ފިޠުރު ޒަކާތް:
ފިޠުރު ޒަކާތް ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ކުޑަ ކުއްޖަކަސް ބޮޑު މީހަކަސް، އަންހެނަކަސް ފިރިހެނަކަސްމެއެވެ. ↲ ޝަރުތަކީ މުސްލިމަކު ކަމުގައިވުމާއި ޢީދު ދުވަހާއި އީދުވިލޭރޭ، ކައިފަ ބާކީވާ ވަރަށް ހުރުމެވެ.
މިއީ ފަޤީރުންނާއި މިސްކީނުންނަށް ބެހުން ޚާއްޞަ ޒަކާތެކެވެ . ފިތުރު ޒަކާތް ދައްކަން ޖެހޭނީ ކާބޯތަކެތިންނެވެ. ފައިސާއިން ދެއްކުމާއި މެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ.
ޙަނަފީ މަޛްހަބުގައި އޮންނަ ގޮތުން ފިތުރު ޒަކާތް ފައިސާއިން ދެއްކޭނެއެވެ. އެއީ އެކަމަށް ޙާޖަތް ޖެހިއްޖެނަމައެވެ.
ފިޠުރު ޒަކާތުގެ އަޞްލަކީ އެމީހަކު އުޅޭ ތަނެއްގައިވާ ފަޤީރުންނަށް ދިނުމެވެ. ފަޤީރުން ނޫޅޭނަމަ ކައިރިތަނަކަށް ދިނުންވެސް އަދި ދުރުތަނެއްގައި ތިބި ފަޤީރުންނަށް ދިނަސް މައްސަލައެއް ނެތެވެ.
ރާއްޖޭން ބޭރުގައި ތިބި ފަޤީރުންނަށް ދިނަސް މައްސަލައެއް ނެތެވެ .އާއިލާގެ ކޮންމެ މީހަކު ދެއްކިޔަސް ފުދޭނެއެވެ. ގޭގެ ވެރިފަރާތް ދެއްކުން ލާޒިމެއް ނޫނެވެ. ފިރިމީހާއަށް އަނބިމީހާގެ މަތިން، އަދި އަނބިމީހާއަށް ފިރިމީހާގެ މަތިންވެސް ޒަކާތް ދެއްކޭނެއެވެ.
ގިނަ ބާވަތްތައް ކާ މީހުންވެސް ކޮންމެވެސް އެއްބާވަތަކުން ނެރުނީމަ ރަނގަޅުވާނެއެވެ.
--الشيخ محمد شافع