الحمد لله رب العالمين، والصلاة والسلام على المبعوث رحمة العالمين سيدنا محمّد وعلى آله وأصحابه أجمعين. وبعد
ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން މައްސަލަތަކުގެ ތެރެއިން މީސްތަކުންނަށް އޮޅުންއަރާ ޒާތުގެ މައްސަލަތައް ހުރެއެވެ. އަދި ޙަޤީޤަތްތަކެއްވެސް ވެއެވެ. އެޙަޤީގަތްތައް ނަފީކުރުމަށްޓަކައި ބައެއްމީހުން ވަހްމު ތަކެއްގެ މައްޗަށް އެމީހުންގެ ރައުޔުތަކާއި ފެންނަ ފެނުންތައް ބިނާކުރެވޭތޯ ބަލައެވެ.
ޙަޤީޤަތުގައި އަޅުގަނޑުމެންގެ މިޒަމާނަކީ ފިތުނައާއި ދަތި އުނދަގޫ މައްސަލަތަކުން ފުރިފައިވާ ޒަމާނެކެވެ. ވީމާ މިފަދަ ޒަމާނެއްގައި އަދި މިނޫންވެސް މިފަދަ ކޮންމެ ޒަމާނެއްގައިވެސް ވަރަށްގިނަ މީހުން އެމީހުންގެ މައްސަލަތައް ޙައްލުވެ މަޤްޞަދު ތައް ޙާޞިލުވާނެ ކަމަށް ހީކޮށްގެން ނަޞީބު ބުނެދީ. އަދި ވީކަންތަކާއި ވާނެ ކަންތައް ކިޔައިދީ ޣައިބުގެ ޚަބަރުތައް ދަންނަކަމަށް ހެދިގެން އުޅޭ މީހުންގެ ގާތަށް ދިޔުމަށް އަވަސްވެގަނެއެވެ.
މިގޮތުންދެވޭ މީހުންގެ ތެރޭގައި ސިޙްރުވެރީންނޭ ކިޔޭ ބަޔަކުވެސްވެއެވެ.
ސިޙްރަކީ ޝައިޠާނާއާއި އިންސާނާއާ ދެމެދުގައި ކުރެވޭ އަޤްދެކެވެ. މިޢަޤްދުގެ ސަބަބުން ޝައިޠާނާއަށް އަޅުކަންކޮށް ޚާލިޤުވަންތަ ﷲ އަށް ކުފުރުވުމަށް އެއިންސާނާއަށް މަޖުބޫރުވެއެވެ. އަދި ދީންތަކަށް ހުތުރުބަސް ބުނެ. ޝައިޠާނާ އަމުރުކުރި ކޮންމެކަމެއް ތަންފީޒު ކުރަން އޭނާއަށް ޖެހެއެވެ. މީގެ މުޤާބިލުގައި. މީހުންނަށް ގެއްލުން ދިނުމުގެ ގޮތުން އެއިންސާނާ އެދޭ ކަންތައްތައް ޙާޞިލުކޮށްދިނުމަށް އެޝައިޠާނާ ޙަވާލުވެއެވެ.
މިހެންކަމުން ސިޙްރަކީ ކީރިތި رسول الله صلى الله عليه وسلم ބަޔާންކޮށްދެއްވާފައިވާ ފަދައިން ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ބޮޑު ފާފައެކެވެ. ފަހެ އެކަލޭގެފާނު حديث ކުރައްވާފައި ވެއެވެ:
اجْتَنِبُوا السَّبْعَ الْمُوبِقَاتِ . قَالُوا وَمَا هُنَّ يَا رَسُولَ اللَّهِ قَالَ الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ . وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ (متفق عليه)
މާނައީ: " ހަލާކުދެނިވި ހަތްކަންތަކުން (ހަތް. ބޮޑުފާފައިން) ތިޔަބައިމީހުން އެއްކިބާވާށެވެ. އެބައިމީހުން (އެބަހީ: އަރިހުގައި ތިއްބެވި ޞަޙާބީން) ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކޮންކަންތަކެއްތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ﷲ އަށް ޝަރީކު ކުރުމާއި. ސިޙްރު ހެދުމާއި. ﷲ ޙުރްމަތްތެރި ކުރެއްވި ނަފްސެއް ޤަތުލު ކުރުމާއި. ރިބާ ކެއުމާއި. ޔަތީމުންގެ މުދާ ކެއުމާއި. ހަނގުރާމައިގެ ދުވަހުގައި ފަހަތަށް އެނބުރި ފިލާން ދުވުމާއި. ކުށާމެދު ޚިޔާލެއް ނެތި ތިބި މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް قذف ކުރުމެވެ. "
މި حديث ގައި ބަޔާން ކުރައްވާފައިވާ ބޮޑު ފާފަތަކުގެ ތެރެއިން، ﷲ އަށް ޝަރީކު ކުރުމާ ވިދިގެން އައިސްފައި އެވަނީ ސިޙުރު ހެދުމުގެ ވާހަކައެވެ. ވީމާ މިކަމުންވެސް ސިޙުރުގެ ހުރި ނުބައިކަމާއި، ނުރައްކާތެރިކަން ކިތަންމެ ރަނގަޅަކަށްވެސް ދޭހަވެގެންދެއެވެ.
ސިޙްރަކީ އެއްވެސް އެއްޗެއްގެ ޙަޤީޤަތް ބަދަލުކޮށްލެވޭ އެއްޗެއް ނޫނެވެ. މިސާލަކަށް ސިޙުރުގެ ބާރުން މަށިގަނޑެއް ރަންގަނޑަކަށް ބަދަލުކޮށެއް ނުލެވޭނެއެވެ. ހަމައެކަނި ވެވޭނެ ކަމަކީ ސިޙުރުގެ އަސަރު ޖެހިފައިވާ މީހާއަށް ފެންނަފެނުން ބަދަލުކޮށްލެވޭނީ އެވެ. މިގޮތުން މަށިގަނޑެއް އެއީ ރަންގަނޑެއް ކަމަށް އޭނާއަށް ފެނިދާނެއެވެ. އެހެން ނަމަވެސް ސިޙުރަކީ އެއަށް ވާޤިޢީ ޙަޤީޤަތެއް ލިބިގެންވާ އެއްޗެއް ކަމަށް ވުމާއެކު، އެކަން ދިރާސާކޮށް އޭގެ އަސަރުތައް ބާޠިލު ކޮށްލަނިވި މަގުތައްވެސް ހޯދައި ބަލައި ދިރާސާކުރުމީ ކޮންމެހެން ބޭނުންކަމެއްކަމަށް ބައެއް ޢިލްމުވެރިން ދެކެލައްވައެވެ.
އަދި ސިޙްރަކީ ޙަޤީޤަތެއް ލިބިގެންވާ އެއްޗެއް ކަމަށް ވީހިނދު ޖާދޫގަރުންނާއި މަކަރުވެރި ޙީލަތްތެރިންނާއި ދޮގުވެރިންގެ ޢަމަލުތައް އެއީ ތެދު ޙަޤީޤަތެއް ކަމަށް ބައެއްމީހުން ހީކުރެއެވެ. ނަމަވެސް އެބައިމީހުންނަކީ މީހުންނަށް މަކަރުހަދައި އެމީހުންގެ މުދާތައް ބްލެކް މެއިލްކޮށް އަތުލުމަށްޓަކައި ސިޙުރުގެ ވަސީލަތް ބޭނުންކުރާ މީހުންނެވެ.
ކިޔުންތެރިޔާއަށް ހިތްހަމަޖެހުމަކާއި އިޠުމިއުނާން ކަމެއް ލިއްބައިދެނިވި ޙަޤީޤަތެއް ކަމަށް ބައެއް ޢިލްމުވެރި މުޙައްޤިޤުން ދެކެލައްވާ ކަމެއް ހާމަކޮށްލަމެވެ. އާދެ! އެބޭކަލުން ދެކެލައްވާ ގޮތުގައި ޙަޤީޤީ ސިޙްރާއި ޙަޤީޤީ ނުވަތަ އަޞްލު ސިޙްރުވެރިން މީގެ ނުވަދިހަ ވަރަކަށް އަހަރު ކުރިއްސުރެން ފެށިގެން އަހުރެމެންގެ ތެރެއިން މުޅިންހެން ނެތިވެ ހިނގައްޖެއެވެ. މިހާރަކު، އިރުމަތީގެ ރަށްތަކުގައިވިއަސް އަދި ހުޅަނގުގެ ރަށްތަކުގައިވިއަސް، ވަރަށްވެސް މަދު ޢަދަދެއްގެ ސިޙްރުވެރިން މެނުވީ ނުވެއެވެ. އެމީހުންގެ ނިސްބަތަކީ އެންމެ ގިނަވެގެންވެސް ކޮންމެ ދިހަ މިލިއަނަކުން އެންމެ މީހެކެވެ. މިއަށްވުރެ އިތުރުނޫން މިންވަރެކެވެ.
ސިޙްރަކީ ސަމާވީ ފޮތްތަކުގައި ވާރިދުވެފައިވާ އެއްޗެކެވެ. އަދި ބާބިލުގެ މީހުންނާއި، ހިންދީންނާއި، ސީނުކަރައިގެ މީހުންނާއި، އަދި މިނޫންވެސް މީހުން އެމީހުންގެ ލިޔުންތަކުގައްޔާއި ބިންވަޅުނެގުންތަކުގައްޔާއި، ކުރެހުންތަކުގައްޔާއި، ޞޫރަތަކުގައްޔާއި، އާޘާރީ އެއްޗެތީގައި ސިޙުރުގެ ޢިލްމު ދޫކޮށްފައިވެއެވެ. އަދި އިނގިރޭސި، ފަރަންސޭސި، އިޓަލީ، ޕޯލެންޑް، ރަޝިޔާ، ސްޕޭން، ޕޯޗްގަލް، އަދި މިނޫންވެސް ރަށްތަކުގެ ކޯރޓްތަކުގެ ރެކޯރޑްތަކާއި ފައިލްތަކުގައިވެސް ސިޙުރުގެ މައްސަލަތައް ބަޔާންވެގެންވެއެވެ. މިގޮތުން ސިޙުރުވެރިންގެ ޝަރީޢަތް ހިނގަމުންދިޔައިރު އެމީހުން ވެފައިވާ އިޢުތިރާފުތަކާއި، ސިޙުރު ހެދުމުގައި އެމީހުން ބޭނުންކޮށް އުޅުނު ތަކެއްޗާއި ސާމާނު، އަދި ޝައިޠަނާއާއެކު ކުރި ޢަޤުދުތަކާއި، މީޘާޤުތައް ޢާންމު ލައިބްރަރީތަކުގައާއި މިޔުޒިއަމްތަކުގައި އަދި އަދަށްދާންދެންވެސް ރައްކާ ކުރެވިފައި ހުރި ކަމުގައި ޢިލްމުވެރި މުޙައްޤިޤުން ލިޔުއްވާފައި އެބަހުއްޓެވެ.
މިޢިލްމަކީ ހުރިހާ ދީންތަކެއްގައިވެސް ނުރުހެވިގެންވާ ނޭދެވޭ ޢިލްމެއް ކަމަށްވީހިނދު، އިހުޒަމާނުގައި މިޢިލްމާބެހޭ ލިޔުންތައް ވަރަށް މަދެވެ. އެހެނީ ސިޙުރަކީ ނުހަނު ގެއްލުން ދެނިވި އެއްޗެކެވެ. އަދި ސިޙުރުވެރިޔާ އޭނާގެ ޢަމަލު ކާމިޔާބު ކުރުމަށްޓަކައި ﷲ ފިޔަވައި އެހެން ފަރާތަކަށް ތަވައްޖުހުވުން ޝަރުޠުވެއެވެ. ފަހެ އިހުޒަމާނުގައި މިއާބެހޭ ލިޔުންތައް މަދުވެފައިވަނީ މިހެންވެގެންނެވެ. ޚާއްޞަކޮށް ސަމާވީ ދީންތައް ބާވައިލެވި އެދީންތަކުގެ ތަޢުލީމުތައް ފެތުރުމަށް ފަހުގައެވެ. އަދި ވަކީން ޚާއްޞަކޮށް އިސްލާމްދީން އައުމަށްފަހު ސިހުރު ބާޠިލް ކުރަނިވި ގޮތްތައް އުގަންނައިދެވި، އިސްލާމްދީނަކީމުޅި އިންސާނިއްޔަތުގެ ޙަޔާތަށް ޙުކުމްކުރާ ޢާންމު މަންހަޖެއް ކަމަށް ވުމަށްފަހުގައެވެ. މިހެންކަމާއެކު، ތިމާ މަގުފުރެދި، އަނެކުން މަގުފުރެއްދުމުގެ މަގު ބަންދުވެ ދިޔައީ އެވެ.
ނަމަވެސް މާތްވެގެންވާ އިސްލާމްދީނާއި، ސަމާވީ ދީންތަކުގެ ތަޢުލީމުތަކާ ޚިލާފަށް ބައެއް ޢަމަލުތައް ސިއްރިއްޔާތުގައި ކުރަމުންދާމީހުން އަދިއަދަށް ދާންދެންވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ކޮންމެވެސް ވަރަކަށް އުޅެމުންދެއެވެ.
މިހެންކަމުން ސިޙުރުގެ މައްސަލައިގައި މީސްތަކުންގެ ވިސްނުމާއި ޚިޔާލު ތަފާތުވުމާއެކު، ކަމުގެ މުހިންމު ކަމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކަށް ހަމަޖެހުމެއް ލިބި ޙައިރާންކަން ފިލައިގެންދާނޭ ގޮތުން ސިޙުރުގެ ޙަޤީޤަތާއި، އޭގެ ސަބަބުތައް ވިސްނައިގަތުމާއެކު، ސިޙުރަކީ ކޮންއެއްޗެއްކަމާއި، އޭގެ ސިއްރުތަކަކީ ކޮބައިކަން މައުރިފާކޮށް ދެނެގަނެވޭ ހިސާބަށް އަހުރެމެން ވާޞިލުވުމަށް ބޭނުންވެއެވެ.
މިކަމަށްޓަކައި ތަފާތު ބާބުތަކަކަށް މިފޮތް ބައިކޮށްލެވިފައި ވާނެއެވެ. އެބާބުތަކުގައި ތަފާތު موضوع ތަކުގެ މައްޗަށް ވާހަކަ ދެކެވިފައިވާނެއެވެ. އެހެނީ މިގޮތުން މެނުވީ ކިޔުންތެރިޔާއަށް މައްސަލަ ސާފުވެ އަލިވެގެން އައުން ދަތިވާގޮތްވެދާނެ ކަމަށް ފެނެއެވެ.
މިފޮތް ލިޔުމުގައި އަޞްލެއް ކަމުގައި ބެލިފައިވާނީ މިޞްރުގެ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުލް އުސްތާޛު އިބްރާހީމް މުޙައްމަދު އަލްޖަމަލު ލިޔުއްވި " اَلسّحر- دِرَاسَة فى ظِلالِ القَصَصِ القرآنِى والسِّيرة النَّبَوِيَّة " މިފޮތާއި، މިޞްރުގެ އެހެން ޢިލްމުވެރިއެއް ކަމުގައިވާ ޑޮކްޓަރ السَّيِّد الجميلى އެކުލަވައިލެއްވި " سِحْرُ النَّبِيِّ (ص) – بَيْنَ الْمُؤَيِّدِيْنَ وَالْمُشَكِّكِيْن " މިފޮތެވެ. އަދި މީގެ އިތުރަށްވެސް " الطِّبِّ النَّبَوِى " لِإِبْنِ قَيِّمِ الْجَوْزِيَّة " އާއި،" تفسير آيات الأحكام " لفضيلة الأستاذ الشيخ محمّد على السَّائِس އަދި މިނޫންވެސް ތަފްސީރާއި حديث އާއި ފިޤްހާއި އިތުރު އެހެން މަރާޖިއުތަކަށް ރުޖޫޢަ ވެވިފައިވާނެއެވެ.
الله تعالى ގެ ޙަޟްރަތުން އެދެނީ މިއަޅާގެ މިޢަމަލަކީ އެކަލާނގެ ވަޖުހަފުޅަށް ޚާލިޞް ވެގެންވާ ހެޔޮޢަމަލެއް ކަމުގައި ލެއްވުމެވެ. އަދި ﷲ ގެ ފޮތާއި އެކަލާނގެ މާތްރަސޫލާގެ ސުންނަތަށް ޢަމަލު ކުރުމުގެ ތަޥްފީޤު މިއަޅާއަށާއި އެންމެހައި މުސްލިމުންނަށް ދެއްވުމެވެ. އާމީން!
(- އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)