އިންސާނީ ނަފްސުތަކަކީ ނަބްޢުގެ ގޮތުން އެކައްޗެއްކަމުގައި ވިޔަސް ސިފަތަކުގެ ގޮތުންނާއި ޚާއްޞިއްޔަތުގެ ގޮތުންނާއި ބާވަތްތަކުގެ ގޮތުން ތަފާތުވެގެންވާ އެއްޗެކެވެ. އޭގެތެރެއިން ކޮންމެބާވަތަކަށްވެސް އެހެންބާވަތްތަކާ ޚިލާފުގޮތްތަކެއް ލިބިފައިވެއެވެ. އެއީ އިލާހީ ޙިކްމަތެވެ. އެހެނީ ތަފާތު ބާވަތްތަކާ ޚިލާފު ގޮތްތަކެއް ލިބިފައިވެއެވެ. އެއީ އިލާހީ ޙިކްމަތެވެ. އެހެނީ ތަފާތު ބާވަތްތައް ގުޅި އެބާވަތްތަކުގެ މެދުގައި މަންފަޢަތައް ބަދަލުކޮށްގެން މެނުވީ މިބިމުގައި އިންސާނީ ޙަޔާތަކަށް ދެމިއެއްނޯވެވޭނެއެވެ. އެހެންނަމަވެސް މިބާވަތްތައް އޭގެ މީޒަތަކުގައާއި ސިފަތަކުގައި ތަފާތުވުމާއި އަދި މިތަފާތުގެ ސަބަބުން ނުކުންނަ ނަތީޖާއަކީ الله سبحانه وتعالى އިންސާނާއަށް ދިރިހުރުން ދެއްވީއްސުރެން ފެށިގެން ހެވާއިނުބައި މަވްޖޫދު ވެގެންވުމުގެ މަޞްދަރެއް ކަމުގައި ވެފައިވާ ކަމެކެވެ.
ފާޅުވެއެނގޭ ޙަޤީޤަތްތަކުގެ ތެރޭންވާ ކަމެއްގެގޮތުގައި ހެވާއިނުބަޔާ ދެމެދުގައި އަދި އެދެކަންތަކުގެ ލަޝްކަރާއި އަޢުވާނުންނާ ދެމެދުގައި، ކޮންމެ ޒަމާނެއްގައިވެސް އަދި ކޮންމެ ތަނެއްގައިވެސް ހަގުރާމައާއި ކޯޅުން އުފެދެމުންދެއެވެ. އެއިންކޮންމެ ފަރާތެއްގެވެސް މުރީދުންނާއި ލޯބިވެރިންނާއި ސަޕޯޓަރުންވެއެވެ. އެއިން ކޮންމެ ބައެއްވެސް ގަދައަޅައި މަސައްކަތް ކުރަނީއެބައެއްގެ ފަރާތަށެވެ. އަދި މީހުންނަށް ގޮވައި ދަޢުވަތުދެނީ އެފަރާތަށެވެ، އަދި ޢަމަލުކޮށް އުޅެނީ އެފަރާތެއްގެ ޢަމަލަށެވެ. މިކަން، އަހުރެމެންގެ ޙަޔާތުގެ ދުވަސްތަކުންނާއި އަހުރެމެންގެ މުޖްތަމަޢުގެ ތެރޭންނާއި ޢަމަލީމައިދާނުންނާއި އަދި އަހުރެމެން ކޮންމެދުވަހަކުމެ ވޭތުކުރަމުންދާ ރީތި ތަޖްރިބާތަކުން ދައްކަމުންދެއެވެ.
އަހުރެމެންގެ ތެރޭގައި ނުބަޔާދެކޮޅުހަދާ މީހުންވެއެވެ. އަދި އަހުރެމެންގެ ވަށައިގެންވާ ކުދިކުދި ކަންތަކާއި ބޮޑެތި ކަންތަކުގެ ތެރެއަށް ނުބައިވަދެގެންގޮސް މިއޮއްފަދަ މަދަނިއްޔަތާއި ތަޤައްދުމުގެ ރަންޒަމާނުގައިވެސް ކޮންމެ ފަރުދަކުމެ ނިދަންޖެހެނީ އަދި ހޭލަން ޖެހެނީވެސް ބިރުވެރިކަމުން ފުރިގެންވާ ޖައްވެއްގެ ތެރެއަށް ކަމަށްވީހިދު އެކަމާ އެބައިމީހުން ދެކޮޅުހަދައެވެ. އެހެނީ އިންސާނާ މިފަދަ ބިރުވެރި ޖައްވެއްގެ ތެރޭގައިވާއިރު އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށާއި އޭނާގެ ޢާއިލާގެ މައްޗަށް ބިރުގަނެއެވެ. ހަގުރާމަތަކުންނެވެ،
ބޮންތަކާއި އުންޑަތަކާއި މިސައިލްތަކުންނެވެ. މިތަކެއްޗަކީ އިންސާނާގެ ޝައިޠާނީ ޒިހްނު ކަޝްފުވެގެންދާ އަދި އެމީހުންގެ ޢަބްޤަރިއްޔަތު (ޖީނިއަސް) ހާމަވެގެންދާ ތަކެއްޗެވެ. މިހުރިހާ ތަކެއްޗަކީވެސް މުޅި ޢާލަމް ފަނާވެ ނެތިދިއުމާދިމާއަށް ގެންގޮސްދޭ ތަކެއްޗެވެ. މިކަންކަން މިހެންހުރިއިރު ޢާއިލީ ޚިލާފާތުތަކާއި ޒަވާޖީ ޙަޔާތުގެ ކޯޅުންތަކާއި، އަދާކުރާ ވަޒީފާގައި ކުރާ މަސައްކަތުގައާއި ރަޙްމަތްތެރީންނާއި އަވަށްޓެރީންނާ މެދުގައި ދިމާވާ ދަތިތަކާއި މައްސަލަތަކުގެ ކޮޅެއްނެތެވެ. އަދި މިނޫންވެސް ޞިއްޙީގޮތުންނާއި މާލީގޮތުންނާއި ކުދިދަރީންގެ ހާލަތުގެ ގޮތުންނާއި މިހުރިހާ ގޮތްގޮތުން ހުރި މައްސަލަތަކަކީވެސް ނުބައިކަމާއި ދިމާއަށް މީހާ ގެންގޮސްދޭ ސަބަބުތަކުގެ ތެރޭންވާ އަވާމިލުތަކެކެވެ.
ނުބަޔަކީ ބިރުގަންނަފަދަ ދަރަޖައަކަށް، އެއަށް ވަރަށްބޮޑު ބާރެއް ލިބިގެންވާ އެއްޗެކެވެ. އެނުބައި ފާޅުވެގެންދަނީ ތަފާތު ސޫރަތަކުގައާއި ވައްތަރުތަކުގައެވެ. އަހުރެމެންނަށް ބައެއްފަހަރަށް އެނުބައި ފެނިގެންދަނީ ހެޔޮކަންތަކުގެ މައްޗަށް ގަދަވެގަނެގެން ވާތީއެވެ. އެހެންނަމަވެސް، އެއްވެސް ޝައްކެއްނެތް ގޮތުގައި ނުބައިކަމުގެ ބާރު ކިތަންމެ ގަދަވިކަމުގައި ވިޔަސް އަދި އެކަމުގެ ދުވަސްތައް ކިތަންމެ ދިގުވެގެން ދިޔަކަމުގައިވިއަސް ހެޔޮކަމުގެ ބާރުތަކާއި އަވާމިލުތައް އެނުބައި ކަމުގެ ބާރުތައް ހަލާކުކޮށް ފުޑުފުޑުކޮށްލާނެއެވެ. އެހެނީ ހަމަކަށަވަރުންވެސް ނުބައިކަމުގެ ޢާމިލުވަނީ ޝައިޠާނާގެ ފަރާތުންނެވެ. އެޝައިޠާނުންގެ ޢަދަދަކީ ހެވާއި އިޙްސާނުގެ ޢާމިލުންކަމުގައިވާ މަލާއިކަތުންނާ އަޅައިބަލާއިރު މަދު ޢަދަދެކެވެ.
އިންސާނާއަކީ މަލާއިކަތުންނާއި ޝައިޠާނާއާ ދެމެދުގައިވާ މެދުމިން މަޚްލޫޤެކެވެ. މިއީ ތައުކީދު ކުރެވިގެންވާ ޙަޤީޤަތެކެވެ. އެހެނީ ހަމަކަށަވަރުންވެސް ރީތިކަމުގެ ގޮތުންނާއި އަޚްލާޤުގެ ގޮތުންނާއި މާތްކަމުގެ ގޮތުން މަލާއިކަތުންނާ އަޅައި ބުނެވޭފަދަ މީހުން އަހުރެމެންގެ ތެރޭންވެއެވެ. އޭގެ އަނެއްކޮޅަށް ބަލާއިރު ހުތުރުކަމާއި ނުބައިކަމާއި ފާޙިޝްކަމާއި ގޮތްނެތްކަމުގެ ގޮތުން ޝައިޠާނުންގެ މިސާލުޖެހޭފަދަ މީހުންވެސް އަހުރެމެންގެ ތެރެއިންވެއެވެ. އަދި އަހުރެމެންގެ ތެރޭން ކޮންމެ މީހަކާއެކުގައިވެސް މަލާއިކަތަކާއި ޝައިޠާނަކު ވެއެވެ. އެއްފަރާތުގައި މަލާއިކަތާއެވެ. އަނެއް ފަރާތުގައި ޝައިޠާނާއެކެވެ. މިގޮތުން ހެވާއި ނުބައިކަމުގެ ދެޢާމިލު އަހުރެމެންގެ މައްޗަށް ވެރިވެގެންވެއެވެ.
ނުބައިކަމުގެ ޢާމިލަކީ ކަނު އެއްޗެއްކަމަށް ހީކުރުމީ ވަރަށް ބޮޑު ކުށްހީއެކެވެ. އަދި ހަމައެފަދައިން އެއްވެސް ގޮތެއްނެތި އޭގެ ޙަމަލާތައް އެކިދިމަދިމާއަށް ފޮނުވައި ހަދާނެކަމަށް ނުވަތަ އޭގެ ބާރުތައް ބޭނުންކުރުމުގައި އެއްވެސް ވިސްނުމެއް ފިކުރެއްނެތި އައިގޮތަކަށް ދުއްވާލާނެކަމަށް ހީކުރުންވެސް ހަމައެފަދައެވެ. އެހެނީ ނުބައިކަމުގެ ޢަމަލު އޭގެ ރޭވުންތަކާއި އޭގެ ދުރުހިސާބަށް ވިސްނުމާއި، މިނޫންވެސް ކާމިޔާބުގެ ސަބަބުތަކަށް ބެލުމެއްނެތިއެއް ނާންނާނެއެވެ. މިކަމުގެ ހެކި އަހުރެމެންގެ ލޯމަތިން ފެނިގެންދާ ގޮތުގައި ނުބައިކަމުގެ ބައެއް ޙަމަލާތަކަކީ ހަރުކަށިވެފައި ވޭންދިނުން ބޮޑު ޙަމަލާތަކެކެވެ. މިރޮގުންބަލާއިރު މިވެނި މީހަކު އެވެނި މީހަކުގެ މައްޗަށް ހަސަދަވެރިވެ އެމީހާ ނެތިކޮށްލުމަށް ރޭވި ޚަބަރު ނުވަތަ އޭނާގެ މަސައްކަތް ބަރުބާދުކޮށްލުމަށް ނުވަތަ އޭނާއަށް ލިބެމުންދާ ރިޒްޤުގައި އަތްއަޅައި ބަންދުކޮށްލެވޭތޯ އުޅުނުވާހަކަ ނުވަތަ އޭނާގެ ވިޔަފާރި ބަގުރޫޓު ކޮށްލުމަށް ނުވަތަ އޭނާއާއި އޭނާގެ އެންމެގާތް މީހުންނާއި ރަޙްމަތްތެރީންގެ ދެމެދު ފިތުނަ ކޮށްލައި ހަމަނުޖެހުން އެފެއްދުމަށް ފޫގަޅައިގެން އުޅޭއަޑު އަހުރެމެންނަށް ދޭތެރެދޭތެރެއިން އިވެމުންދެއެވެ.
މިހުރިހާ ނުބައި ޢަމަލުތަކަކީ ފަރްދީ ގޮތުން ނުވަތަ ޖަމާޢީގޮތުންކުރާ ޢަމަލުތައްކަމުގައިވިއަސް އެހުރިހާ ކަމެއްގެވެސްއަޞްލަކީ ނުވަތަ މަޞްދަރަކީ އެންމެ މަޚްލޫޤެކެވެ. އެއީ ޝައިޠާނާ އެވެ. "شيطان" މިލަފްޒާމެދު ފިލޯސަފަރ ރިޗަރޑް ބޭކަރ ބުނުއްވަނީ އޭގެ އިގިރޭސި ލަފުޒަކީ “DEVIL” ކަމަށްވެފައި އޭގެ އަޞްލަކީ “DO – EVIL” އެވެ. އެއީ “DO” އާއި “EVIL” މިދެ ލަފްޒު އެކުލެވިގެން ހެދިފއިވާ ބަހެކެވެ. އޭގެމާނައަކީ " ނުބައި ކަންތައް ކުރާށެވެ!" މިއެވެ. ފަހެ ޝައިޠާނާ އަކީ އެއީ ހުރިހާ ނުބައެއް އުފައްދާ މީހާއެވެ. އަދި އެނުބައިތައް ތަންފީޒު ކުރުމަށްޓަކައި ނުބައިވެގެންވާ މުޑުދާރު ރޫޙުތަކާއި އާދަމުގެދަރީންގެ ތެރޭންވެސް ބައެއްގެ ބޭނުންކޮށް ތަސްޚީރު ކޮށްހަދައެވެ. މި އަބާއްޖަވެރި މަޚްލޫޤަކީ ވިސްނުންތޫނުކަމާއި ޢަބްޤަރިއްޔަތެއް ލިބިގެންވާ މަޚްލޫޤެކެވެ. އޭނާގެ ވިސްނުންތޫނުކަމާއި ޢަބްޤަރިއްޔަތާއި އިންސާނުންނަށް ލިބިގެންވާ އެފަދަ ކަންތައްތަކާ އަޅައިބަލާއިރު ކިތަންމެމަތީ ޢިލްމަކާއި ވިސްނުންތޫނުކަމެއް އިންސާނުންނަށް ލިބުނު ކަމުގައިވިއަސް ޝައިޠާނާއާ ގާތްވެސް ނުކުރެވޭނެ އެވެ. އަހުރެމެން އެންމެންނަށްވެސް އެގޭނެފަދައިން ޝައިޠާނާ އަކީ އެންމެހައި އާދަމުގެ ދަރީންނަށް ހުރި ބޮޑުވެގެންވާ ޢަދުއްވެކެވެ. މިއިންކޮންމެ ފަރާތަކަށްވެސް އެފަރާތަކަށް ރީތި ރަގަޅު ކަންތައްތަކެއްވެއެވެ. މިކަމަށްޓަކައި ޝައިޠާނާގެ ހުރިހާވެސް ވަޒީފާއަކީ ތަފާތު ވަސީލަތްތަކުގެ ބޭނުންކޮށްގެން އޭނާގެ ޢަދުއްވު ހަލާކުކޮށްލުމެވެ.
ޝައިޠާނާއަކީ އޭނާގެ ޒާތަށްބަލާއިރު ވަރަށް ބާރުގަދަ މަޚްލޫޤެކެވެ. އަދި އޭނާއަށް، ކޮންމެ ފަރުދެއްގެ ދުވަސް ދުއްވާލުމަކީވެސް، އަދި އެމީހާގެ މުސްތަޤްބަލް ހަލާކުކޮށްލައި މުޅިޙަޔާތް ބަރުބާދުކޮށްލުމަކީވެސް ދާދި ފަސޭހަކަމެކެވެ. މިހެންކަމާއެކުވެސް ޙަޔާތުގެ އަސަރުތައް މިބިންމަތީން ފިލުވައިލުމަކީ އޭނާމުޅީން ނުކުޅެދިގެންވާ ކަމެކެވެ. އަދި ހަމައެހެންމެ الله سبحانه وتعالى މިބިންމަތީގައި ލައްވާފައިވާ ދިރުން ދެމިހުރުމުގެ ضمان އެއްގެގޮތުން ވަދީޢަތް ކުރައްވާފައިވާ ޠަބީޢީ ފުރިހަމަ ނިޒާމުތައް ބަދަލުކޮށްލައި ނުވަތަ އެއަށް އުނިއިތުރު ގެނަސް އެއަށް ގޮތްގޮތް ހެދުމަކީވެސް އެޝައިޠާނާ މުޅިން ނުކުޅެދިގެންވާ ކަމެއްމެއެވެ.
الله سبحانه وتعالى އަށް އެޝައިޠާނާ އުރެދުމަށްފަހު އެންމެފުރަތަމަ ކުޅަ ނުބައި ޢަމަލަކީ އާދަމުގެފާނާއި ޙައްވާގެފާނަށް ވަސްވާސްދިނުމެވެ. އެދެކަބަލުން ހެއްލުންތެރި ކުރުމެވެ. ނަތީޖާއަކަށްވީ ޝައިޠާނާއަށްވެސް އެދެކަނބަލުން ފަދައިން ބިމަށް ފައިބަންޖެހުމެވެ. ބިމަށް ފޭބި އިރުއްސުރެން ފެށިގެން އޭނާގެ ނިޔަތަކީ އަދި ވަރުގަދައަކަށް އޭނާ ކަޑައަޅައިފައިވާ ޢަޒުމަކީ އާދަމުގެފާނުގެ ދަރިކޮޅު އެންމެންނަށް ގެއްލުމާއި ހަލާކުދިނުމެވެ. އެޝައިޠާނާ ބިމަށް ފޭބިއިރު އޭނާގެ ސުންބުލީގައި ތަފާތު އެކިވައްތަރުގެ ވަރަށްގިނަ މުދާތައް ވެއެވެ. ކޮންމެ އުރެދުންތެރިއަކަށާއި ކޮންމެ ނުބައި ނުލަފާ މީހަކަށް އެމިހަކު ބޭނުން މުދަލެއް އޭނާގެ ސުންބުލީގައި ވާތީފެނެއެވެ، އޭގެ ތެރޭގައި ބާރާއި ވެރިކަމާއި ޖާހަށް ލޯބިކުރުމާއި މުދަލާއި ހަށިގަޑުގެ ޝަހްވަތަށް ލޯބިވުމާއި ޢަދާވާތްތެރިކަމާއި ބަދަލުހިފުމުގެ ރޫޙާއި ރުޅިވެރިކަމާއި ޙަސަދަވެރިކަމާއި ދެބައޮޑުވުމާއި ނެތިނުބައި މޮށުމާއި ފުރައްސާރަކުރުމާއި ކިބުރުވެރިކަމާއި ދޮގުހެދުމާއި ނިފާޤުގެ ސިފަތަކާއި ކެހިވެރިކަމާއި ފާސިޤުކަމާއި މިނޫންވެސް ހުތުރުވެގެންވާ ސިފަތައް ހިމެނިގެންވެއެވެ. ފަހެ މިއިންސިފައެއް އިންސާނާގެ ލަގަނުގައި އައިސް ހިފައިފިނަމަ ހަލާކާ ދިމާއަށް އެމީހަކު ގެންދާކަށް ލަހެއްފަހެއް ނުވާނެއެވެ. އަދި އެސާހިތަކު އެމީހާގެ ޙަޔާތް ބަރުބާދުވެގެން ހިގައިދާނެއެވެ،
މިހިސާބަށް ކަންތައް ދާއިރު މީހާ ހުންނާނީ ހިތްދަތިކަމާއި ހާސްކަމުން ފުރިފައެވެ. ހަތަރުއުދަރެސް ފެނުޖެހިފައެވެ. އެޙާލަތު ބަދަލުކޮށްލެވޭނެ ކޮންމެކަމެއް ކުރުމަށް ތައްޔާރަށެވެ. އެހައިރުން ޝައިޠާނާއަށް ފެނިގެންދާނީ އެއީ ރަނުގެ ފުރުޞަތެއްކަމުގައެވެ. ދެން އޭނާގެ ޙާލަތު ރަގަޅުވާނެ ކަމުގެ ކުލަވަރު ދައްކައި ނުބައި މަގަށް މަގުދައްކަމުންދާނެއެވެ. ޝައިޠާނާގެ މަޠުލަބު ޙާޞިލްވާނެ ގޮތުގެމަތީން އޭނާއަށް ވަސްވާސް ދެމުންދާނެއެވެ. ޝައިޠާނާގެ ވަސްވާސްތަކުގެ ކުރިމަތީގައި ގިނަމީހުންނަކީ ضعيف ބަލިކަށި ބައެއްކަމަށްވުމާއެކު އެޝައިޠާނާގެ ސިއްރު ބުނުންތަކަށް އެމީހުން ކަނުލައި އަހައެވެ. އަދި އޭނާގެ އަމުރުތަކަށް ކިޔަމަންވެއެވެ. އެއީ އެގޮތުން އެމީހުންއެދޭ ކަންތައްތައް ޙާޞިލްވާނެ ކަމަށް ހީކޮށްގެންނެވެ. ދެން އެޝައިޠާނާގެ ދަލުގައި އެމީހުންނަށްޖެހެވުމުން އެސޮރުގެ ވަކިތަކުން ސަލާމަތްވުމުގެ ދޮރު އެމީހުންގެ ކުރިމަތީގައި ބަންދުވެގެން ދެއެވެ.
އިންސާނާ އޭނާގެ ޙަޔާތް ވޭތުކުރަމުންދަނީ ހެވާއި ނުބައިގެ ދެޢާމިލުގެ ދެމެދުގައި ކަމަށްވުމާއެކު މިދެކަންތައް އޭނާގެ ވަށައިގެން ވުމާމެދު ވަރަށްބޮޑަށް އޭނާ ޙައިރާންވެއެވެ. އެދެ ކަންތަކުގެ ދެމެދުގައިވާ ތަފާތު ވަކިކުރުމަށް އޭނާއަށް ދަތިވެއެވެ. އެހެނީ ވަރަށްވެސް ގިނައިން ނުބައިގެތެރޭން ރަގަޅުގޮތް ނިކުމެގެން އާދެއެވެ. އެއީ ހަމަ އެހައިމެ ގިނައިން ރަގަޅުގެ ތެރޭން ނުބައިގޮތްވެސް ނުކުމެގެން އަންނަފަދައިންނެވެ. މިސާލަކަށް ބަލިމީހަކު އޮޕަރޭޝަނެއްކުރުމަށް ޑޮކްޓަރ އަކަށް ފެނި އެބަލިމީހާވެސް އޭނާއަށް ލިބޭ ވޭނާއި ކެކުޅުމުން ސަލާމަތްވުމަށްޓަކައި ޑޮކްޓަރގެ އަމުރަށް އިޖާބަދީފިނަމަ އަހުރެމެންނަށް ފެނިގެންދާނީ އެއޮޕަރޭޝަން އަކީ އޭނާއަށް ނުހަނު ވޭނާއި ކެކުޅުންދޭ އެއްޗެއްކަމުގައެވެ. އަދި އޭނާ ހޭނައްތައި ހެދުމުން އޭނާގެ ބުއްދީގެ މަސައްކަތް ހުއްޓި ހޭވެރިކަން ނެތިގެންދެއެވެ. އަދި ފެޅުމުގެ އާލާތް ބޭނުންކުރުމުން އޭނާގެ ހަށިގަޑުން ތަންތަން ފަޅައިގެންގޮސް ލޭތައް އޮހިގެންދެއެވެ. އަދި އޮޕަރޭޝަނުން ލިބިދާނެ އުދަގޫ ތަކަށްޓަކައި ދޭތެރެ ދޭތެރެއިން އޭނާގެ ގަޔަށް އިންޖެކްޝަން ޖަހަމުންދެއެވެ އެއީ އެއޮޕަރޭޝަން ނާކާމިޔާބުވެއްޖެނަމަ ކޮންމެހިދުކޮޅަކުވެސް މަރުގެ ނުރައްކަލަށް އޭނާ ހުށަހޮޅިގެން ހިގައިދާނެ ކަމުގެ ބިރުހީވުމާއެކު الله سبحانه وتعالى އޭނާއަށް ޝިފާދެއްވައިފުމަށް ދާންދެނެވެ.
ޝައިޠާނާއަކީ އެންމެ ނުބައިވެގެންވާ މުޑުދާރު ރޫޙުކަމަށްވެފައި އޭނާގެ ނުބައިކަމުގެ ބޮޑުކަން އިންސާނާއަށް ފެނުމާއެކު ވަރުގަދައަކަށް އެއިންސާނާއަށް އިޢުތިޤާދު ކުރެވިފައިވަނީ އިންސާނުންނަށް އުދަގޫދީ ހުރިހާ ބާވަތެއްގެވެސް ގެއްލުން އެއިންސާނާއަށް ދިނުމުގެ ބާރާއި ކުޅަދާނަކަން އެޝައިޠާނާއަށް ލިބިގެންވާ ކަމުގައެވެ.
މީސްތަކުންކުރެ މަދުނޫން ޢަދަދެއްގެ ބަޔަކީ އަނެކުންނަށް ގެއްލުންދިނުމަށް ގަދަ ލޯތްބެއް ޖެހިފައިވަ ބައެއްކަމަށް ވީހިދު މިބައިމީހުން ދެކެނީ ޝައިޠާނާއަކީ އެމީހުންގެ އެންމެބޮޑު ޒަޢީމު ކަމުގައެވެ. އަދި އެންމެބޮޑު މުރްޝިދު ކަމުގައެވެ. މިހެންވެ ކަމެއް ބޮޑުވެލާއިރަށް، އަދި އެތެރެ ހަށީގައި ނުބައިކަމުގެ غريزة ހިލިގަންނަ ކޮންމެ ހިދެއްގައި މިބައިމީހުން އަވަސްވެގަންނަނީ އެޝައިޠާނާގެ ފަރާތަށް ޖެހި އޭނާގެ އެހީ ހޯދުމަށެވެ. މިހެންވުމުން އޭނާއަށް ލިބެނީ ރަނުގެ ފުރުޞަތެކެވެ. އެއީ އެބައިމީހުންގެ ނަފްސުތަކާއި ބުއްދިތަކާއި ހިތްތަކުގެ ތެރެއަށް ވަދެ އޭނާ ބޭނުން ގޮތަކަށް ވަސްވާސްދީ ހައްލައިލުމަށެވެ. ފަހެ އެއީ އެޝައިޠާނާގެ އެންމެބޮޑު އެދުމެވެ. އަދި އެންމެބޮޑު އަމާޒުމެއެވެ.
މި ގިނަމީހުންގެ ތެރޭގައި ނުވަތަ މީސްތަކުންކުރެ أغلبيّة ލިބިގެންވާ މިބާވަތުގެ މީހުންގެ ތެރޭގައި ނިސްބަތުން މަދު ޢަދަދެއްގެ ބައަކުވެއެވެ. އެމީހުންނަކީ ވިސްނުމުގެ ދާއިރާ ހަނިބައެކެވެ. ނަފްސުތައް ނުބައިވެގެންވާ މުޑުދާރު ބައެކެވެ. އަދިރީގައި ކަންތައްކުރުމަށް ލޯބިކުރާ ބައެކެވެ. އަދި އާދަމުގެދަރީންނަށް ނުވިސްނޭފަދަ އާދަޔާޚިލާފު ވަސީލަތްތަކުން ސިއްރާއި ވަންހަނާ ކަމުގެ ތެރޭގައި މީހުންނަށް އުދަގުލާއި ހަލާކު ދިނުމަށް މަސައްކަތްކުރާ ބައެކެވެ. މިބައިމީހުންގެ އެންމެބޮޑު ޒަޢީމަކީ ޝައިޠާނާ އެވެ. އޭނާއަށް އެމީހުންގެ މަޠުލަބުތައް ޙާޞިލުކޮށްދެވިދާނެ ކަމަށް އެމީހުން އިޢުތިޤާދު ކުރެއެވެ. ވުމާއެކު އޭނާގެ އުގުތެރެއަށް އެމީހުން ވެއްޓިގަނެއެވެ. އަދި އެމީހުންނަކީ ގެއްލެނިވެގެންވާ ސިޙްރުވެރީން ކަމުގައި ވެދެއެވެ. އާއެކެވެ! އެމީހުންގެ އެދުންތައް ޙާޞިލުކުރުމަށް އެމީހުންގެ ކިބައިގައި އުފެދިފައިވާ ފޯރިއާއި ޖޯޝްގެ ވަރުގަދަކަމާއި އަނެކުންނަށް ގެއްލުންދިނުމަށް އެމީހުންގައި ހިފާފައިވާ އެދުމުގެ ބޮޑުކަން އެޝައިޠާނާއަށް ފެނި އިންސާނުންގެ ލޮލަށް ފެންނަފަދަ ސޫރައެއްގައި ފާޅުވެގެން އެމީހުންގެ ކުރިމައްޗަށް އެޝައިޠާނާ އާދެއެވެ. ދެން އެމީހުން އޭނައާ ގައިގޯޅިވެ ބީހިއުޅެއެވެ. އަދި އޭނާގެ ވާހަކަތައް އަޑުއަހައި ހަދައެވެ. މިގޮތުން އޭނާއަކީ ޙަޤީޤަތުގައިވެސް މަވްޖޫދު ވެގެންވާ މަޚްލޫޤެއްކަން ފުރިހަމައަށް އެގި ކަށަވަރުވުމުން އޭނާގެ މައްޗަށް އޮތް އިތުބާރާއި އޭނާގެ ކުޅަދާނަކަމާއި ގަދަފަދަކަމާމެދު އެމީހުން އީމާންވާ އީމާން ބަދަހިވެގެން ދެއެވެ.
އާއެކެވެ! ޝައިޠާނާ އޭނާގެ މުރީދުންނާއި ޠާލިބުންގެ ކުރިމައްޗަށް ފާޅުވެ އެމީހުންނަށް ސިޙްރު ދަސްކޮށްދެއެވެ. އަދި އެމީހުންނާއެކު އަޙްދުތައްވެ ޢަޤްދުތައް ހަދައެވެ. އެއާގުޅިގެން އެމީހުން އެދޭކަންތައް ކޮށްދިނުމަށް އެއްބަސްވެއެވެ. ޝަރްޠަކާއެކުގައެވެ. އެއީ އޭނާއަށް އެމީހުންގެ ހުރިހާ ރޫޙުތަކާއި އެމީހުންގެ މިލްކެއް ވިއްކައިލުމެވެ. އަދި އޭނާއަށް ފުރިހަމައަށްކިޔަމަންތެރިކަން އަދާކުރުމެވެ. އަދި އެމީހުންގެ އެއްވެސް ކަމެއްގައި އޭނާއާވީ ފަރާތަށް މެނުވީ ތަވައްޖުހުވެ ކުރިމަތިނުލުމެވެ.
ޝައްކެއްނެއް ގޮތުގައި ޝައިޠާނާ އޭނާގެ އަޞްލުސިފައިގައި މަލާއިކަތުން ތެރޭގައި އުޅެފައިވުމާއެކު އިންސާނުންނަށްވުރެ އޭނާ މަޢުރިފާވެރިކަމަށް ބޮޑުވެފައި ވިސްނުމާއި ރޭވުންތެރިކަމަށް މޮޅުވެގެންވެއެވެ. އޭނާއަކީ މުލާޙަޡާ ކުރުމުގެ (ނޯޓިސް ކުރުމުގެ) ބާރުގަދަ އަދި ވިސްނުމާއި ޙަރަކާތް އަވަސްވެގެންވާ މަޚްލޫޤެކެވެ. އެއީ އާދަމުގެ ދަރީންނަށް އެކަންކަމުގެ ކުޅަދާނަކަން ލިބިގެންވާ ވަރަށްވުރެ މާމަތީދަރަޖައަކަށެވެ. މިހެންކަމުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ނަޤުލުވުމަކީ އޭނާއަށް ވަރަށް ފަސޭހަކަމެކެވެ. އަދި އިންސާނާގެ ހަށިގަޑުގެ ތެރެޔަށްވަދެ މުޞީބާތް ޖެއްސުމުގެ ކުޅަދާނަކަން އޭނާއަށް ލިބިގެންވެއެވެ. އެމުޞީބާތަކީ ޖިންނި މޮޔަވުން ނުވަތަ ޖިންނި އަވަލުން ކަމުގައި ބުނެވޭ ކަންތަކެވެ. އެކަންތައް ޖެހުމުން ވާގޮތަކީ ދުނިޔޭން މޮޔަވުން، ނުވަތަ ބުއްދި ގޯސްވުން، ނުވަތަ ބުއްދި ހަމަނުޖެހުންފަދަ ކަންތައް ދިމާވުމެވެ. އަދި ހަމަނުޖެހޭ ވާހަކަތައް ދައްކައި ހެދުމެވެ. އަދި ހޭނެތިގެން ވެއްޓި އަގައިން ފޮނުއަރުވައި ހެދުންވެސް އެކަންކަމުގެ ތެރޭގައި ހިމެނިގެން ވެއެވެ.
ވިސްނައިލުން ހުއްޓެވެ! ޝައިޠާނާގެ ފަރާތުން ޖެހޭ މިބާވަތުގެ ކަންކަމަކީ ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ބޭރުގައިވާ ކަންކަމެއް ނޫނެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. " قُل لَّنْ يُصِيْبُنَآ إلاَّ مَآ كَتَبَ اللهُ لَنَا " – التوبة 51 " ( ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަހަރެމެންނަށް ކަނޑައަޅުއްވައި ލިޔުއްވާފައިވާ ކަމެއް މެނުވީ އަހަރެމެންނަކަށް ނުޖެހޭނެއެވެ. ) މިމާނަ އަދާވާގޮތުގައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ކަލެއަށް ގެއްލުންދިނުމަށްޓަކައި އިންސީންނާއި ޖިންނީން އެކުވެގެން އުޅުނުކަމުގައި ވިއަސް ކަލޭގެމައްޗަށް ﷲ ކަޑައަޅުއްވައި ލިޔުއްވާފައިވާ ކަމަކުންމެނުވީ ގެއްލުމެއް ނުދެވޭނެ އެވެ"
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)