ފާފަކުރުމުގެ ފުރުޞަތުތައް ފަހިވެފައި އޮވެމެ ފާފަނުކޮށް ސަލާމަތުން ހުރި މީހާގެ ދަރަޖަ އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފާފަކުރުމުގެ ފުރުޞަތުތައް ފަހިވެފައި އޮވެމެ ފާފަނުކޮށް ސަލާމަތުން ހުރި މީހާގެ ދަރަޖަ އެނގޭތަ؟

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ﷲ ތަޢަލާ ނަހީކުރެއްވެވި އެއްވެސް ކަމެއް އެމީހަކަށް ނުވެސް ފެނުން ކަމަށެވެ. އެފަދަ ކަމެއް ކުރުމުގެ ފުރުޞަތުވެސް ނުލިބުން ކަމަށެވެ. އެކަމުގައި އަހަރެންގެ ޚިޔާލު ވަރަށް ތަފާތެވެ.

މިސާލަކަށް އަނބިމީހާ އަބަދު ބައިންދަނީ ކޮޓަރިއަކަށްލައި ބަންދުކޮށްފައި ކަމަށްވާނަމަ އަނބިމީހާގެ އިޚްލާޞްތެރިކަން އިމްތިޙާން ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އަދި އަނބިމީހާއަށް ކޮޓަރިން ނުކުންނާނެ ފުރުޞަތު ނުދޭތީ ހިލޭ ފިރިހެނަކާ ގުޅުން ނުހިންގުމުން އަނބިމިހާއަކީ ތެދުވެރިއަކަށްވާނެ ހެއްޔެވެ؟

ދީނީ ކަންކަމުގައި ވެސް މިފަދަ ވިސްނުމަކުން ވިސްނައިލުން ކީއްހެއްޔެވެ؟

ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން އަހަރެމެންގެ ވަށައިގެން އެނބުރުމަކީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު ނިޢްމަތަކަށްވަނީ މި ބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ތިބާގެ ވަށައިގެން ބަނގުރަލާއި އަންހެންކުދިން ހަމަ އެނބުރެނީއެވެ. ޖުވާ ކުޅެވޭނެ ތަންތަން މިހުންނަނީ ގޭ ދޮރުމަތީގައެވެ. މިފަދަ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި ހުރެމެ ﷲ ތަޢާލާއަށް ބިރުން އެކަންކަމަށް އަރައި ނުގަތުމުން ﷲ ތަޢާލާ ދެއްވަވާ މަތިވެރި ދަރަޖަ، އެ އުފާތައް ލިބެން ނެތިގެން ބޭނުން ނުކުރި މީހަކަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟ އެދެ މީހުން ހަމަހަމަ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން އަބަދުވެސް އަހަރެމެންގެ ވަށައިގެން އެނބުރޭނެއެވެ. މެހިފަދައިން އައިސް ގައިގައިވެސް ޖައްސާނެއެވެ. ވިސްނާށެވެ! އެއީ ﷲ ތަޢާލާ ތިބާ އިމްތިހާން ކުރައްވަވަނީއެވެ.

ޖީބުގައި ޚަރަދުކުރާނެ ފައިސާވެސް އެބަހުއްޓެވެ. އަތްފޯރާ ފަށުގައި ހުރިހާ ދުނިޔަވީ އުފާތަކެއް ލިބެން އެބަހުއްޓެވެ. ތިބާގެ ހިތް އެކަންކަމަށް އެދި ރޮއި އާދޭސްކުރަނީއެވެ. ނަމަވެސް ހަމައެކަނި ﷲ ތަޢާލާއަށް ބިރުން ތިބާ އެކަންކަމާއި ދުރުހެލިވެގެން ﷲ ތަޢާލާ އެންގެވި ގޮތުގައި ހުރީއެވެ. ސުބްހާނަﷲ! އެފަދަ މީހާގެ ދަރަޖައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހާދަ ބޮޑަށް އުފުލިގެންވާ ދަރަޖައެކެވެ. އެފަދަ މީހަކު ކަމުގައި ވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން