ލޯބިވެރިންގެ ގޮތުގައި އެކުގައި އުޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ޢަމްދުން ފާހިޝް އަމަލުތައް ކުރުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި ނަހީ ކުރައްވަވާފައިވާ ކަންކަމެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަށްފަހު ހިނައިނުގަނެ ނިދިގެން ރޯދައަށްވާނެ ގޮތަކާއިމެދު އެބަ ސުވާލުވެސް ކުރެއެވެ.
ޖުނުބުވެރި ހާލުގައި ނިދިއްޖެ ނަމަ އޮތީ ހޭލެވުމުން އަވަހަށް ހިނައިގަތުމެވެ. ހިތާމައަކީ ކުރެވުނު ޒިނޭއަށް ބިރުވެތިނުވާކަމެވެ. އެފަދަ މީހުންގެ ކުރިމަތީގައި ޒިނޭ ކުރުމަކީ އެއްވެސް ފާފައެއް ނޫނެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު ރާއްޖޭގެ ޙާލަތެވެ.
ޒިނޭކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެ ފާފައަށް އަރައި ނުގަންނާށެވެ. ﷲ ތަޢާލާގެ ޢަޒާބަށް ބިރުވެތިވާށެވެ. ލޯބިވެރިންގެ ގޮތުގައި ގުޅިގެން ނުއުޅެ އަވަހަށް ކައިވެނިކޮށް ﷲ ތަޢާލާ ހުއްދަކުރެއްވެވި ގޮތުގައި އުފާ ޙާޞިލުކުރަމުން ގެންދާށެވެ!
--ޝައިޚް ޢަލީ ޒައިދު