ޢަލީ އިޙްޞާން ފިރާޤް
އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ. [އެބައިމީހުންގެ ތެރެއިން ޒުވާނުން ބަދަލުވެގެން ދިޔައީ ރާމާމަކުނު ތަކަކަށެވެ. އެބައިމީހުންގެ ތެރެއިން މުސްކުޅިން ބަދަލުވެގެން ދިޔައީ އޫރުތަކަކަށެވެ.]
{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 253}
ސައްޔިދު އަބުލްއަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. އެބައިމީހުންގެ ސިފަ ބަދަލުކުރެވުނު ގޮތާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެބައިމީހުންގެ އުޅުމާއި އަޚުލާޤު ރާމާމަކުނުތަކަކާ އެއްގޮތަށް ބަދަލުކުރެއްވި ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެބަމީހުންގެ ސޫރަ ރާމާމަކުނުތަކަކަށް ބަދަލުކުރެއްވި ކަމަށެވެ.
މިކަމުގައި އަޅުގަނޑު (ސައްޔިދު އަބުލްއަޢުލާ މައުދޫދީ) ދެކޭ ގޮތަކީ އަދި އެންމެ ރަނގަޅުކަމަށް ފެންނަ ގޮތަކީ އެބައިމީހުންގެ ބުއްދިއަށް އެއްވެސް އުނިކަމެއް ނައިސް، އެބައިމީހުންގެ ސޫރަ ރާމާމަކުނު ތަކަކަށް ބަދަލުކުރެއްވި ކަމެވެ. { ސައްޔިދު އަބުލްއަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން، ބަޤަރާ ސޫރަތުގެ 65 ވަނަ އާޔަތުގެ ތަފްސީރު}
އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ރާމާމަކުނުތަކަށް ބަދަލު ކުރެއްވުނު މީސްތަކުންގެ ދަރިފަސްކޮޅު ދެމިގެން ގޮސްފައެއްނުވެއެވެ. އެބައިމީހުން އެގޮތުގައި ތިބެވަނީ މަރުވެ ގޮސްފައެވެ.]
އަދިވެސް عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވި ކަމަށް އައްޟައްޙާކު ބަޔާން ކުރައްވައިފައިވެއެވެ. [މާތްﷲ، އެބައިމީހުން ރާމާމަކުނު ތަކަކަށް ބަދަލުކުރެއްވީ އެބައިމީހުންގެ ފާފަތަކުގެ ސަބަބުންނެވެ. އެބައިމީހުން ދިރި ދުނިޔޭގައި ތިބީ ތިން ދުވަސްވަންދެންނެވެ. ސިފަ ބަދަލު ކުރައްވައިފައިވާ އެއްވެސް ޤައުމެއްގެ ބަޔަކު ތިން ދުވަހަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ނުތިބެއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 254}
عبد اللّـه بن عبّاس رضى اللّـه عنه ގެ މިދެންނެވި ބުނުމަށް ބާރުލިބޭ ޙަދީޘެއް ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ. عبدالله بن مسعود رضى اللّـه عنه ވިދާޅުވިއެވެ. އެއްފަހަރަކު މީހަކު ކައުއިތުރު ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. [މިހާރު މިއުޅޭ ރާމާމަކުނާއި އޫރުތަކަކީ ކުރިން ސިފަބަދަލު ކުރެވިފައިވާ އުއްމަތުގެ މީސްތަކުންތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ސިފަބަދަލުކުރެވުނު އުއްމަތުގެ މީސްތަކުން އެބައިމީހުންނަށް ދަރީންލިބި އެބައިމީހުންގެ ނަސްލު ފެތުރިގެން ދިޔުމަކަށް މާތް ﷲ ދޫކޮށެއް ނުލައްވައެވެ. އެބައިމީހުން ސިފަ ބަދަލުކުރެއްވުމުގެ ކުރިން މާތް ﷲ ވަނީ ރާމާމަކުނާއި އޫރު ހައްދަވާފައެވެ.] { صحيح مسلم، كتاب القدر، بَاب بَيَانِ أَنَّ الْآجَالَ وَالْأَرْزَاقَ وَغَيْرَهَا لَا تَزِيدُ وَلَا تَنْقُصُ عَمَّا سَبَقَ بِهِ الْقَدَرُ، ޙަދީޘް ނަންބަރު 2663}
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް