ތިބާގެ ވަށައިގެން އެނބުރޭ މީހުންނަށް ސަމާލުވޭ! އެމީހުންގެ ސަބަބުން ރޯދަ ޚަރާބުވިޔަ ނުދޭތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިބާގެ ވަށައިގެން އެނބުރޭ މީހުންނަށް ސަމާލުވޭ! އެމީހުންގެ ސަބަބުން ރޯދަ ޚަރާބުވިޔަ ނުދޭތި!

ކިރިޔާވެސް ތަނަވަސްކަމެއް ހުރި ނަމަ ނުވަތަ އެމީހެއްގެ ކިބައިން އެއްވެސް މަންފާއެއް ލިބޭނެ ކަމުގެ އުންމީދު އޮތްނަމަ ކޮންމެ މީހެއްގެ ވެސް ވަށައިގެން އެނބުރޭ ބައަކު އަބަދުވެސް އުޅޭނެއެވެ. ރޯދަ މަސް އައުމުން އެމީހުން ފެންނަލެއް ގިނަވާނެއެވެ. ނަމަވެސް އެ އެނބުރޭ ކޮންމެ މީހަކީ ތިބާއަށް ހެޔޮ އެދިގެން ތިބާގެ ވަށައިގެން އެނބުރޭ މީހެއް ކަމުގައި ހީނުކުރާށެވެ.

އެފަދަ މީހުންތައް ގިނަވެ ތިބާ ކުރަން ޖެހޭ އަޅުކަން ކުރަންވެސް ހުރަސް އެޅޭނެއެވެ. ނަމާދެއް ކޮށްފިނަމަ ކިޔަވައިލަންވެސް މަޑުކުރަން އުނދަގޫކުރާނެއެވެ. ދުނިޔަވީ ކޮންމެވެސް ބޮޑެތި ހުވަފެންތަކެއް ދައްކައިގެން އެމީހުންގެ ދަލުގައި ތިބާ ޖައްސުވާނެއެވެ. ގޭމްކުޅުމާއި ކުޅިވަރުކުޅުން ފަދަ ކަންކަން ތިބާ ލައްވައި ކުރުވާނެއެވެ. ބޭކާރު ވާހަކަތައް ތިބާ ލައްވައި ދައްކުވާނެއެވެ. ޣީބަ ބުނުވާނެއެވެ.

ހަވީރުވުމުން، އިރު އޮއްސެން ކައިރިވުމުން އެމީހުންނަށް ލިބުނު މިންވަރެއް ހިފައިގެން ތިބާ އާއި ވަކިވެގެންދާނީ ތިބާގެ ރޯދަ ޚަރާބުކުރުވާފައެވެ. ވީމާ އަބަދުވެސް އެފަދަ މީހުންނަށް ސަމާލުވާށެވެ. ޚާއްޞަކޮށް ރަމަޟާން މަހު އެފަދަ މީހުންނާއި ކައިރިވެސް ނުވެ އުޅެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ހިފާ ރޯދަ ރޯދައަކަށް ހެދޭނީ އެއިރުންނެވެ.

އަދިވެސް އެއް ވާހަކަ ބުނެލާނަމެވެ. މީސް މީހުންނާއި މުޢާމަލާތު ކުރުމުގައި މީހުން މެދުވެރިކުރުން ވީހައި މަދުކުރާށެވެ! ސީދާ މީހާ އާއި މުޢާމަލާތުކުރުން ގިނަކުރާށެވެ! ތިބާއަށް އެންމެ ފައިދާ ހުރި ގޮތުގައި ކަންކަން ކުރެވޭނީ ސީދާ މީހާ އާއި މުޢާމަލާތުކޮށްގެންނެވެ. މެދުވެރިއަކު ބޭނުންކުރަންވާނީ އެހެން އެއްވެސް ގޮތެއް ނެތިއްޖެ ނަމައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން