މިއަދުގެ ޢީދު ޚުޠުބާގައިވެސް އިސްތިޢްމާރީ ބާރުތަކުންނާއި މުސްލިމުންގެ ޢަދާވާތްތެރިންގެ ކިބައިން ޤައުމު ސަލާމަތްކުރުމުގެ މުހިންމުކަމާއި ވެރިން ޤައުމުދެކެ ލޯބިވާންޖެހޭނެ މިންވަރު ފާހަގަކުރެއްވިއެވެ.
އިމާމް ވިދާޅުވީ މީސްތަކުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއް ކަމަކީ ޤައުމުގެ ޞުލްޙަމަސްލަޙަތު ކަމަށެވެ. ޞުލްޙަމަޞްލަޙަތު ނެތި އެތަނެއްގައި ހަމަޖެހުން ނުއޮންނާނެ ކަމަށެވެ.
މިބަސްފުޅަށް ވިސްނައިފިނަމަ އެނގިގެންދަނީ ޤައުމުތަކަށް ނުފޫޒުފޯރުވައި ވެރިވެގަންނަމުންދާ އިސްތިޢްމާރީ ބާރުތަކާއި އަދި މުސްލިމުން ނެތިކޮށްލަން މަސައްކަތްކުރާ މުސްލިމުންގެ ޢަދާވާތްތެރިންގެ ކިބައިން ޤައުމު ސަލާމަތްކުރުމުގެ މުހިންމުކަމެވެ. ސަބަބަކީ އަމިއްލަ އެދުން ބޮޑު ބައަކު އިސްތިޢްމާރީ ބާރުތަކުގެ އަތްމައްޗަށް އަދި މުސްލިމުންގެ ޢަދާވާތްތެރިންގެ އަތްމައްޗަށް ޤައުމު ދޫކޮށްލައިފިނަމަ އެކަންކަމާއިދެކޮޅަށް ﷲ އަށާއި ޤައުމަށް އިޚްލާޞްތެރިން ނުކުންނާނެތީއެވެ. އަދި ހަމަނުޖެހުންތައް ހިނގާނެތީއެވެ. ޞުލްޙަމަޞްލަޙަތު ގެއްލި އަމާންކަން ނެތިގެންދާނެތީއެވެ.
ވެރިން ޤައުމުދެކެ ލޯބިވާންޖެހޭ މިންވަރު ބަޔާންކުރައްވާފައިވަނީ އިބްރާހީމްގެފާނު ކުރެއްވެވި ދުޢާގެ ވާހަކައިންނެވެ. ދުޢާގައި އިބްރާހީމްގެފާނު އެންމެ ފުރަތަމަކަމަށް އެދިވަޑައިގަތީ ޤައުމުގެ ޞުލްޙަވެރިކަމަށާއި އަމާންކަމަށްކަން އިމާމް ފާހަގަކުރެއްވިއެވެ.
އިމާމްގެ މިބަސްފުޅުން އެނގިގެން މިދަނީ ޤައުމުގައި ހަމަނުޖެހުން އުފެދިދާނެ އެއްވެސް ކަމެއް ވެރިން ނުކުރުމުގެ މުހިންމުކަމެވެ. އިސްތިޢްމާރީ ބާރުތަކާއި މުސްލިމުންގެ ޢަދާވާތްތެރިންގެ ކިބައިން ޤައުމު ސަލާމަތްކުރުމަށް ވެރިން އިސްކަންދީ ސަމާލުކަންދޭންޖެހޭނެ މިންވަރެވެ.
މަޢްލޫމާތު: އިސްލާމީ މަރުކަޒުގައި މިއަދުކިޔާފައިވާ ޚުޠުބާ