މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ނިމުމަކަށް އައީއެވެ. މިހާރު ގިނަ ބައަކު ވިސްނާނީ އެމީހުންގެ ދަރިންނަށާއި ގާތް ތިމާގެ މީހުންނަށް ޢީދު ހެދުން ދިނުމަށެވެ. ގިނަ ބައަކު މިހާރުވެސް ވާނީ ހެދުން ގަނެފައެވެ. ވީމާ މިކަންކަމަށް ވިސްނައިލުން ކީއްތޯއެވެ؟
1
ކުޑަކުދިންނަށް ހެދުން ދިނުމުގައި ބަލަންވީ އެކުދިންގެ މިއަދުގެ ތުއްތު ކަމަށް އެކަންޏެއް ނޫނެވެ. މިއަދުގެ ތުއްތު ކުއްޖާ ބޮޑުވެ މާދަން އަމަލުކުރާނެ ގޮތަކަށެވެ.
2
ހަމަޔަޤީނުންވެސް މައިން ބަފައިން ކުއްޖާ ތަރުބިއްޔަތުކުރާ ގޮތަކީ އެ ކުއްޖާގެ މުސްތަޤްބަލުގެ ތަޅުދަނޑިއެވެ.
3
އަޅުގަނޑުމެނެ ވަރަށް ބުރަ މަސައްކަތުން ރޯދަ ހިފައިފީމުއެވެ. އަދި ކިރިޔާ ރޯދަ ހިފޭވަރުގެ ކުދި ދަރިން ލައްވައިވެސް ރޯދަ ހިއްޕުވައިފީމުއެވެ. ވީމާ ޢީދު ދުވަހަކީ އަޅުގަނޑުމެން ހިފި ރޯދަ ޢާއި ދަރިންލައްވައި ހިއްޕުވި ރޯދަ ބޭކާރުކޮށްލާ ދުވަހަކަށް ނުހަދާށެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގައިވެސް، އެންމެ ފުރިހަމަ އަދި އެންމެ ރިވެތި ގޮތް ބަޔާންވެގެންވަނީ އިސްލާމް ދީނުގައެވެ.
4
ދަރިންނަކީ ޙަޔާތުގެ އެންމެ ބޮޑު އުފަލެކެވެ. ހިތްތަކުގެ މޭވާއެވެ. ހަމައެއާއިއެކި ވަރަށް ބޮޑު ޒިންމާއެކެވެ. އެހައިމެ ބޮޑު ނިޢްމަތެއްވެސް މެއެވެ. ވީމާ ކޮންމެ ކަމެއްގައި ވެސް އިސްލާމް ދީނުގައި އޮތް އެންމެ ރިވެތި ގޮތް ދަރިންނަށް ދަސްކޮށްދީ އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.