އެތައް މިލިއަން ރުފިޔާގެ ވިޔަފާރީގެ އެއްބަސްވުމަށް ނުދެވުން ވަކީލުކުރި މީހާ: ދެވުނު ނަމަ މަރުވާނެ މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެތައް މިލިއަން ރުފިޔާގެ ވިޔަފާރީގެ އެއްބަސްވުމަށް ނުދެވުން ވަކީލުކުރި މީހާ: ދެވުނު ނަމަ މަރުވާނެ މީހެއް!

ތިމާ އެދޭ ކަންކަން އެދޭ ގޮތަށް ޙާޞިލު ނުވުމުން ޝަކުވާ ކުރެވެނީ ﷲ ތައާލާއަށް އިތުބާރު ނުކުރެވޭތީއެވެ. މުސްލިމުން ވާނަޖެހޭނީ ކޮންމެ ކަމެއްގައި އަދި ކޮންމެ ޙާލަތެއްގައިވެސް ﷲ ތައާލާއަށް ފުރިހަމައަށް އިތުބާރުކުރާ ބައަކަށެވެ. ﷲ ތަޢާލާއަށް އިތުބާރުކުރާ އެއްވެސް މީހަކަށް މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. ނިކަން މިހާދިސާއަށް ވިސްނައިލަބަލާށެވެ!

"އޭނާއަކީ ވިޔަފާރިވެރިއެކެވެ. އެމެރިކާގެ ކުންފުންޏަކާއިއެކު އަހަރެއްހައި ދުވަހު މަޝްވަރާތައް ކޮށްގެން އެތައް މިލިއަން ރުފިޔާގެ ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވުނެވެ. އެއްބަސްވުމުގައި ސޮއިކުރާނެ ތާރީޚު ވެސް ކަނޑައެޅުނެވެ. އެ ތާރީޚަށް އެމެރިކާއަށް ދިއުމަށްޓަކައި ޓިކެޓްވެސް ނަގައި ހުރިހާ ތައްޔާރީތަކެއްވިއެވެ.

ފްލައިޓް ފުރަން ހަމަޖެހިފައި އޮތީ ފަތިހު 5 ޖަހާއިރުއެވެ. އެއާޕޯޓަށް ދާން އޮތީ ދަންވަރު 3 ޖަހާއިރުއެވެ. އެހެންކަމުން ކޮންމެ ގޮތަކުން ނަމަވެސް ދަތުރު ދިއުމަށްޓަކައި އިރާކޮޅު އެއާޕޯޓާއި ކައިރި ހޮޓަލަކަށް ގޮސް އެރޭ މަޑުކުރީ އެ ހޮޓަލުގައެވެ. އަދި ނިދިދާނެ ކަމަށް ބަލައި 2 ޖަހާއިރު ވޭކަޕްކޯލް ދިނުމަށްވެސް އެދުނެވެ.

ހޮޓަލުން ތަކުރާރުކޮށް ވޭކަޕް ކޯލް ދިނުމުން ވެސް ނުހޭލެވެއެވެ. ހޭލެވުނީ 5.15 ގައެވެ. އެއިރު ފްލައިޓް ފުރައިފިއެވެ. ވީދެރައިން ކަންބޮޑުވެ އިރުކޮޅަކު ދެކޮޅަށް ހިނގާލަހިނގާލަ ހުރުމަށްފަހު ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ގޮތް ކަމަށް ޤަބޫލުކޮށް ފަތިސް ނަމާދުކޮށްގެން ނިދީއެވެ.

ދެން ހޭލެވުނީ ހެނދުނު 8 ޖެހިތަނާއެވެ. ސައި ކޮޓަރިއަށް ގެނެސްގެން ބޯން އިންދައި ބީބީސީ އިން ގެނައި ކުއްލި ޚަބަރެއްގައި ބުނީ އެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ފްލައިޓް ވެއްޓި ދަތުރުކުރި 217 މީހުން އެކުގައި މަރުވެއްޖެ ކަމަށެވެ. ޚަބަރު އަޑު އިވުމުން އޭނާއަށް ޤަބޫލުކުރެވުނީ ދެވަނަ ޙަޔާތެއް ﷲ ތައާލާ ދެއްވީ ކަމަށެވެ.

މިބާވަތުގެ ކިތަންމެ ހާދިސާތަކެއް ހިނގާފައި ހުންނާނެއެވެ. އެމީހާ އެދޭ ކިތަންމެ ކަމެއް ޙާޞިލު ނުވެ ހުންނާނެއެވެ. ނަމަވެސް އެއިގެ ބަދަލުގައި އޭނާއަށް ފައިދާހުރި ކިތަންމެ ކަމެއް މެދުވެރިވެފައި ހުންނާނެއެވެ. ވީމާ ތިމާ އެދޭ ކަމެއް ޙާޞިލުނުވާ ކޮންމެ ފަހަރަކު ޝަކުވާ ނުކުރާށެވެ. އެކަމެއް ޙާޞިލުކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު ﷲ ތަޢާލާއަށް ވަކީލުކުރާށެވެ. ﷲ ތަޢާލާ ކަންކަން ނިންމަވައި ދެއްވަވާނީ އެމީހަކަށް އެންމެ ފައިދާހުރި ގޮތުގައި ކަމުގެ ޔަޤީންކަން ހިތުގައި ބާއްވާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން