ދަރިންގެ ކައިވެނި ރޫޅުވަން ސިހުރު ހެދުމުން ދަރިންނާ ޖިންނި އަވަލައި ކޮންމެ ފަދަ ދެރައެއްވެސް ދަރިންނަށް ލިބިދާނެކަން- ސިހުރުވެރިއެއްގެ ދުލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ދަރިންގެ ކައިވެނި ރޫޅުވަން ސިހުރު ހެދުމުން ދަރިންނާ ޖިންނި އަވަލައި ކޮންމެ ފަދަ ދެރައެއްވެސް ދަރިންނަށް ލިބިދާނެކަން- ސިހުރުވެރިއެއްގެ ދުލުން

އަހަރެންގެ ދަރިފުޅު ކައިވެނިކޮށްގެން ގެއަށް ގެނައީ އެއްވެސް އުޅުމެއް ނެތް އަންހެނެކެވެ. އެންމެ ކުޑަމިނުން ބަދިގެއަށް ވަދެވެސް ނުލައެވެ. ބަދިގެއަށް ނުވަންނަ ތަނުގައި ކައްކާ އެއްވެސް އެއްޗެއްގެ ރަހަ ކަމުދާ ކަމަކަށްވެސް ނުވެއެވެ. އަބަދުޖެހެނީ ކާއެއްޗެއްސަށް އޯޑަރުކޮށްގެން ގެނުވާށެވެ. ދެމަފިރިންގެ އަންނައުނު ދޮވެ އިސްތިރިކުރުވަނީވެސް އަގުދީގެންނެވެ. 

ޚަރަދުތައް ބޮޑުވެ ދެކޮޅު ނުޖެއްސިގެން ދަރިފުޅަށް ޖެހެނީ ރެއާއި ދުވާލު މަސައްކަތްކުރާށެވެ. އެވަރުންވެސް ދެމީހުންގެ މެދުގައި އަބަދުވެސް އޮންނަނީ މައްސަލަތައް ޖެހިފައެވެ. ކަމަކަށް އޮންނަނީ ޒުވާބުކުރުމެވެ. 

ދަރިފުޅު ކުރިން ލޯބިވެގެން އުޅުނު ވަރަށް އަޚްލާޤް ރަނގަޅު ކުއްޖަކު ހުރެއެވެ. އަހަރެން ބޭނުންވީ އަބިމިހާގެ ކިބައިން ދަރިފުޅު ސަލާމަތްކޮށް ކޮންމެ ގޮތަކުންނަމަވެސް ދަރިފުޅާއި އޭނާގެ ކައިވެނިކުރުވާށެވެ. އެހެންވެ ސިހުރުވެރިއެއްގެ އެހީތެރިކަން ހޯދީމެވެ. އޭނާ ދިނީ ސައިފަތެކެވެ. ބުނީ އެއިން ދަރިފުޅަށް ސައިދިނުމަށެވެ. 

އެކަންކުރަންފެށިތަނާ ދަރިފުޅު އަނބިމީހާގެ މަތިން ފޫހިވެ އަނބިމީހާ ވަރިކޮށްފައި ފޮނުވާލައިފިއެވެ. ލިބުނު ފުރުޞަތުގައި ދަރިފުޅުގެ ކުރީގެ ލޯބިވެރިޔާ ގެއަށް ގެންނަން ފަށައިފީމެވެ. އެދެމީހުންގެ މެދުގައި ގުޅުން އުފެދި ކައިވެނިކުރަން ނިންމައިފިއެވެ. 

އެކަމާއިވީ އުފަލުގެ ބޮޑުކަމުން އަހަރެން ސިހުރުވެރިއެއްގެ ގާތަށް ގޮސް އެހީތެރިކަން ހޯދިވާހަކަ އޭނާގެ ގާތުގައި ބުނެވުނެވެ. އޭނާއަކަށް އެ ސިއްރު ނުހިފެހެއްޓުނެވެ. ދަރިފުޅުގާތުގައި އެވާހަކަ ބުނެފިއެވެ. މަންމަ ދަރިފުޅުދެކެ ލޯބިވާކަން ބަޔާންކޮށްދިނުމުގެ މަޤްޞަދުގައެވެ. ނަމަވެސް ދަރިފުޅު އެކަމާއި ވަރަށް ރުޅިއައެވެ. އަދި ކައިވެނިކުރުން ހުއްޓާލާފައި އަނެއްކާވެސް ގުޅުނީ ކުރީގެ އަނބިމީހާ އާއިއެވެ. ދެވަނަ ފަހަރަށް ގެއަށް ގެނައުމުން ކަންކަންކުރީ ކުރިއަށްވުރެވެސް ގޯސްކޮށެވެ.

ކެތްނުކުރެވިގެން އަނެއްކާވެސް ސިހުރުވެރިޔާގެ ގާތަށް ދިއުމުން ބުނީ އޭނާ ދިނީ ހަމަ އާދައިގެ ސައިފަތެއް ކަމަށާއި އެއްވެސް ސިހުރެއް ހަޑާފައި ހުރި އެއްޗެއް ނޫން ކަމަށެވެ. ދެމަފިރިންގެ ކަންކަމަށް ސިހުރު ހެދުމަކީ ކުރަން ރަނގަޅުކަމެއް ނޫން ކަމަށާއި ސިހުރު ހެދުމަކީ ޖިންނި އަވަލާކަމެއް ކަމަށެވެ. އެކަމުން ދިރިއުޅުމަށް ކޮންމެފަދަ ނުބައި އަސަރެއްވެސް ކޮށްފާނެ ކަމަށެވެ. އަދި ބުންޏެވެ. "އެހެން މީހަކަށްނަމަ ކޮންމެގޮތެއް ވިޔަސް ވަރިހަމަކަމަށް އަހަރެން ސިހުރު ހަދައިދީފާނަމެވެ. ނަމަވެސް ކަލޭ ކަހަލަ ގާތް އެކުވެރިއަކަށް އެކަންކޮށްދޭކަށް ލާހިކެއް ނޫނެވެ." 

އޭނާއަކީ ސިހުރުވެރިއެއް ނަމަވެސް އަހރެންނަށްޓަކައި އޭނާ އެދެއްކި ވާހަކަތަކުން ވަރަށް އުފާވިއެވެ. އަދި ކަމުގެ ޙަޤީޤަތް އެނގުމުން ދުވަހަކުވެސް ސިހުރުވެރިއެއްގެ ގާތަށް އެއްވެސް ކަމަކުނުދާން ނިންމީމެވެ. 

އެހިސާބުން އަޅުގަނޑު ތައުބާވީމެވެ. އަދި ދަރިފުޅަށްޓަކައި ހެޔޮދުޢާކުރަންފެށީމެވެ. ނަތީޖާވެސް ފެނުނެވެ. އިން ޝާ ﷲ. ހައަކަ މަސްވެސް ނުވަނީސް އަނެއްކާވެސް ކައިވެނި ރޫޅާލައި އަހަރެން ބޭނުންވި ކުއްޖާ އާއި ކައިވެނިކޮށްފިއެވެ. މިހާރު އެކައިވެނީގައި 3 ކުދިންވެސް ލިބިއްޖެއެވެ. ދެމަފިރިން އުޅެނީ ވަރަށް އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ އަލުގަނޑުގެ މައިދައިތަ ހަމަ މިފަދަ ގޮތަކަށް ކަންކަން ކުރުމުން އަޅުގަނޑުމެންގެ ކައިވެނި ރޫޅި އެކަމުގެ މާޔޫސްކަމުގައި ހުރި ދުވަސްވަރު އަޅުގަނޑަށް އެކުވެރިއަކު ހިއްޞާކުރި ވާހަކައެކެވެ. ހާވަނިކޮށް ފެނުމުން ހަމަ ހިއްޞާކޮށްލަން ބޭނުންވީއެވެ. ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ.

- ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން