މުޅިދުނިޔެވެސް ސިހުރާ ދެކޮޅަށް ތެދުވި-

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 48ސ
މުޅިދުނިޔެވެސް ސިހުރާ ދެކޮޅަށް ތެދުވި-

މިޞްރުގެ ޤަދީމީ ތާރީޚުގެ ފަހުކޮޅުގައި ރަސްކަންކުޅަ މިޞްރުގެ އެންމެ ބޮޑެތި ރަސްރަސްކަލުންގެ ތެރޭގައި  ނިކްތަނިބީސްއެވެ ކިއުނު ރަސްކަލަކު ހިމެނެއެވެ. އޭނާއަކީ ވަރަށް ކުޅަދާނަ މޮޅު ސިޙްރުވެރިއެކެވެ. އޭނާގެ ރަސްކަން މީލާދީގެ ކުރީން 358 ނުވަތަ 360 ވަނައަހަރާ ހަމަޔަށް ދެމިއޮތެވެ. 

މިޞްރުމީހުން އެމީހުންގެ ސިޙްރު ކާމިޔާބުކުރުމަށްޓަކައި އެއިން ބާރުހޯދައިގަންނަ ކަލިމައެއްވެއެވެ. އެކަލިމަ ނުބަތަ ބަސް “HE- KAW” މިގޮތަށް ލިއެފައި ހުންނަކަމަށް ވެއެވެ. އަދި އެކިއެކި ތަވީދުތަކުގައްޔާއި ސިޙްރުހާހޫރައިގެ އަކަ ކުރެހުން ތަކުގައާއި މިނޫންވެސް އެމީހުންގެ آثارى ތަކެތީގައި ބިންވަޅު ނެގިފައިވާކަމަށްވެސް ވެއެވެ. އަދި އިގިރޭސިވިލާތުގެ މިޔުޒިއަމްގައި 122 ވަނަ ނަންބަރުގައިވާ ބަރްދީ ފަތުގައި (ޕެޕައިރަސް ނުވަތަ އިޖިޕްޝަންސެޖް) މިޞްރުގެ ސިޙްރުވެރީން އެމީހުންގެ މަސައްކަތުގައާއި އަޅުކަންތަކުގައި ވާގިއެދުމުގެ ގޮތުން ބޭނުންކޮށްއުޅުނު ސިޙްރުގެ ބައެއް ކިއެވެލިތަކާއި ރަމްޒުތައް ފެންނާން އެބަހުރިކަމަށްވެސް ލިޔެފައި ހުރެއެވެ. 

އަދި ހޯދައިބަލައިފި އެއްވެސް މީހަކަށް، ޤަދީމީ ޒަމާނުގެ މިޞްރުމީހުން އެމީހުންގެ ޤަބުރުތައް ކޮނެ ނަގާ މީހުންނަށާއި އެމީހުންގެ آثارى ތަކެތި ވަގަށްނަގާ މީހުންނަށާއި އެތަކެއްޗާކުޅެހަދާ މީހުންނަށް އެމީހުންގެ ލަޢުނަތް އަންނާނެ ގޮތުގެމަތީން އެ ލަޢުނަތް ވަދީޢާކޮށްފައިވާ ބިރުވެރި ސިއްރާމެދު އިންކާރެއް ނުކުރެވޭނެއެވެ، މިކަމުގެ ހެކި މިޒަމާނުގެ ތާރީޚުގެ ތެރޭން ފެނިފައިވެއެވެ، މިގޮތުން މީލާދީ ތާރީޚުގެ ކުރީން 14 ވަނަ ޤަރުނުގައި މިޞްރުގައި ރަސްކަންކުޅަ ފިރްޢައުނުންގެ 18 ވަނަ ދަރިކޮގެ ޒުވާން ރަސްކަލެއްކަމުގައިވާ މަޝްހޫރު ޠޫޠުޢަންޚު އާމޫން (TUT- ANK- AMMON)ގެ ޤަބުރުހޯދި ޓީމުގައި ހިމެނޭ ލޯރޑްކޭނަވަން (CARNERVON) އާއި މިސްޓަރ ކާރޓަރއަށް ޖެހުނު، ފިރްޢަވްނުންގެ ލައުނަތް ފާހަގަކޮށްލެވެއެވެ. (މިޤަބްރުހޯދުނީ 1922 ވަނަ އަހަރުއެވެ. ދެން މިދެކަލުންގެ ތެރޭން ލޯރޑް ކޭނަވަންއަށް ވަރަށްގިނަ ދަތިތަކާއި މައްސަލަތަކާ ކުރިމަތިލާންޖެހުނެވެ. ޢާއިލީ ހަމަނުޖެހުންތަކާއި މާލީ ގެއްލުންތަކާއި އެނޫންވެސް މައްސަލަތަކެވެ. އޭރު އަދި ތޫތު ޢަންޚު އާމޫންގެ (ޓޫޓަންކަމޫންގެ) މަޤްބަރާ ހޯދުމުގެ މަސައްކަތް ނުނިމެއެވެ. ދެން އެމަސައްކަތް ކާމިޔާބު ވުމުގެކުރީން އޭނާ ވަރަށް ޙާލުގައި  އުޅުއްވުމަށްފަހު މިދުނިޔެ ދޫކުރައްވައިފިއެވެ. ޓީމުގެ އަނެއް ބޭކަލަކަށް އުޅުއްވި މިސްޓަރ ކާރޓަރއަށް ފުރާނަ ސަލާމަތް ކުރެއްވުނީ ހަމަކިރިޔާއެވެ. އެކަންވީގޮތަކީ އެމަޤްބަރާ ހަމަ ފެނުނުދުވަހު ކޯބްރާބާވަތުގެ ވަރަށްބޮޑު ހަރުފައެއް އޭނާގެ ދޫނި ކައި ނިންމައިލައިފިއެވެ. އޭނާ އެދޫނި ގެންގުޅުއްވީ ވަރަށް ރީތި ކޮށްޓަކަށްލައްވައި އޭނާގެ އޮފީހުގައެވެ. ނުވަތަ އެމަޤްބަރާއާ ކައިރީގައިވާ އޭނާގެ ގޭގައެވެ. އެއީ ވަރަށްލޯބިން އޭނާ ގެންގުޅުއްވި ދޫންޏެކެވެ. އެހެނީ އެއީ ކެނޭރީ (CANARY) ބާވަތުގެ ދޫންޏެކެވެ. އެއީ ވަރަށް އަޑުރީތި އަދި އޭތީގެ ދެފިއައިގެ ފަތްތައް ރީނދޫކުލައާ ގާތް ކުލައަކަށްދާ ދޫންޏެކެވެ. 

ދެން އެހަރުފަ އެދޫނި ކައިލުމަށްފަހު އޭތި އިންތިޒާރުކޮށްގެން އޮތީ މިސްޓަރ ކާރޓަރއަށެވެ. އެއީ އޭނާގެ ދުވަސް ދުއްވައިލުމަށްޓަކައެވެ. ނަމަވެސް މިސްޓަރ ކާރޓަރއަށް މިކަން ވިސްނިލައްވައިގެން ހެއްދެވިގޮތަކީ އެމަޤްބަރާ ފެނުމަށްފަހު އަބުރާ އޭނާގެ އޮފީހަށް ވަންނަވާކަށް ޤަސްދެއް ނުކުރެއްވިއެވެ. އަދި ކީއްހެއްޔެވެ؟ އޭނާ ސީދާ އެތަނުން ދަތުރުކުރެއްވީ ޤާހިރާއަށެވެ. އެއީ އެޚަބަރު އިޢުލާނު ކުރެއްވުމަށްޓަކައެވެ. ދެން އޭނާގެ ބައެއް އެހީތެރީންނާ ޙަވާލުކުރެއްވީ އޭނާގެ ލަގެޖްއާއި އެހެނިހެން ސާމާނު އޭނާ ހުންނެވިތަނަށް ޤާހިރާއަށް ގެނައުމަށެވެ. 

ހުޅަނގުގެ ހުރިހާ ޤައުމުތަކަކުން ސިޙްރުވެރީން ނައްތައިލުމަށްޓަކައި އެބައިމީހުނަށް ކުރެވެންއޮތްހައި މަސައްކަތެއް ކުރިއެވެ. މިގޮތުން ސިޙްރުވެރީންގެ މައްޗަށް އެންމެ ގަދަފަދަ ޢުޤޫބާތުން ޢުޤޫބާތްދިނެވެ. އޭގެތެރޭން އެންމެ ކުޑަ ޢުޤޫބާތެއްކަމުގައިވީ ދަންޖެއްސުމެވެ. އަދި އެމީހުންނަށް އެކިވައްތަރުގެ އަދަބުދިނުމާއި މީސްތަކުންގެ ކުރިމަތީގައި فضيحة ކޮށް ބޭޒާރު ކުރުމާއި އެމީހުންގެ މުދާތައް ކޮންފިސްކޭޓްކޮށް އަތުލުމާއި އެމީހުންނަށާއި އެމީހުންގެ ދަރިފަސްކޮޅަށް ޢުޤޫބާތްދިނުމާއި މިފަދަ ކަންކަން ހިމެނިގެންވިއެވެ. ފަރަންސޭސިވިލާތާއި ޖަރމަނީއާއި އިޓަލީގައި އެދުވަސްވަރު ސިޙްރުވެރީންގެ މައްޗަށް ޙުކުމްކޮށް އުޅުނީ އަލިފާނަށްލައި އަންދާލައިގެން މަރާލުމަށެވެ. ސްކޮޓްލޭންޑްގައި ސިޙްރުވެރީންނަށް ޢުޤޫބާތްދީ އުޅުނީ ކެކިކެކި ހުރި ތާރުން ފުރިގެންވާ ދަގަޑު ރިކާބީއެއްގެ ތެރެއަށް ސިޙްރުވެރިޔާ އެއްލައިލައިގެންނެވެ. އަދި އިންގްލޭންޑްގައާއި ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ސިޙްރުވެރީންނަށް ޢުޤޫބާތްދީ އުޅޫނީ ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސައި މަރައިގެންނެވެ، އެމެރިކާގައި އެމީހުންނަށް ޢުޤޫބާތްދިނީ، އޭގެމީހަކު އަތުޖެހުނު އިރު އެންމެކައިރީގައި ހުރި ގަހެއްގައި އެލުވައި ދަންޖައްސައި މަރައިގެންނެވެ. މިގޮތުން ކުށެއްނެތް ވަރަށްގިނަ ކަޅުމީހުން އެމެރިކާގައި މަރުވެގެންދިޔައެވެ، ޚާއްޞަކޮށް އެމެރިކާގެ ދެކުނު ސްޓޭޓްތަކުގައެވެ އެކަންވާގޮތަކީ ދޮންމީހުންގެ ބައަކަށް މަގުމަތީން ކަޅުމީހަކު ފެނިއްޖެނަމަ ސިޙްރުވެރިއެއްކަމުގެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވައި އެވަގުތު އެމީހުން ދާންއޮތް މަގެއްގެ ހުރަހަށް އޮތް ގަހެއްގައި އެލުވައި ދަންޖައްސައި މަރައިލަނީއެވެ. އެއްވެސް ޝަރީޢަތަކާ ނުލައެވެ. 

މިނޫން އެހެން ރަށްރަށުގައި އަދި މިއަށްވުރެވެސް އަނިޔާވެރި ގޮތްގޮތަށް އެމީހުންނަށް ޢުޤޫބާތްދީ އުޅުނެވެ. ސްޕޭންގައާއި އެނޫންވެސް ރަށްތަކުގައެވެ. އެތަންތާގައި އެފަދަމީހުންނަށް ޢުޤޫބާތްދީ އުޅުނު އަނިޔާވެރި ތަފާތުގޮތްތައް ބައެއްފޮތްފޮތުގައި ލިޔެވިފައިވެސް އެބަހުރިމެއެވެ. ދިގުވެދާނެ ކަމަށްޓަކައި އެވާހަކަތައް މިތާގައި ނަޤްލުނުކޮށް މިވަރުން ފުއްދައިލަމެވެ. 

ކޮންމެއަކަސް ސިޙްރުވެރީންނަށް ދެވޭ ޢުޤޫބާތުގެ ބޮޑުކަމާއި އެމީހުންނަށް އެކަމުގައިލިބޭ ވޭނާއި ކެކުޅުމުގެ ބޮޑުކަމުން ސިޙްރުވެރިއާގެ ޞަރީޙް ފުރިހަމަ އިޢުތިރާފުން މެނުވީ އެދުވަސްވަރު ސްޕޭންގެ ކޯޓުތަކަކުން އެމީހުންނަށް ޢުޤޫބާތް ދިނުމަކަށް ޙުކުމެއްނުކުރެއެވެ. މިގޮތުން ސިޙްރުވެރިއާވާ އިޢުތިރާފުގައި އޭނާ ސިޙްރުގެ ޢަމަލުތައް ކުރަމުންދިޔައީ އޭނާއާއި ޝައިޠާނާއާ ދެމެދު ކުރެވުނު ޢަޤްދެއް ނުވަތަ ވެވުނު އިއްތިރާޤެއްގެ މައްޗަށް ބިނާކޮށްގެންކަން ބަޔާންކުރަންޖެހެއެވެ. އަދި އޭނާގެ އިޢުތިރާފް އޮންނަންވަނީ ލިޔުމަކުންނެވެ. އަދި މީގެއިތުރަށް އޭނާއާއި ޝައިޠާނާއާ ދެމެދުގައިވާ ޢަޤްދު ކުރެވިފައިވަނީ ކޮންއިރަކު އަދި ކޮންތާކުގައިކަމާއި އޭގައި ބުނެފައިވާ އެއްޗަކީ ކޮބައިކަމާއި އޭގެ މުއްދަތަކީ ކޮބައިކަމާއި ޝައިޠާނާ އޭނާއަށް ފާޅުވަނީ ކޮންސޫރައެއްގައިކަމާއި އޭނާ ސިޙްރުހެދުމުގައި ބޭނުންކޮށްއުޅޭ ތަކެއްޗަކީ ކޮބައިކަމާއި އެތަކެތި އޭނާއަށް ގެނެސްދެނީ ކާކުކަމާއި އޭނާ ސިޙްރުހެދީ ކާކަށްތޯއާއި ކާކުގެ މަޞްލަޙަތަކަށްތޯ އަދި ކާކަށް ގެއްލުން ދޭންތޯއާއި މިނޫންވެސް މިފަދަ ސުވާލުތައް ކުރިމަތި ކޮށް ސާފުކުރަންޖެހެއެވެ. ބޭނުމަކީ ސިޙްރުވެރިއާގެ ޤަޞްދާމެދު ނުވަތަ ދޮގުހަދައިގެން އޭނާއަށް ޢުޤޫބާތްދެވޭކަމާމެދު ޝައްކުކުރެވޭފަދަ އެއްވެސް ޖާގައެއް ނުބޭއްވުމެވެ. 

ޔޫރަޕުން އޭޝިޔާއަށްސިޙްރު ނަޤްލުވިއެވެ. އަދި ޖެމެއިކާއަށާއި އުތުރު އެމެރިކާއަށާއި ދެކުނުއެމެރިކާ އަށްވެސް މެއެވެ. ޖެމެއިކާގެ އަހުލުވެރީން ސިޙްރުހަދައި އުޅުމާއި އެކަމުގައި އެމީހުން ގެންގުޅޭ ފަންނީ ގޮތްތަކާ ބެހޭގޮތުން ވަރަށްގިނަ ވާހަކަތައް ބަޔާންކޮށް މިސްޓަރ ވިލިއަމްޒް ދެފޮތެއް ނެރުއްވިއެވެ. އެއީ 1932މ. ވަނައަހަރާއި 1935މ. ވަނައަހަރުއެވެ. އޭނާ ލިއުއްވާފައިވެއެވެ. 

"މިއަދާ ޖެހެންދެންވެސް ދެއެމެރިކާގައި ސިޙްރުހަދާއުޅޭ މީހުން އުޅެއެވެ. އިންކާސް އެވެކިޔުނު ޤަބީލާގެ މީހުންނަކީ މިކަމުގައި މަޝްހޫރު ބައެކެވެ. އެމީހުންގެ ދީނީ އެކިއެކި ކިއެވެލިތަކާއި ސިޙްރުގެ އިޙްތިފާލްތަކާ ބެހޭގޮތުން ޓުއަރިސްޓުންނާއި އެކްސްޕްލޯރަރުން ވަރަށްގިނަ ކަންތައްތައް ދެކެ އެވާހަކަތައް އެމީހުން ދައްކައެވެ. އެމީހުން ހެކިވާގޮތުގައިވެސް އިންކާސްގެ މީހުންނަކީ އެރޮގުން ވަރަށްވެސް ފުންނާބު އުސް ބައެކެވެ." 

ސިޙްރުވެރިންގެ މައްޗަށް ސަރުކާރުތަކުން އެކިބާވަތުގެ އުޤޫބާތާއި އަދަބުތައް ދެމުން ގެންދިޔަކަމުގައިވިޔަސް އެމީހުންގެ ޢަމަލުތައް ހުއްޓުވައިލުމަކަށް ނުވަތަ އެމީހުން ބިރުގެންނެވުމަކަށް ނުވަތަ އެމީހުންގެ އެނުބައި ޢަމަލުތަކުގެ އަސަރު އެމީހުންގެ ނަފްސުތަކުން މުޅީން ފިލުވައިލުމަކަށް އެކަންކަމެއް ނުފުދުނެވެ. އެހެނީ އެސިޙްރުވެރީން އިޢުތިޤާދުކުރާގޮތުގައި އެމީހުންގެ ރޫޙުވަނީ ޝައިޠާނާއަށް ވިއްކާލައިފައެވެ. ވީމާ ދަންޖައްސައިގެން ނުވަތަ އަންދަލައިގެން ނުވަތަ އެނޫންވެސް ގޮތަކުން ވެރިކަމުގެ ފަރާތުން އެމީހުން މަރައިލުމަށްޓަކައި ނެތިކޮށްލާނޭ ރޫޙެއް ނުވަތަ ފުރާނައެއް އެމީހުންނަކަށް ލިބިފައެއް ނުވެއެވެ. 

ނަމަވެސް ސިޙްރުވެރީންގެ ތެރޭގައި މުޘައްޤަފުބައަކު (ނުވަތަ ތަޢުލީމީ ބައަކު) ވިއެވެ. އެއީ ބޮޑެތި މަސައްކަތްތަކާއި ބިޒިނަސް ހިންގުމުގެ ބައެއް ވެރިންނާއި ބައެއް އުސްތާޛުންނާއި މިނޫންވެސް މިފަދަ މީހުންނެވެ. މިމީހުން އެކަމެއްކުރަނީ ވަރަށް ސިއްރިއްޔާތު ގޮތުގައެވެ. އެއީ ލިބޭނެ ޢުޤޫބާތުގެ ބޮޑުކަމުންނެވެ. އަދި އެކަމުގައި އެމީހުންދައްކާ ބާޠިލް ޙުއްޖަތެއްވެއެވެ. އެއީ އެމީހުންގެ ސިޙްރު ކުރިމަތިކުރެވެނީ ފައިދާހުރި ހެޔޮޢަމަލުތަކަށެވެ. މިސާލަކަށް ބަލިމީހުންނަށް ޝިފާއަށް އެދިގެންނާއި ދެމަފިރީންގެ ދެމެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށް އެމީހުން ޞުލްޙަކުރުންފަދަ ކަންކަމަށްޓަކައެވެ.  އަދި ފޮރުވިފައިވާ ޚަޒާނާތަކާއި ކަންޒުތައް ހޯދުމަށާއި މަދަނިއްޔަތަށާއި، އިންސާނިއްޔަތަށް މަންފާކުރަނިވި ޢިލްމުތައް ނެރެހާމަކުރުން ފަދަ ރަގަޅު މަޤްޞަދުތަކަށްޓަކައެވެ. މިހެންކަމުން އެބައިމީހުންގެ މިޢަމަލުތަކަށް އެބައިމީހުން ދީފައިވާނަމަކީ ހުދުސިޙްރެވެ. (ނުވަތަ WHITE MAGIC އެވެ.) މިމީހުން ގެއްލުމާއި ހަލާކުދެނިވި ސިޙްރަށް ކިއައިފައިވަނީ ކަޅުސިޙްރެވެ. ނުވަތަ BLACK MAGIC އެވެ.)

ނަމަވެސް އެއްވެސް ސަރުކާރަކުން މިބައިމީހުންގެ މި ޙުއްޖަތްތަކެއް ޤަބޫލެއް ނުކުރެއެވެ. އަދި ޤާނޫނުވެސް އެމީހުންގެ އެވާހަކަތަކަކީ އިތުބާރު ކުރެވޭ އެއްޗެއްކަމަށް ކަޑައެއްނާޅައެވެ. އަދި  ކީއްހެއްޔެވެ؟ ސިޙްރުގެ ހުރިހާ ޙާލަތްތަކެއްގައިވެސް ޤާނޫނު ކަޑައަޅަނީ އެއިންއެއްވެސް ކަމެއް އަސާސީ ސިޙްރުން ބޭރުނުވާކަމަށެވެ. އެހެނީ އެކަމެއް ކާމިޔާބު ކުރުމަށްޓަކައި ސިޙްރުވެރިޔާ އޭނާގެ ބާރުހޯދައިގަންނަނީ ޣައިރު  ޠަބީޢީ މަސްދަރަކުންނެވެ. އަދި އޭނާ އެބާރު ލިބިގަންނަނީ ޠަބީޢީ ޤާނޫނުތަކާއި ނިޒާމުތަކުގެ މައްޗަށް ގަދަވެގަތުމުގެ ގޮތުންނެވެ.  އަދި އިންސާނުންގެ ބުއްދިތަކާއި ހިތްތަކާއި ނަފްސުތަކުގެ މައްޗަށް އޭނާއަށް ބާރުލިބިގެންވާކަމާއި އޭނާބޭނުންވެއްޖެ ހިދެއްގައި ބޭނުންގޮތަކަށް އެމީހުންނަށް ގެއްލުންދެވިދާނެކަމުގެ ވަހުމުވެސް އެމިހުންގެ ހިތްތަކަށް އޭނާވައްދައިދެއެވެ. އަދިހަމަ އެފަދައިން އޭނާގެ ހުތުރުވެގެންވާ ބޭނުންތަކަށްޓަކައި އިންސާނުންނާއި ޙަޔަވާނުންނާއި ގަސްގަހާގެއްސާއި ޖަމާދާތު ޚިދުމަތްތެރިކުރުވައެވެ. މިހުރިހާ ކަމަކީވެސް އިލާހީ ޤުދްރަތާ އަރައިރުންވާ ކަންކަމެވެ. 

އަދި ނުނިމޭ 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

މިއަދު އޮންލައިން