ޢީދުނަމާދު ކުރާނެގޮތާ ޢީދު ނަމާދު ފާއިތުވާ މީހާ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 3ސ
ޢީދުނަމާދު ކުރާނެގޮތާ ޢީދު ނަމާދު ފާއިތުވާ މީހާ ޢަމަލުކުރާނެ ގޮތް-

ޢީދު ނަމާދުގައިވަނީ ދެ ރަކުޢަތެވެ.

- ފަށަނީ ތަކްބީރަތުލް އިޙްރާމަށް ފަހު 6 ތަކުބީރުންނެވެ.

- އަދި އެނަމާދުގައި ކިޔަވާނީ އަޑު ހަރުކޮށެވެ.

- ފުރަތަމަ ރަކުޢަތުގައި ކިޔަވާނީ ސޫރަތުލް ފާތިޙާއަށް ފަހު ސޫރަތުލް އަޢުލާ ނުވަތަ ސޫރަތު ޤާފެވެ. 

- ދެވަނަ ރަކުޢަތުގައި ޤިޔާމަށް ތެދުވާ ތަކުބީރާއި ރުކޫޢަށް ދާ ތަކުބީރު ނުލައި 5 ތަކުބީރެވެ. ކޮންމެ ތަކުބީރަކާއެކު އަތް އުފުލުން ސުންނަތް ވެގެންވެއެވެ.

- ދެވަނަ ރަކުޢަތުގައި ކިޔަވާނީ ސޫރަތުލް ޣާޝިޔާ ނުވަތަ ސޫރަތުލް ޤަމަރެވެ.  އަދި ކޮންމެ ރަކުޢަތެއްގައިވެސް އެ ނޫން ސޫރަތެއް ކިޔެވިޔަސް ފުދޭނެއެވެ.

- ދެން އިމާމުމީހާ ޚުޠުބާ ކިޔާއިރު ކަނުލާ އަޑު އަހާނީއެވެ.  

ޢީދު ނަމާދު ފާއިތުވާމީހާ ޢަމަލުކުރާނެ ގޮތް 

ޢީދު ނަމާދު ފާއިތުވުމުން ޢަމަލުކުރަންވީ ގޮތް ބަޔާންކޮށް ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީއިން ފަތުވާ ދެއްވާފައިވާ ވެއެވެ.

"ޢީދު ނަމާދު ފާއިތުވާމީހާ އެ ނަމާދު ޤަޟާކުރަން އެދޭނަމަ ޤަޟާކުރުމަކީ މުސްތަޙައްބު ކަމެކެވެ. ފަހެ އެ ނަމާދު ކުރާނީ އިމާމާއެކުވެސް ކުރާ ފަދައިންނެވެ. ނަމާދަށް ފަހު ޚުޠުބާ ކިޔުމާ ނުލައެވެ. އިމާމު މާލިކާއި ޝާފިޢީއާއި އަޙްމަދު ވަނީ އެ ފަދައިން ވިދާޅުވެފައެވެ. އަދި އައްނަޚަޢީ އާއި އެހެނިހެން ޢިލްމުވެރިންވެސް އެފަދައިން ވިދާޅުވެފައިވެއެވެ.

އެކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم އަންނަނިވި ބަސްފުޅެވެ.

»إِذَا نُودِيَ بِالصَّلَاةِ فَأْتُوهَا وَأَنْتُمْ تَمْشُونَ، وَعَلَيْكُمُ السَّكِينَةُ، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا» 

މާނައީ: ”ނަމާދަށް ގޮވާލުމުން މަޑުމައިތިރިކަމާއެކު ހިނގާފައި ދާށެވެ. ފަހެ (އިމާމާ އެކު) ލިބުނު މިންވަރެއް (އިމާމާ އެކު) ކުރާށެވެ. އަދި ފާއިތުވީ ބައެއް (އިމާމު ނިމުމުން) ފުރިހަމަކުރާށެވެ."

އެހެނީ އަނަސްގެފާނު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނަށް (އިމާމާ އެއްކޮށް ޢީދުނަމާދު) ފާއިތުވެއްޖެނަމަ އެކަލޭގެފާނުގެ ޢާއިލާގެ ބޭކަލުންނާއި މިނިވަންކޮށްފައިވާ އަޅުން އެއްކުރައްވާފައި ޢީދު ނަމާދުކުރައްވައެވެ. އަދި އެކަލޭގެފާނު މިނިވަންކުރައްވާފައިވާ އަޅެއްކަމުގައިވާ ޢަބްދުﷲ ބުން އަބީ ޢުޠުބާ އެބޭކަލުންނާއިގެން އިމާމުވެ ނަމާދުކުރައްވައެވެ. އަދި ދެރަކުޢަތުގެ ނަމާދެއްކުރައްވާއިރު (ޢީދުނަމާދުގައި ކިޔާ ފަދައިން) ތަކުބީރުތައް ކިޔުއްވައެވެ.

ޢީދުނަމާދުގެ ޚުޠުބާ ކިޔަނިކޮށް އާދެވުނު މީހަކަށް އޮތީ، ކަނުލާ ޚުޠުބާ އަޑު އެހުމަށް ފަހު ދެން އެ ނަމާދު ޤަޟާކުރުމެވެ. އޭރުން އެމީހަކަށް ދެ މަޞްލަޙަތު ޙާޞިލުވެގެންދާނެއެވެ."  

ޢީދު ނަމާދުގައި ކިޔާ ތަކުބީރުތަކުގެ ޢަދަދު 

ޢީދު ނަމާދަށް ޚާއްޞަ ތަކުބީރުތަކަކީ ޢީދު ނަމާދުގެ ސުންނަތެކެވެ. [5]

ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގެ ތަކުބީރުތަކުގެ ޢަދަދާ މެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. 

ފުރަތަމަ ބަސްފުޅު: ތަކުބީރަތުލް އިޙްރާމަށް ފަހު ކިޔާނީ 6 ތަކުބީރު

– މިއީ އިމާމު މާލިކުގެ ބަސްފުޅެވެ.  އަދި ޙަންބަލީ މަޛްހަބުގެ ބަހެވެ. 

ދަލީލު:

* »أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُكَبِّرُ فِي الْفِطْرِ وَالْأَضْحَى، فِي الْأُولَى سَبْعَ تَكْبِيرَاتٍ، وَفِي الثَّانِيَةِ خَمْسًا» [8]

މާނައީ: "ހަމަކަށަވަރުން ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ފިޠުރު ޢީދާއި އަޟްޙާ ޢީދު ނަމާދުގައި ފުރަތަމަ ރަކުޢަތުގައި ކިޔުއްވަނީ ހަތް ތަކުބީރެވެ. އަދި ދެވަނަ ރަކުޢަތުގައި ފަސް ތަކުބީރެވެ."

* عَنِ ابْنِ عَبَّاسٍ أَنَّهُ كَانَ يُكَبِّرُ فِي الْعِيدِ، فِي الْأُولَى سَبْعَ تَكْبِيرَاتٍ بِتَكْبِيرَةِ الِافْتِتَاحِ، وَفِي الْآخِرَةِ سِتًّا بِتَكْبِيرَةِ الرَّكْعَةِ، كُلُّهُنَّ قَبْلَ الْقِرَاءَةِ. 

މާނައީ: "އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ފަށާ ތަކުބީރާއެކު ކިޔުއްވަނީ ހަތް ތަކުބީރެވެ. އަދި ދެވަނަ ރަކުޢަތުގައި ރުކޫޢިން ތެދެވެވަޑައިގަންނަވާ ތަކުބީރާ އެކު ހަ ތަކުބީރެވެ. އެ ހުރިހާ ތަކުބީރެއްވެސް ކިޔުއްވަނީ (ނަމާދުގައި) ކިޔަވަން ފެއްޓެވުމުގެ ކުރިންނެވެ."

އަދި މަދީނާގެ އަހުލުވެރިން ޢަމަލުކުރަމުން އައިސްފައިވަނީ އެފަދައިންނެވެ. [10] 

ދެވަނަ ބަސްފުޅު: ތަކުބީރަތުލް އިޙްރާމަށް ފަހު ކިޔާނީ 7 ތަކުބީރު

– މިއީ އިމާމު ޝާފިޢީގެ ބަސްފުޅެވެ. 

ދަލީލު:

ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވަނީ ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ހަތް ތަކުބީރު ކިޔުމަށް ފުރަތަމަ ބަސްފުޅުގެ އަހުލުވެރިން ގެންނަވާފައިވާ ދަލީލުތަކުގައި އެވަނީ ތަކުބީރަތުލް އިޙްރާމުގެ ފަހުން ކިޔަންވީ ތަކުބީރުތަކުގެ ޢަދަދުކަމަށެވެ. 

އެކަމަށް އެބޭފުޅުން ގެންނަވާފައި ބައެއް އެހެން ދަލީލުތަކަކީ:

* عَنْ عَائِشَةَ، قَالَتْ: «كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُكَبِّرُ فِي الْعِيدَيْنِ اثْنَتَيْ عَشْرَةَ سِوَى تَكْبِيرِ الِافْتِتَاحِ» [13]

މާނައީ: "ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ދެ ޢީދުގައިވެސް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަމާދު ފައްޓަވާ ތަކުބީރުގެ އިތުރަށް ބާރަ ތަކުބީރު ކިޔުއްވައެވެ."

* أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «كَبَّرَ فِي الْعِيدِ يَوْمَ الْفِطْرِ سَبْعًا فِي الْأُولَى وَفِي الْآخِرَةِ خَمْسًا سِوَى تَكْبِيرَةِ الصَّلَاةِ» [14]

މާނައީ: "ހަމަކަށަވަރުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ފިޠުރު ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ހަތް ތަކުބީރު ވިދާޅުވެފައި ފަހު ރަކުޢަތުގައި ނަމާދުގެ ތަކުބީރުގެ އިތުރަށް ފަސް ތަކުބީރު ވިދާޅުވެއެވެ."

މިޙަދީޘްގައިވާ "ނަމާދުގެ ތަކުބީރުގެ” މުރާދަކީ އެއީ ތަކުބީރަތުލް އިޙްރާމުކަމުގެ އިޙުތިމާލު އެބައޮތެވެ. އަދި އެއީ ރުކޫޢުގެ ތަކުބީރުކަމުގެ އިޙުތިމާލުވެސް އެބަ އޮތެވެ. "

އެހެންކަމުން މިމައްސަލާގައިވާ ދަލީލުތައް އެއްކުރެއްވުމަށް ފަހު އިބްނުލް ޖައުޒީ ވިދާޅުވެފައިވެއެވެ.

"ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ވަނީ (ތަކުބީރަތުލް އިޙްރާމަށް ފަހު) ހަ ތަކުބީރެވެ."

ޢީދު ނަމާދުގެ ތަކުބީރުތަކާމެދު މި ނޫން އެހެން ބަސްފުޅުތައްވެސް ޞަޙާބީ ބޭކަލުންގެ އަރިހުން ޞައްޙަކޮށް ވާރިދުވެފައިވެއެވެ. 

އިމާމު އަޙްމަދު ވިދާޅުވިއެވެ.

"ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބު ބޭކަލުންވަނީ ތަކުބީރާ މެދު ޚިލާފުވެފައެވެ. އޭގެ ތެރެއިން ކޮންމެ ގޮތަކަށް ޢަމަލުކުރުންވެސް ހުއްދައެވެ.” 

އެހެންކަމުން މިމައްސަލާގައި މިވާ ޚިލާފަކީ ޢިލްމުވެރިންގެ އަރިހުގައި މުޢުތަބަރު ޚިލާފެކެވެ. އަދި ފުރަމަތަ ރަކުޢަތުގައި ތަކުބީރަތުލް އިޙްރާމަށް ފަހު 6 ތަކުބީރު ކިޔަސް ނުވަތަ 7 ތަކުބީރު ކިޔަސް އެމީހަކަށް އިންކާރުކުރުމެއް ނުވެއެވެ. 

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން