އަށާރަވަނަ ޤަރްނުގެ ތެރޭގައި، ސިޙްރުވެރީންނަށް މަރުގެ ޢުޤޫބާތް ދިނުން އުވާލެވުނެވެ. އޭގެ ބަދަލުގައި ބަންދުކުރުމާއި ޖުރްމާނާ ކުރުމުގެ ޢުޤޫބާތް ދެވެންފެށުނެވެ. މިހެންވުމުން ވަރަށްގިނަ ބައަކަށް ފެނުނީ މިއީ ފާޅުގައި ސިޙްރުގެ ޢަމަލުހިންގުމަށާއި ސިޙްރު އުގެނި ދަސްކުރުމަށް ލިބުނު ރަގަޅު ފުރްޞަތެއްކަމަށެވެ. މިގޮތުން ސިޙްރުގެ ކްލަބްތަކާއި ޖަމްޢިއްޔާތައް އުފެދުނެވެ. އެތަންތަނަށް، ތަފާތު ފެންވަރުގެ ވަރަށްގިނަ ޢަދަދެއްގެ ފިރިހެނުންނާއި އަންހެނުން ވަނެވެ، މިހެންކަމުން ޢުޤޫބާތް ލުއިވުމުގެ ނަތީޖާއަކަށްވީ ސިޙްރުގެ އެކި ބާވަތްތަކާއި މަކަރާއި ޖާދޫވީ ޢަމަލުތައް ޢާންމުވާގޮތްވުމެވެ. އެފަދަ ޢަމަލުތަކުގެ ސަބަބުން ލިބޭނެމަލާމާތަށް ނުވަތަ ހުތުރުނަމަށް ބިރުގަންނަ މީހުން ދައްކާ ޙުއްޖަތަކީ އެއީ ތިމަންމެން މިޢަމަލުކުރަނީ ކެމިސްޓްރީ ޢިލްމުގެ ތެރޭގައި އޭގެ ކަމެއްގެ ގޮތުގައެވެ. ކެމިސްޓްރީ ޢިލްމަކީ އެދުވަސްވަރު މަޝްހޫރުވަމުން އައިސްފައިވާ ޢިލްމެކެވެ.
ބައެއް ސިޙްރުވެރީން އަށާރަވަނަ ޤަރުނުގެ ތެރޭގައި އުޅެމުންދިޔައީ ޤަބުރުސްތަނުގައި ޤަބުރުތަކުގެ ތެރޭގައެވެ. އަދި މީހުންނޫޅޭ ނާމާން ތަންތާގައެވެ. ދެން މައްޔިތުންގެ ހަށިގަޑުން ހަށިގަޑު ހަދައިގެން ނުކުމެ ރޭގަޑު މީހުން ނިދާފައި ތިއްބާ އެމީހުންނާ ދިމާކޮށް އެމީހުންގެ ލޭބޮއި ހަދައެވެ. އެދުވަސްވަރުން ފެށިގެން އެމީހުންގެ ނަން މަޝްހޫރުވެފައި ވަނީ ލޭބޯމީހުން (VAMPIRES) ގެ ނަމުންނެވެ.
މިބައިމީހުންގެ ޢަދަދު ފަރަންސޭސި ވިލާތާއި ރަޝިޔާއާއި ހަންގޭރީއާއި ޕޯލެންޑްގައި އިތުރުވެގެންދިޔައެވެ. އެފަދަ މީހުންގެ ތެރޭގައި މަޝްހޫރު ޑްރެކިއުލާރ ހިމެނިގެން ވެއެވެ. އޭނާގެ ޙާދިސާތައް ބައިސްކޯފް ފިލްމުތަކުގައި ކުޅެވިފައި ވެއެވެ. މިބުނެވިދިޔަ ލޭބޯމީހުންގެ ސަބަބުން ސިޙްރުގެ ޕްރިސްކްރިޕްޝަންތައް ޢާންމުވެގެން ދިޔައެވެ. އެއީ ލޭބޯމީހުންގެ ކިބައިން ރައްކާތެރިވުމުގެ ފަރުވާއެއްގެ ގޮތުންނެވެ. އެ ޕްރިސްކްރިޕްޝަންތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެންމެފަހުން މަރުވިމީހެއްގެ ޤަބުރުން ވެލިމުށެއް ނަގައިގެން ނިދުމުގެ ކުރީން އެވެލިމުށް ކައިލުމެވެ. ނުވަތަ ދިރުވައިލުމެވެ. އޭރުން ލޭބޯމީހުންނަކަށް އޭނާގެ ގެއަކަށް އަންނާކަށް ނުކެރޭނެއެވެ.
އޮނަވިހިވަނަ ޤަރުނުގައި ސިޙްރުގެ ކަންތައް ޔޫރަޕްގައި ވަރަށްބޮޑަށް ފެތުރިގެންދިއައެވެ. އަދި ވިހިވަނަ ޤަރުނުގެ ކުރީކޮޅުގައިވެސް އެކަން ކުރިއަށްދިޔައެވެ. ވުމާއެކު ވެރިކަމުގެ ފަރާތުން އެމީހުން ފަހައި އަތުލަމުން ދިޔައެވެ. އަދި އެމީހުންގެ ޢަމަލުތައް ހޯދައި ބަލައި އެމީހުން ހިފައި ހައްޔަރުކުރަމުން ދިޔައެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)