ޤުރްއާނުގެ ވާހަކަތަކުން: މިޔުޒިކަށް ބިރުނުގަންނަ މީހުން މިލިޔުން ކިޔާލަބަލަ-! މި އުއްމަތުގެ ބަޔަކު ރާމާމަކުނަށާ އޫރަށް ބަދަލުކުރެއްވެވުން

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 34ސ
ޤުރްއާނުގެ ވާހަކަތަކުން: މިޔުޒިކަށް ބިރުނުގަންނަ މީހުން މިލިޔުން ކިޔާލަބަލަ-! މި އުއްމަތުގެ ބަޔަކު ރާމާމަކުނަށާ އޫރަށް ބަދަލުކުރެއްވެވުން

ޢަލީ އިޙްޞާން ފިރާޤް

ސިފަ ބަދަލު ކުރެއްވުމުގެ ޢަޛާބަކީ ހަމައެކަނި މި ކުރީގެ އުއްމަތްތަކަށް ޚާއްޞަ ޢަޛާބެއް ނޫނެވެ. މި އުއްމަތުގެ ބަޔަކުވެސް ރާމާމަކުނުތަކަކަށާއި އޫރުތަކަކަށް ބަދަލު ކުރައްވާނެކަން ޞައްޙަ ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ. 

އަބޫމާލިކު އަލްއަޝްޢަރީ ރަޟިޔަޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިވެއެވެ. 

" لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ يُسَمُّونَهَا بِغَيْرِ اسْمِهَا يُعْزَفُ عَلَى رُءُوسِهِمْ بِالْمَعَازِفِ وَالْمُغَنِّيَاتِ يَخْسِفُ اللَّهُ بِهِمُ الأَرْضَ وَيَجْعَلُ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ "‏ { سنن ابن ماجه، كتاب الفتن، باب الْعُقُوبَاتِ ، ޙަދީޘް ނަންބަރު 4020}

މާނައީ: [ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ އުއްމަތުން ބަޔަކު ރާބޯ ހުއްޓެވެ. ނަމަވެސް އެބައިމީހުން އެއަށް ދީފައިވަނީ އެނޫން އެހެން ނަމެކެވެ. އެބައިމީހުންގެ ކުރިމަތީގައި މިޔުޒިކް ޖަހާ މީހުން މިޔުޒިކް ޖަހާ، ލަވަކިޔާ އަންހެން ކުދިން ލަވަކިޔާ ނެތެވެ. މާތް الله އެމީހުން ބިމަށް ގަންބަވައިލައްވައި އޭގެތެރެއިން ބަޔަކު ރާމާ މަކުނުތަކަކާއި އޫރުތަކަކަށް ބަދަލު ކުރައްވާ ހުއްޓެވެ.] 

އަދި ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. އަބޫޢާމިރު ނުވަތަ އަބޫމަލިކު އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

"ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން ބަޔަކު މީހުން ފަށުވި ފޭރާމާއި، ޒިނާއާއި ރަލާއި މިއުޒިކު ސާމާނު ހުއްދަ ކުރާނެއެވެ. އެބައިމީހުންގެ ތެރޭގައި ފަރުބަދައެއްގެ ކައިރީގައި ދިރިއުޅޭ ބަޔަކުވެސް ތިބޭނެއެވެ. ހަވީރު ގަޑީގައި އެއުރެންގެ ބަކަރި ހުއިހައްޕާމީހާ އެއުރެންގެ ބަކަރިތަކާގެން އަންނާނެއެވެ. އައިސް އެބައިމީހުންގެ ގާތުން އެއްޗަކަށް އެދޭނެއެވެ. ނަމަވެސް އެބައިމީހުން އޭނާއަށް ބުނާނެއެވެ. މާދަން އެނބުރި އަންނާށެވެ." 

އެދުވަހުގެ ރޭގަނޑުގެ ވަގުތުގައި މާތް އެބައިމީހުން ހަލާކު ކުރައްވާނެއެވެ. އެ ފަރުބަދަ އެބައިމީހުންގެ މައްޗަށް ވައްޓަވައިލައްވާނެއެވެ. ދެން ބާކީތިބި މީހުން ރާމާމަކުނަށާއި އޫރަށް ބަދަލު ކުރައްވާނެއެވެ. އެބައިމީހުން އެގޮތުގައި ޤިޔާމަތާ ހަމައަށް ދެމިތިބޭނެއެވެ. { صحيح البخاري، كتاب الأشربة، باب مَا جَاءَ فِيمَنْ يَسْتَحِلُّ الْخَمْرَ وَيُسَمِّيهِ بِغَيْرِ اسْمِهِ، ޙަދީޘް 5590} 

 

 

 

 

މިއަދު އޮންލައިން