَهَا " {صحيح البخاري، كتاب التفسير، باب (وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ)، ޙަދީޘް ނަންބަރު 4548}
މާނައީ: [ޝައިޠާނާގެ ބީހުމަކާނުލައި ހަމައެއެއްވެސް ކުއްޖަކު އުފަންނުވެއެވެ. ދަރިފުޅު ވިހާތަނުން ބާރަށް ރޯންފަށަނީ ޝައިޠާނާ އެކުއްޖާގެ ގައިގައި ބީހުމުން ނެވެ. އެގޮތަށް ޝައިޠާނާ ބީހުމަކާނުލައި އުފަންވެވަޑައިގެންނެވީ މަރްޔަމުގެފާނާއި އެކަމަނާގެ ދަރިކަލުންނެވެ."
މި ޙަދީޘު ރިވާކޮށްދެއްވުމަށްފަހު އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ތިބާ އެދޭނެމަ މި އާޔަތް ކިޔަވާށެވެ. وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾ މާނައީ: [އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ].
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް