ހަސަދަވެރިން ދީފާނެ ގެއްލުމަކަށް ބިރުގަތުމެއް ނެތް! އެކަމުން ލިބޭނީ އިތުރު ކުރިއެރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހަސަދަވެރިން ދީފާނެ ގެއްލުމަކަށް ބިރުގަތުމެއް ނެތް! އެކަމުން ލިބޭނީ އިތުރު ކުރިއެރުން!: މުފްތީ މެންކް

ހަސަދަވެރިން އަބަދުވެސް ޙީލަތްތެރި ރޭވުންތައް ރާވާނެއެވެ. ގެއްލުން ދޭން ރާވާނެއެވެ. ނަމަވެސް އެފަދަ ކަންކަމަށް ބިރު ނުގަންނާށެވެ. ފަސްނުޖެހޭށެވެ. ހެޔޮ އަމަލުތައް ކުރުމުގައި ސާބިތުކަމާއިއެކު ކުރިއަށްދާށެވެ.

ހަސަދަވެރިން އަބަދުވެސް ހީލަތްތެރި ރޭވުންތައް ރާވާނެއެވެ. މަލާމާތާއި ފުރައްސާރަ ކުރާނެއެވެ. ޖެއްސުންވެސް ކުރާނެއެވެ. ޔަޤީންކުރަންޖެހޭ ކަމަކީ އެކުރާ ހުރިހާ ކަމެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާ ކަމެވެ. ހަމަ އެއްވެސް ކަމެއް ﷲ ތަޢާލާއަށް ވަންހަނާ ނުކުރެވޭނެ ކަމެވެ.

ފަހަރެއްގައި ހަސަދަވެރިންގެ ކިބައިން މިދުނިޔޭގައި ގެއްލުމެއްވެސް ލިބިދާނެއެވެ. އެކަން އެގޮތަށް މެދުވެރި ކުރައްވަވަނީ ތިބާ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. އިމްތިޙާނުން ފާސްވެއްޖެނަމަ ހީވެސް ނުކުރެވޭ ވަރުގެ ފައިދާ ޤިޔާމަތް ދުވަހު ތިބާއަށް ކުރާނެއެވެ.

މަކަރުވެރި ރޭވުންތަކުން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާށެވެ! އެއަށްފަހު ﷲ ތަޢާލާއަށް ވަކީލުކުރާށެވެ. އީމާންތެރިންގެ ގޮތަކީ އެއީއެވެ.

މިވާހަކަކޮޅު ބުނެލަން މިޖެހުނީ ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދާއިރު ބައެއް މީހުން ހަސަދަވެރިންނާއިމެދު ވިސްނަން ހަދައިގެން ކުރަން ޖެހޭ އަޅުކަން ނުކުރެވި އެބަދެއެވެ. ފަރުޟު ނަމާދުގައި ޚުޝޫޢަތްތެރިވާން ހުރަސް އެޅޭ މިންވަރަށް އެބަ ވިސްނައެވެ. އެހެންކަމަށް ވެއްޖެނަމަ އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ތިބާއަށެވެ.

ހަސަދަވެރިންނާއިމެދު ވިސްނަން ވަގުތު ހޭދަކުރުމުގެ ބަދަލުގައި ތިމާ ކުރަން ބޭނުންވާ އަޅުކަންތައްތައް ކުރަން މޮޅަށް ރާވާށެވެ! ތަންފީޒުވެސް ކުރާށެވެ! ހަސަދަވެރިން އެންމެ ދެރަވާނީ އެމީހުންގެ އަމަލުތަކަށް ތިބާ އެއްވެސް ވަރަކަށް ޖެހިލުން ނުވާކަން އެނގުމުންނެވެ. މުސްލިމުންނަކީ އެއްވެސް މީހަކަށް ބިރުގަނެ ޖެހިލުންވާން ޖެހެންވީ ބައެއް ނޫނެވެ! މުސްލިމުން ބިރުވެތިވާން ޖެހޭނީ ވެސް ޖެހިލުންވާން ޖެހޭނީ ވެސް ހަމައެކަނި ﷲ ތަޢާލާ އަށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން