ޢިމްރާންގެ އަނބިކަނބަލުންގެ ވާހަކަ 3: ބައިތުލްމަޤްދިސްގެ އަޚްބާރުންނާ މަރްޔަމުގެފާނު ޙަވާލުކުރެއްވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 32ސ
ޢިމްރާންގެ އަނބިކަނބަލުންގެ ވާހަކަ 3: ބައިތުލްމަޤްދިސްގެ އަޚްބާރުންނާ މަރްޔަމުގެފާނު ޙަވާލުކުރެއްވުން

ޢަލީ އިޙްޞާން ފިރާޤް

ޢިކްރިމާ ވިދާޅުވެފައިވާކަމަށް އިބްނު ޖަރީރު ރިވާކުރައްވައިފައިވެއެވެ. މަރްޔަމުގެފާނުގެ މައިކަނބަލުން އެކަމަނާއާގެން ރައްކައުވެވަޑައިގެން، އެދަރިކަނބަލުން ފޮތިކޮޅަކަށް ލައްވައި ބައިތުލްމަޤްދިސްގެ އަޚްބާރުންގެ އަރިހަށްވަޑައިގެންނެވިއެވެ. އެ އަޚްބާރުންނަކީ ހާރޫނުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބައެކެވެ. އެބޭކަލުންނަކީ އެ ޒަމާނުގައި ބައިތުލްމަޤްދިސް ބެލެހެއްޓުމާ ޙަވާލެވެވަޑައިގެން ތިއްބަވާ ދީނުގެ ޢިލްމުވެރިންނެވެ. މައްކާގެ މީސްތަކުން ކަޢުބާ ބަލަހައްޓަމުން ގެންދާފަދައިން އެބައިމީހުން ބައިތުލްމަޤްދިސް ބަލަހައްޓަމުން ގެންދެއެވެ.

މަރްޔަމުގެފާނުގެ މައިކަނބަލުން އެބައިމީހުންގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [މިކުއްޖާއަކީ މިސްކިތުގެ ޚިދުމަތަށްޓަކައި އަޅުގަނޑު ނަދުރުގެންފައިވާ ކުއްޖެކެވެ. އަޅުގަނޑުވަނީ އެދަރިކަނބަލުން ދުނިޔަވީ އެންމެހައި މަސައްކަތްތަކަކުން މިނިވަންކޮށްފައެވެ. ހަމައެކަނި މިސްކިތުގެ ޚިދުމަތަށް ޚާއްޞަކޮށްފައެވެ. މިދަރިކަނބަލުން އަލުން އަނބުރާ ގެއަށް ރައްދުކުރުމެއްނެތެވެ.] 

އެކަމަނާގެ ވާހަކަފުޅު ނިމުމުން އަޚްބާރުންގެ މީސްތަކުން ބުންޏެވެ. [އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ. އަހަރެމެންނާގެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވަނީ އެދަރިކަނބަލުންގެ ބަފައިކަލުން ޢިމްރާނެވެ. ޤުރްބާންކުރުމުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ހުންވަނީވެސް އެކަލޭގެފާނެވެ.] 

އަޚްބާރުންގެ މީސްތަކުން މިވާހަކަ ދައްކަން ތިއްބާ زكريّا عليه السّلام ވަޑައިގެން ވިދާޅުވިއެވެ. [އެދަރިކަނބަލުން އަޅުގަނޑާ ޙަވާލު ކުރައްވާށެވެ. އެދަރިކަނބަލުން  އެންމެ ޙައްޤުކަން ބޮޑުވެގެންވަނީ އަޅުގަނޑަށެވެ. އެހެނީ އަޅުގަނޑު ކާވެނިކޮށްގެން މިއުޅެނީ އެދަރިކަނބަލުންގެ މައިފުށެގެ ބޮޑުދައިތައާއެވެ.] 

زكريّا عليه السّلام  މިހެން ވިދާޅުވުމުން ބައިތުލް މަޤްދިސް ބަލަހައްޓާ އަޚްބާރުން އެކަމަނާ ނުރުހުނެވެ. އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. [ތިޔަގޮތަށް ކަންތައްކުރެއްވުމަކީ އަހަރެމެންގެ ހިތްތަކަށް ފަސޭހަގޮތެއްނޫނެވެ. އެހެނީ އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ.] ދެން އެބައިމީހުން ނިންމީ ޤުރުޢަތު ލުމަށެވެ. އެބައިމީހުން ތައުރާތު ލިޔާންގެންގުޅޭ ޤަލަމްތަށް ބޭނުންކޮށްގެންނެވެ. އެބައިމީހުން އެ ޤުރުޢަތުލުމުން ޤުތުޢަތުން ހޮވިވަޑައިގެންނެވީ  زكريّا عليه السّلام އެވެ. ދެން زكريّا عليه السّلام، مريم ގެފާނުގެ ބެލެނިވެރިއެއްކަމުގައި ހަމަޖެހިގެންދިޔައެވެ.

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދެވަނަ ޖިލްދު ޞަފްޙާ 158} 

ދެން ޤުރްއާނުގައި ޢިމްރާނުގެ އަނބިކަނބަލުން حَنَّةُ بِنْتُ فَاقُوذُ ގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ މަރްޔަމު ސޫރަތުގައެވެ. މަރްޔަމުގެފާނު، ޢީސާގެފާނާއިގެން ރައްކައުވެވަޑައިގެން އެދަރިކަލުން އުރުވަޑުވައިގެން އެކަމަނާގެ ޤައުމުގެ މީސްތަކުންގެ ގާތަށް ވަޑައިގެންނެވި ވާހަކަތަކުގެ ތެރޭގައެވެ. އެބައިމީހުންނަށް މަރްޔަމުގެފާނު ފެނުމުން އައިސް އެކަމަނާއަށް ދެންނެވި ވާހަކަ މަރްޔަމް ސޫރަތުގެ 27 ވަނަ އާޔަތާއި 28 ވަނަ އާޔަތުގައި މާތް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا ﴿٢٧﴾ يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ﴿٢٨

މާނައީ: [ފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ. އޭ هارون ގެ أخت އާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.] 

މިދެންނެވި އާޔަތުން މަރްޔަމުގެފާނުގެ މައިކަނބަލުންގެ ވަރަށް ޚާއްޞަ ސިފަފުޅެއް ދޭހަވައެވެ. އެއީ އެކަމަނާގެ އިއްފަތްތެރިކަމާއި އަބުރުވެރިކަމެވެ. އެންމެހައި ފާހިޝް ނުބައި ޢަމަލުތަތަކުން އެކަމަނާ ދުރުހެލިވެވަޑައިގެން އިންނެވިކަމެވެ. ކޮންމެއަކަސް حَنَّةُ ގެ ދަރިކަނބަލުން މަރްޔަމުގެފާނަކީ އަރަހުށި މާތްﷲ ހޮއްވަވައި ޚިޔާރުކުރައްވައިފައިވާ ބޭކަނބަލެކެވެ. حَنَّةُ ގެ މާމަދަރިކަލުން ޢީސާގެފާނަކީވެސް މާތްﷲ ހޮއްވަވައި ޚިޔާރުކުރެއްވި ރަސޫލުބޭކަލުންގެ ތެރެއިން ޚާއްޞަ އިމްތިޔާޒެއް ހާސިލުކުރެއްވި ބޭކަލެކެވެ. 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން