އެއްވެސް ޝައްކެއްނެތް ގޮތުގައި ސިޙްރަކީ ނުބައިކަމުގެ އެންމެމަތީ ދަރަޖައަށް ވާޞިލުވުމެކެވެ. އެހެނީ ސިޙްރުވެރިޔާ އޭނާގެ އަޚްލާޤާއި އާދަމުގެދަރި ވަންތަކަމުގެ އިޙްސާސްތަކާއި އިންސާނިއްޔަތުކަމުން ވަކިވެގެންދެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާއާއި އޭނާ ހެއްދެވި ޚާލިޤުވަންތަ ﷲ އާދެމެދުގައިވާ ގުޅުންކަނޑައި އެގުޅުމުގެ ދާއިރާއިން ބޭރުވެ އެކަލާނގެއަށް ކާފިރުވެ އަދި އެކަލާނގެއަށް ހުތުރުބަސް ރައްދުކުރެއެވެ. މިކަމަށްޓަކައި ސިޙްރަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ބޮޑުވެގެންވާ ފާފައެއްކަން ކަށަވަރެވެ.
މިއީ މިފަދަ ނުބައި ފާފައެއްކަމަށްވާ އިރުވެސް މިފާފައަށް އަރައިގަތުމާ ދިމާއަށް މީހާ ގެންގޮސްދޭ ބާރުތަކެއްވެއެވެ. ނުވަތަ އެކަމުގެ ސަބަބުތަކެއް ވެއެވެ. ނުވަތަ އެދުންތަކެއްވެއެވެ. އާދެ! އެއްކަމަކީ މީހާގެ ނަފްސާނީ ޙާލަތުހުރިގޮތާއި ނާއުންމީދީ ޙާލަތެވެ. އަނެއްކަމަކީ ވެރިވެގަތުމާއި މަތިވެރި ދަރަޖައަށް ދަހިވެތިވުމެވެ. އަނެއްކަމަކީ މާއްދިއްޔަތަށް ލޯބި ބޮޑުވުމެވެ. އަދި ހަމައެފަދައިން ޔޫރަޕްގެ حضارة ރޫޙީގޮތުން އިފްލާސް ވެގެންވުންވެސް އެކަންތަކުގެ ތެރޭގައި ހިމެނިގެންވެއެވެ.
ޝައްކެއްނެތެވެ. ވެރިކަމާއި ބާރުހޯދައިގަތުމަށް އެދުންވެރިވުމާއި، ޖާހާއި މާލަށް ލޯބިބޮޑުވުމާއި، އިޝްޤީ ލޯބި ގަދަވުމާއި، ދުނިޔޭގެ އެދުން ބޮޑުވުމާއި، ބަދަލުހިފުމާއި، ކެހިދިނުމާއި، ނުބައިރޭވުންތައް ރޭވުމާއި މިނޫންވެސް މިބާވަތުގެ ގޮތްތައް ޢާންމުވެފައިވާ މުޖުތަމަޢުތަކުގައި އެމީހުންގެ ބޭނުންތައް ޙާޞިލުކުރުމަށްޓަކައި ސިޙްރުގެ ފަރާތަށް ޖެހިލުމަކީ އެމީހުންނަށް ނުހަނު ބޭނުންބޮޑުވެފައިވާ ކަމަކަށް ވާނެކަން ޔަޤީނެވެ.
އާދެ! އިހުޒަމާނުގައި ރަސްރަސްކަލުންނާއި އަމީރުންނާއި އަމީރާއިން ސިޙްރު ވެރީން ގެންގުޅުއްވިއެވެ. އެސިޙްރުވެރިންނަކީ އެފަރާތްތަކުގެ ޚިދްމަތަށް ޚާއްޞަވެ އެފަރާތްތަކުގެ ބޭނުންތައް ފުއްދައިދިނުމަށް ތިބޭ ބައެކެވެ.
މިގޮތުން އިގިރޭސި ވިލާތުގައި ލޭޑީ ކޯޕްހަމް މާގްރެޓް ގޯރޑޯމަން އެވެކިޔުނު ސިޙްރުވެރި އަންހެނަކު ގެންގުޅުއްވި އެވެ. އެއީ ޑިއުކްހަމްފްރީގެ މައްޗަށް ސިޙްރުގެ އަސަރު ފޯރުވައި ލޯބީގެ ދަލުގައި އޭނާ ޖެއްސުމަށްޓަކައެވެ. އޭއެކެވެ! މިގޮތުން ޙަޤީޤަތުގައިވެސް ލޭޑީ ކޯޕްހަމްގެ ލޯބީގެ ޖާދޫގައި އޭނާޖެހި އެކަމަނާއާ ކައިވެނި ކުރައްވައިފިއެވެ. އެކާވެނި ކުރެއްވުމަށް ހުރި ދަތިތަކާއި ހުރަސްތައް އެގޮތުގެ މަތީން ހުއްޓައިވެސްމެއެވެ. އެހުރަސްތަކަކީ މާލީގޮތުން ބެލިކަމުގައިވިއަސް ނުވަތަ ރީތިހުތުރުކަމުގެ ގޮތުން ބެލިކަމުގައިވިއަސް ހުރި ހުރަސްތަކެކެވެ. އެހެނީ ލޭޑީ ކޯޕްހަމްއަކީ ސިފަހުތުރުކަމުގެ ގޮތުން މަޝްހޫރު ވެފައިވާ އަންހެނެކެވެ.
އަދި ހަމައެހެންމެ ޑަޗެސް ބިޑްފޯރޑް، ކިންގް އެޑްވަރޑް 4 ވަނައިގެ މައްޗަށް ސިޙްރުގެ ބާރު ހިންގުމަށްޓަކައި ސިޙްރުވެރިންގެ ބޭނުންކުރެއްވިއެވެ. އެގޮތުން އެރަސްގެފާނަށް ސިޙްރު ހައްދަވަމުން އައިސް އެންމެފަހުން ބިޑްފޯރޑްގެ ދަރިކަނބަލުން ލޭޑީ އެލިޒަބަތު ގްރޭއާ އެރަސްގެފާނު ކައިވެނި ބައްލަވައިގަތުމާ ޖެހެންދެން ސިޙްރު ހެއްދެވުންމަތީ ފިލައިނުދެއެވެ.
އަދި އިގިރޭސި ވިލާތުގެ ތާރީޚް ދުށް އެންމެ ނުބައި ޖައްބާރު ސިޙްރުވެރީންގެ ތެރެއިން، ކިންގް ހެންރީ 8 ވަނައިގެ (1491 – 1547މ.) ދެވަނަ އަބިކަބަލުން އެން ބޫލިން (ANNE BOLEYN (1507 – 1536މ.) ހިމެނިގެންވެއެވެ. މިދެކަބަލުންގެ ކައިވެނިފުޅު ހިގައިފައިވަނީ ފައްޅީގެ އަމުރުތަކަށް އެއްވެސް ބެއްލެވުމެއް ނެތިއެވެ. އަދި ދީނުގެ ބޮޑަތި ބޭކަލުންގެ ދެކޮޅުހެއްދެވުމާއި ކޯފާއަށްވެސް އަޅައިލެއްވުމެއް ނެތިއެވެ. މިހެންކަމުން މިރަސްގެފާނާ ކައިވެނި ކުރުމަށްފަހު މިއަންހެނާގެ އެންމެ ފުރަތަމަ ޢަމަލަކަށްވީ މަޑުމަޑުން އެކަމަކު ހަމަކަށަވަރުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުންގޮސް އެބައިމީހުންގެ ކިބައިން މުޅީން ސަލާމަތްވުމެވެ. އާއެކެވެ! ދީނީ މީހުންގެ ކިބައިންނާއި ފައްޅީގެ ނުފޫޒުން މުޅީން މިންޖުވުމެވެ. މިގޮތުން ރަސްގެފާނުގެ ފުރަތަމަ އަބިކަބަލުން ކެތުރިން އޮފްއެރަގޯން ވަރިކުރެއްވުމަށްފަހު ކެތޮލިކް ފައްޅީން ރަސްގެފާނު މުޅީން ވަކިވެވަޑައިގަތެވެ. އެއީ ދެވަނައަބިކަބަލުން އެންބޫލިން ގެ ސަބަބުންނެވެ.
މިޝައިޠާނީ އަންހެނާއަކީ އެކަބުލޭގެ ރީތިކަމާއެކު އިގިރޭސި ވިލާތުގެ ތާރީޚް ހެކިވާ، އެންމެ ހަރުކަށި އަނިޔާވެރި ސިޙްރުވެރި އަންހެނުންގެ ތެރެއިންވާ މީހެކެވެ. ފަހެ މިއަންހެނާ އަކީ ސިޙްރުގެ ޒަރީޢާއިން، އެންމެ ހުތުރު ވެގެންވާ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ކުޑަވެސް ޖެހިލުންވުމެއް، އަދި ފަސްޖެހުމެއްވެސް އޮތް އަންހެނެއް ނޫނެވެ. އެއީ އެކަނބުލޭގެ މަޤްޞަދަކީ އެކަނބުލޭގެ އަޑު މަތިކޮށް، ބަސްގަދަކުރުމާއި، ރަސްގެފާނުގެ މައްޗަށާއި އެރަސްގެފާނުގެ ޙާޝިޔާގެ މައްޗަށް (ނުވަތަ އަރިހުބޭކަލުންނާއި ޚާއްޞަ ޚާދިމުންގެ މައްޗަށް) އެކަބުލޭގެ ބާރާއި ނުފޫޒު ހިންގުމަށް މަގުފަހިކުރުންކަމުގައި ވާތީއެވެ. މިގޮތުން ގިނަފަހަރަށް ކަންކުރާގޮތަކީ އެބައެއްގެ ދުވަސް ދުއްވާލުމަށް އެވަގުތަކު ބޭނުންވި ބައެއްގެ ކާބޯތަކެއްޗަށް ވިހަލުމެވެ. މިވިހައަކި އޭގެ އަސަރު ބޭރަށް ފެންނަން ހުންނަ އެއްޗެއްނޫނެވެ. އެއީ މާޚާއްޞަ ގޮތަކަށް ތައްޔާރު ކޮށްފައި ހުންނަ ވިހައެކެވެ. މިވިހަ ތައްޔާރުކޮށް، ކާތަކެއްޗަށް މިވިހަލަނީ ޝައިޠާނުންގެ އެހީގައި ކަމަށްވެއެވެ.
ބައެއް މުއައްރިޚުން ބަޔާންކުރާގޮތުގައި އެކަނބުލޭގެ އެންމެ ރެއަކުވެސް ބާރަ ކާހިނުންނާއި، ޤިއްސީސުންނާއި، އުސްޤުފުން (ނުވަތަ ބާރަ ޕްރީސްޓުންނާއި، ކްލާރޖީމަނުންނާއި، ބިޝޮޕުން) ގެ ކަންތައް ޚަލާޞް ކޮށްލިއެވެ. މިކަން ހިގިގޮތަކީ ކާޑިނަލްއަކު އޭނާގެ އެކުވެރިން ކަމުގައިވާ، ދީނީ މީހުންގެ ބައަކަށް މެންދުރުގެ ކެއުމެއް ދެއްވުމަށް ޤަޞްދުކުރެއްވި ޚަބަރު އެކަބުލޭގެއާ ހަމައަށް ދިއުމުން ޝައިޠާނުން މެދުވެރިކޮށް އެމީހުންގެ ކަބޯތަކެއްޗަށް ވިހަލީ އެވެ. އެވިހައަކީ އެއްވެސް ކުލައެއް، ވަހެއް، ރަހައެއްނެތް ހުދު ޕައުޑަރއެކެވެ. ދެން އެވިހައިގެ ސަބަބުން އެންމެން ފަނާވެގެން ދިޔައީއެވެ.
މިކަނބުލޭގެ ކިބައިން ހިގަމުންދާ މިހުރިހާ ނުބައި ޢަމަލުތަކެއްގެ ކުރިމަތީގައި މިކަނބުލޭގެ ފިރިކަލުން ކިންގް ހެންރީ (އަށްވަނަ) މުޅީން ނުކުޅެދި ވަޑައިގެންފައިވެއެވެ. އެކަނބުލޭގެ ޢަމަލުތަކަށް ހުރަސްއެޅުއްވުމަކަށް އަދި ޢުޤޫބާތް ދެއްވުމަކަށް އަދި އެކަނބުލޭގެ ހަދަމުންދާ ޝައިޠާނީ ސިޙްރުތަކާ ހަނގުރާމަ ކުރެއްވުމަކަށްވެސް ކެރިވަޑައިގެނެއްނުމެވޭމެއެވެ. އެރަސްގެފާނަށް ކުރެއްވޭހާވެސް ކަމަކީ އެކަނބުލޭގެ ޢަމަލުތަކާމެދު ހިތްޕުޅާ ނުވެގެން ކުދިވިދާޅުވުމެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވެ އުޅުއްވަނީ ޝައިޠާނީ އަންހެނާއެވެ. އެންމެފަހުން އެކަނބުލޭގެ ދުނިޔެދޫކޮށް ދިއުމުން އެކަނބުލޭގެ ކަޝްފުކޮށް ބެލިއިރު އެކަނބުލޭގެ ބުރަކަށީގައި ޝައިޠާނާގެ ޢަލާމާތް ފާހަގަވެ ބިންވަޅުނެގިފައި ހުރިކަމަށްވެއެވެ.
އަދި ފަރަންސޭސި ވިލާތުގެ ޝާހީ ޢިއްޒަތްތެރިންނާއި ބޮޑުންކުރެ ސިޙްރުގެ ކަންތަކަށް ޝަވްޤުވެރިވެފައިވާ އެފަދަ ކޮންމެމީހަކަށް ޚާއްޞަ ސިޙްރުވެރިއަކުވެއެވެ. ފިރިހެނުންނާއި އަންހެނުންގެ ތެރެއިންނެވެ، މިސިޙްރުވެރިންނަށް ނުހަނުގިނަ ފައިސާއާއި މުދާތައް ހޭދަކުރެވެއެވެ. އޭގެމުޤާބިލްގައި ޝާހީ ބޭފުޅުންނާއި ބޮޑުން ޙިމާޔަތް ކޮށްދީ ޤާނޫނުގެ ބާރުގެދަށުން އެމީހުން ސަލާމަތް ކޮށްދިނުމުގެ މަސައްކަތް މިސިޙްރުވެރިން ކުރެއެވެ. މިގޮތުން މިސިޙްރުވެރިންނަކީ އިޝާރާތްކުރެވުނު ފަރާތްތަކުގެ ޚިދުމަތުގައި ޤާއިމްވެތިބޭ ބައެކެވެ.
އެބައަކާމެދު ފަރަންސޭސިވިލާތުގެ ތާރީޚް ވާހަކަދައްކާ ބޮޑުންގެތެރޭގައި ކާޑިނަލް ރިޝްލިޔޯ ހިމެނެއެވެ. މީނާއަކީ ބޮޑެތި ސިޙްރުވެރިންކުރެ އެތައްބައެއްގެ ޚިދްމަތަށް ޢައްޔަން ކުރެވިފައިވާ މީހެކެވެ. ވުމާއެކު އޭނާއަށް އެސިޙްރުވެރިންގެ ވާސިޠާއިން އޭނާގެ ޢަދާވާތްތެރީންގެ މައްޗަށް ގަދަވެގަނެ ވަރަށްގިނަ ބައަކު އޭނާގެ ބާރުގެދަށަށް ގެނެވި ކިޔަމަންކުރެވުނުމެއެވެ. މިގޮތުން ޝާހީ ޢާއިލާގެ މެމްބަރުންވެސް އޭނާގެ ބާރުގެދަށަށް ގެނެވި ބޯލެންބުނެވެ، އަދި ހަމައެފަދައިން އޭނާއަށް ހުރަހަކަށްވާ ނުވަތަ އިދިކޮޅުހަދާ ކޮންމެމީހެއްގެ ކަންތައް ނިންމައިލުމަށް އޭނާ އެސިޙްރުވެރީންގެ އެހީ ހޯދިމެއެވެ.
މިއަކީ ޢަޖާއިބު ވާންވީ ކަމެއްނޫނެވެ. އެހެނީ ހަމަކަށަވަރުންވެސް އެޒަމާނުގައި ޝާހީޢާއިލާތަކުގެ ޙަޔާތް ވޭތުކުރެވެމުންދިޔަގޮތާއި އެމީހުންގެ ދިރިއުޅުމާ ގުޅިފައިވާ، ފޮރުވިގެންވާ ޢަދާވާތް ތެރިކަމާއި މަކަރުވެރި ކެހިވެރި ގޮތްތަކާއި ރޭވުންތަކާއި، ކަންކަމަށް އެދުންވެރިވެގަތުމުގެ ބޮޑުކަމާއި، ވެރިކަމާއި ޝަހްވަތަށް ހުންނަ ގަދަލޯތްބާއި އިންތިޤާމުގެ ރޫޙާއި މިހުރިހާ ކަމެއްގެ ސަބަބުން، ބޮޑުންނާއި ޒަޢީމުން އެބުރިގަތީ ސިޙްރުވެރި އަންހެނުންނާއި ފިރިހެނުންގެ އެހީއާއި ވާގިވެރިކަން ހޯދައިގަތުމަށެވެ. އެއީ އެމީހުންއެދޭ އެދުންތަކާއި ބޭނުންތައް ޙާޞިލުކުރުމަށްޓަކައެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)