"އަތުގަ ހުންނަ މުދަލުގެ އަގު އިންތިހާއަށް އުފުލުމަކީ ކޮންކަހަލަ ކަމެއްތޯ؟"
މިއީ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ.
ބާޒާރުން އެއްޗެއް މަދުވެލާއިރަށް އަތުގައި ހުންނަ މުދަލުގެ އަގު އުފުލައެވެ. އެކަން ހުއްޓުވަން އެޅޭ ފިޔަވަޅެއް އޮންނަ ކަމަކަށްނުވެއެވެ. ބުނަނީ އެފަދަ ފިޔަވަޅު އެޅުމަކީ މިނިވަން ވިޔަފާރީގެ އުޞޫލުތަކާއި ޚިލާފުކަމެއް ކަމަށެވެ.
ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ކޮންމެވެސް މިންވަރެއްގެ ޖަވާބެއް ލިބިގެންދާނެ ކަމަށް ހީކުރަމެވެ.
ވިޔަފާރީގައި ތެދުވެރި ނުވެ މަކަރު ހަދާނަމަ އެބައަކަށް މާތް ﷲ މިންވަރުފުޅު ކުރައްވަވާ ވެރިންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެންދާނެ އެވެ. ބޮޑެތި ޓެކްސްތައް ނަގައި ރައްޔިތުންނަށް ނުއުފުލޭނެ ގިނަ މުޞީބާތްތައް ކުރިމަތިކުރުވާނެ އެވެ. އެކަންކަމުގެ ސަބަބުން ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ އެވެ. "ހަމައެކަނި ކާފަރު ޤައުމުތަކަކަށް ނޫން އެފަދަ ވެރިން މިންވަރުފުޅު ކުރައްވަވަނީ. މުސްލިމްް ޤައުމުތަކަށްވެސް މިންވަރުކުރައްވަވާ!."
ވިޔަފާރީގައި މަކަރުހަދާނަމަ އެބައެއްގެ މައްޗަށް ގިނަ ގުނަވެގެންވާ ބޮޑެތި މުޞީބާތަތްތައް ފޮނުއްވަވާނެ އެވެ. އެގޮތުން ރައްޔިތުންގެ އަތުން ބޮޑެތި ޓެކްސްތައް ނަގައި އެބައަކަށް އިތުރަށް ދަތިތައް ކުރިމަތިކުރުވާނެ ވެރިއަކުވެސް މާތްﷲ ފޮނުއްވަވާނެތެވެ.
މުދަލުގެ އަގުތައް އުފުލަމުން ގެންދިއުމަކީ ވެސް މިނެކިރުމުން މަކަރުހެދުން ފަދައިން ވިޔަފާރީގައި މާތްﷲ ނަހީކުރައްވަވާފައިވާ ކަމެކެވެ. މުދަލުގެ އަގުތައް އުފުލުމަކީ މީސްތަކުންނަށް ލިބޭ އިތުރު ނިކަމެތިކަމެއް ކަމަށާއި މީސްތަކުންނަށް ނިކަމެތިކަން ލިބޭ ކަންކަމަކީ މާތްﷲ ނުރުއްސަވާ ކަންކަމެވެ. މުދަލުގެ އަގުތައް އުފުލުނީމާ އެކަމުގެ ދަތިތައް އިހްސާސްކުރާ ބައަކީ ނިކަމެތި ރައްޔިތުންނެވެ. ވީމާ މުދަލެއްގެ އަގު އުފުލަންޖެހޭނީ ދެން އެހެން ގޮތެއް ނެތިގެންނެވެ.
ވިޔަފާރީގައި މަކަރު ހެދުމަކީ ރައްޔިތުން ނިކަމެތިވަމުން ދާނެ ސަބަބެކެވެ. އަދި އެކަން ޢާންމުވެ ބައެއް މުޖުތަމައުތަކުގައި ތަކެތި ގަންނަންދާ މީހާއަށް، ވިއްކާ މީހާ މަކަރުހަދާނެކަން ކަނޑައެޅިގެން އެނގޭއިރުވެސް ވިޔަފާރިކުރަންދަނީ އެކަމަށް ރުހި ޤަބޫލުވެގެންނެވެ. މަކަރު ހެދުމަކީ ވެސް އަދި އެކަމަށް ރުހި ޤަބޫލުވުމަކީ ﷲ ތަޢާލާ ހަރާމް ކުރައްވަވާފައިވާ ކަންކަމެވެ.
- ޝައިޚް އަޙްމަދު ޝުޢައިބްގެ ދަރުސަކުން