ޢަލީ އިޙްޞާން ފިރާޤް
ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަކީ އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޞަޙާބިއްޔާތުންގެ ތެރެއިން ވަރަށް ދަރަޖަ މަތިވެރި ޞަޙާބިއްޔާއެކެވެ. އެކަމަނާ ކުރެއްވި ޝަކުވާއަކާ ގުޅިގެން އިސްލާމީ ފިޤުޙުގެ މުހިންމު ޙުކުމެއް އަރަހުށި މާތްﷲ ވަނީ ބާވައިލައްވައިފައެވެ. ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަކީ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމުގައިވެސް ވަރަށް ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ.
ކީރިތި ޤުރްއާނުގައި:
ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާ ކައިވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވީ އައުސު ބުނު ޞާމިތު ރަޟިޔަﷲ ޢަންހުއާއެވެ. އެއްފަހަރަކު އައުސު ބުނު ޞާމިތު ރަޟިޔަﷲ ޢަންހު އެކަމަނާ ޡިހާރު ވަރިއަކުން ވަރި ކުރެއްވިއެވެ. މި ޙާދިޘާގެ ވާހަކަ ޚައުލާ ރިވާކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
އައުސު ބުނު ޞާމިތު ރަޟިޔަﷲ ޢަންހަކީ ވަރަށް ރުޅި ގަދަ މީހެކެވެ. މުސްކުޅިފުޅު ބޭކަލެއްމެއެވެ. އެއްފަހަރަކު ތިމަންކަމަނާއާ އޭނާއާދެމެދުގައި ޖެހުނު މައްސަލައެއްގައި އޭނާ ކޯފާއިސްކުރައްވައި ވިދާޅުވިއެވެ. [ތިބާ އަހަރެންނަށް އަހަރެންގެ މަންމަގެ ބުރަކައްޓާ އެއްފަދަ އެވެ.] މިހެން ވިދާޅުވެ އޭނާ ގެއިން ނުކުމެގެން އޭނާގެ އެކުވެރިންގެ ގާތަށް ވަޑައިގެންފިއެވެ. އެއަށްފަހު އަލުން އެނބުރިވަޑައިގެން ކާވެނީގެ ގުޅުން ކުރިއަށް ގެންދަވަން ޤަޞްތުކުރެއްވިއެވެ. ދެން ތިމަންކަމަނާ ދެންނެވީމެވެ. [ހަމަ ހިލާ ތިޔަކަމެއް ނުކުރެވޭނެއެވެ. އަހަރެންގެ ފުރާނަ އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދީ ބުނަމެވެ. ކަލޭގެފާނު ކުރި އެބުނި ބަސްތައް ބުނުމައްފަހު ދެނެއް ކާވެނީގެ ގުޅުމެއް ކުރިއަކަށް ނުގެންދެވޭނެއެވެ. އެކަމުގެ ފައިޞަލާއެއް މާތް ރަސޫލާކޮށް ފުމަށް ދާންދެނެވެ.]
ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިއެވެ. ނަމަވެސް އައުސު ބުނު ޞާމިތު ތިމަންކަމަނާއަށް މަޖުބޫރު ކުރަމުން ގެންދިޔައެވެ. ތިމަންކަމަނާއަށް އޭނާ ހުއްޓުވުނީ އޭނާއަކީ މުސްކުޅިއެއްކަމުގައި ވާތީއެވެ. އޭނާ ދުރަށް ކޮށްޕައިލުމަށްފަހު ތިމަންކަމަނާ މާތް ރަސޫލާގެ އަރިހަށް ގޮސް އައުސު ބުނު ޞާމިތު ރަޟިޔަﷲ ޢަންހު ތިމަންކަމަނާ ޡިހާރު ކުރެއްވި ވާހަކަ ތަފްޞީލުކޮށް ދެންނެވީމެވެ. އަދި އޭނާގެ ރުޅި ގަދަ ކަމުން ތިމަންކަމަނާ އުފުލަން ޖެހިފައިވާ ތަކުލީފުތައް ކިޔައި ދިނީމެވެ. އެ ވާހަކަތައް އަޑު އައްސަވައި މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ.
[އޭ ޚައުލާއެވެ. ކަމަނާގެ ފިރިކަލުންނަކީ މުސްކުޅި ބޭކަލެކެވެ. އޭނާގެ ކަންތަކުގައި މާތްﷲ އަށް ބިރުވެތިވެވަޑައިގަންނަވާށެވެ.]
ޚައުލާ ވިދާޅުވެފައިއެވެ. ތިމަންކަމަނާ ޡިހާރުގެ ޙުކުމުތައް ބާވައިލައްވައި ފުމަށް ދާންދެން މާތް ރަސޫލާ ﷺ ގެ ދޫކޮށް އެހެންތާކަށް ނުދަމެވެ. އެ ވަގުތު އަރަހުށި މާތް ﷲ އެކަލޭގެފާނަށް ވަޙީ ބާވައިލެއްވިއެވެ. މާތް ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. [އޭ ޚައުލާއެވެ. ކަމަނާއާ ކަމަނާގެ ފިރިމީހާއާ ބެހޭ ގޮތުން މާތް ﷲ ޤުރްއާނުގެ އާތްތަކެއް ބާވައިލައްވައިފިއެވެ.] އެއަށްފަހު އެކަލޭގެފާނު މުޖާދަލާ ސޫރަތުގެ ފުރަތަމަ އާޔަތުން ހަތަރުވަނަ އާޔަތުގެ ނިޔަލަށް ވިދާޅުވެދެއްވިއެވެ.
އެއަށްފަހު މާތް ރަސޫލާ ﷺ ޙަދީޘު ކުރެއްވިއެވެ. [އޭނާ ގާތު އަޅަކު މިނިވަން ކުރަން ބުނާށެވެ.[ ޚައުލާ ދެންނެވިއެވެ. އަޅަކު މިނިވަންކުރުމުގެ ތަނަވަސްކަމެއް އޭނާގެ ނެތެވެ.] މާތް ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. [އެހެންވިއްޔާ އޭނާގެ މައްޗަށް އޮތީ ވިދިވިގެން ދެ މަސްދުވަހު ރޯދަ ހިފުމެވެ.] ޚައުލާ ދެންނެވިއެވެ. [މާތްﷲ ގަންދީ ދަންނަވަމެވެ. އޭނާއަކީ ވަރަށް މުސްކުޅި މީހެކެވެ. އޭނާއަށް ވިދިވިދިގެން ދެމަސްދުވަހު ރޯދައަށް ހުރުމުގެ ކުޅަދާނަ ކަމެއްނެތެވެ.] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ދެން އެހެންވިއްޔާ އޭނާގެ މައްޗަށް އޮތީ ފަސްދޮޅަސް މިސްކީނުންނަށް ވަސްޤެއްގެ ކަދުރުން ކާންދިނުމެވެ.] ޚައުލާ ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އޭނާގެ އަތުގައި އެވަރަކަށް ނެތެވެ.] މާތް ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު އޭނާއަށް ކަދުރުގެ އެއްބައި ދެއްވައި އެހީތެރިވެދެއްވާނަމެވެ.] ޚައުލާ ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑުވެސް ކަދުރުގެ ދެން ހުރި ބައި ހަމަޖައްސައި އޭނާއަށް އެހީތެރިވެދާނަމެވެ.]
ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާގެ މިދެންނެވި އޯގާވެރިކަމާއި، ހަމްދަރުދީގެ މައްޗަށް މާތް ރަސޫލާ ތާރީފުކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ކަމަނާ ތިޔަ ކަންތައްކުރީ ވަރަށް ރަނގަޅަށެވެ. ވަޑައިގެން ފިރިމީހާގެ ކައްފާރާ އަދާކުރައްވާށެވެ. އޭނާގެ މުދަލަށް ރައްކާތެރިވެވަޑައިގަންނަވާށެވެ.] {އަބޫދާވޫދު، އަޙްމަދު}
ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާ ގެކޮޅަށް ވަޑައިގެން މާތް ރަސޫލާ ދެއްވި ކަދުރާއި، އެކަމަނާގެ އޭގެ ތެރެއަށް ލެއްވި ކަދުރު ވަސްޤު ހަމަކުރައްވައި ފަސްދޮޅަށް މިސްކީނުންނަށް ކާންދެއްވިއެވެ. އެކަމަނާގެ ފިރިކަލުންގެ ކައްފާރާ އަދާކުރެއްވިއެވެ.
ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ ފިރިކަލުންނާ ބެހޭގޮތުން ކުރެއްވި ޝަކުވާ އައްސަވައިވޮޑިގެން އަރަހުށި މާތް ﷲ ބާވައިލެއްވި ޤުރްއާނުގެ އާޔަތްތަކަކީ މުޖާދަލާ ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތެވެ. އެ އާޔަތްތަކުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ ﴿١﴾ الَّذِينَ يُظَاهِرُونَ مِنكُم مِّن نِّسَائِهِم مَّا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّهَ لَعَفُوٌّ غَفُورٌ ﴿٢﴾ وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴿٣﴾ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَاسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا بِاللَّهِ وَرَسُولِهِ ۚ وَتِلْكَ حُدُودُ اللَّهِ ۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ ﴿٤﴾
މާނައީ: [ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. ތިޔަބައިމީހުންކުރެ އަނބިންނަށް ظهار ކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ، ތިޔަބައިމީހުންގެ މައިންނެއްނޫނެވެ. އެއުރެންވިހޭ ކަނބަލުން މެނުވީ، އެއުރެންގެ މައިންކަމުގައި ނުވެތެވެ. އަދި ހަމަކަށަވަރުން، އެއުރެން އެ ބުނަނީ مُنكَر ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އަދި އެއުރެންގެ އަނބިންނަށް ظهار ކޮށް، ދެން އެއުރެން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް نصيحة ދެއްވާގޮތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ! އެއީ ތިޔަބައިމީހުން اللَّه އާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެއީ اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި كافر ންނަށް ވޭންދެނިވި عذاب ހުށްޓެވެ].
އިބްނު މާޖާ، އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. ޙަމްދުހުރީ އެންމެހައި އަޑެއް ފުރިހަމައަށް އައްސަވައިވޮޑިގެންވާ ފަރާތަށެވެ. ތިމަންކަމަނާއަށް އަޑުއިވުނީ ޚައުލާގެ ޝަކުވާގެ ބައެއް ވާހަކަތެކެވެ. އެކަމަނާގެ ފިރިމީހާއާ މެދު ކުރައްވަމުން ގެންދެވި ބައެއް ޝަކުވާގެ އަޑެއް ތިމަންކަމަނާއަކަށް ނީވެއެވެ. ޚައުލާ ވިދާޅުވިއެވެ. [އޭނާ އަޅުގަނޑުގެ ޒުވާން ދުވަސްވަރުގެ ބޭނުންކޮށްފިއެވެ. އަޅުގަނޑު އޭނާއަށް ދަރީން ވިހައިފީމުއެވެ. މިހާރު އަޅުގަނޑުގެ ޒުވާން ދުވަސްވަރުގޮސް އަޅުގަނޑަށް ދަރީން ނުލިބޭ އުމުރަށް ދިޔުމުން އޭނާ އަޅުގަނޑު ޡިހާރުކޮށްފިއެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑު ކަލޭގެފާނަށް މި ޝަކުވާތައް ހުށައަޅަމެވެ]. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ޖިބްރީލުގެފާނު މުޖާދަލާ ސޫރަތުގެ އާޔަތްތަކާގެ ވަޑައިގެންފުމަށް ދާންދެން ޚައުލާ ޝަކުވާ ކުރައްވަމުން ގެންދެވިއެވެ. {އިބްނު މާޖާ}
ޚުލަފާއުއް ރާޝިދޫންގެ ދައުރުގައި:
މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ ޚަލީފާވެރި ބޭކަލުން ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަށް ވަރަށް ކަމޭހިއްތެވިއެވެ. ހެޔޮފުޅުކޮށް ހިއްތެވިއެވެ.
އިބްނު އަބީ ޙާތިމު އާއި ބައިހަޤީ ރިވާކުރައްވައިފައިވެއެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި އެއްފަހަރަކު އެކަލޭގެފާނު ޞަޙާބީންނާއެކު ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނިކޮށް ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއާ ބައްދަލުވެވަޑައިގެންނެވިއެވެ. އެކަމަނާއަށް ޢުމަރުގެފާނު ފެނިވަޑައިގެން އެކަލޭގެފާނު ހުއްޓުވައި ވާހަކަފުޅު ދައްކަވަން ފެށިއެވެ. ޢުމަރުގެފާނުވެސް އެކަމަނާއަށް އިޙްތިރާމު ކުރެއްވުމުގެ ގޮތުން އިސްތަށިފުޅު ލަނބުވައި ވަރަށް ސަމާލުކަން ދެއްވައިގެން އެކަމަނާގެ ވާހަކަފުޅުތައް އަޑުއައްސަވަމުން ގެންދެވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިމިވަޑައިގަންނަވަންދެން މަޑުމަޑުން ހުންނެވިއެވެ. ޢުމަރުގެފާނުގެ އެކުވެރިންގެ ތެރެއިން މީހަކު ދެންނެވިއެވެ. [އޭ އަމީރުލް މުއުމިނީންއެވެ. ކަލޭގެފާނު ޤުރައިޝުންގެ ބޮޑެތި ބޮޑެތި މީހުންނާ ބައްދަލު ކުރެއްވުން ފަސްކޮށްލައްވައިފައި މި މުސްކުޅި ދައިތަގެ ވާހަކަފުޅު އަޑުއައްސަވަން މަޑުކުރައްވައިފީމުއެވެ.]
ޢުމަރުގެފާނު ވިދާޅުވިއެވެ. [ތިބާއަށް އެއީ ކާކުކަން އެނގޭ ހެއްޔެވެ؟ އޭނާއަކީ ޚައުލާ ބިންތި ޘަޢުލަބާއެވެ. އެއީ އެކަމަނާގެ ޝަކުވާތައް އަރަހުށި މާތްﷲ ހަތް އުޑުމަތިން އަޑުއައްސަވައި ވޮޑިގެންނެވި އަންހެން ސާހިބާއެވެ. މާތްﷲ ގަންދީ ބުނަމެވެ. އޭނާ އަހަރެންނާ ވާހަކަފުޅު ދައްކަވަން ރޭގަނޑުވަންދެން ހުންނެވި ނަމަވެސް އަހަރެން އޭނާގެ ވާހަކަތައް އަޑު އަހަން މަޑުކުރީމުހެވެ. ނަމާދު ވަގުތަކަށް ނޫނީ އެކަމަނާގެ ވާހަކަފުޅުތައް މެދުކަނޑައި ނުލާނެމެވެ.] {އަބުލް އައުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން}
ފާރޫޤީ ދައުރުގެ އެހެން ޙާދިޘާއެކެވެ. އެއްފަހަރަކު ޢުމަރުގެފާނު، ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާގެ ގާތުން ވަޑައިގަންނަވަން ފެށުމުން އެކަމަނާ އެކަލޭގެފާނު ހުއްޓުވައިފައި ދެންނެވިއެވެ. [އޭ ޢުމަރެވެ. އުކާޒުގެ ބާޒާރު މަތިން ކަލޭގެފާނު ދެކެނު ހަނދާން އަދިވެސް އަޅުގަނޑު އެބަހުއްޓެވެ. އޭރު ކަލޭގެފާނަށް މީހުން ކިޔަނީ ޢުމައިރުއެވެ. ކަލޭގެފާނު އޭރު އަސައެއް ހިއްޕަވައިގެން ބަކަރި ހުއިހައްޕަން އުޅުއްވީމުއެވެ. އޭގެ ދުވަސްކޮޅެއްފަހުން މީސްތަކުން ކަލޭގެފާނަށް ޢުމަރު އޭ ކިޔަން ފެށިއެވެ. ނަމަވެސް މިހާރު މީސްތަކުން ކަލޭގެފާނަށް މުޚާތަބު ކުރަނީ އަމީރުލް މުއުމިނީންގެ ލަޤަބުފުޅުނެވެ. ވީމާ ކަލޭގެފާނު ރައްޔިތުންގެ ޙައްޤުގައި މާތްﷲ އަށް ބިރުވެތިވެވަޑައިގަންނަވާށެވެ. މާތްﷲ ގެ ޢަޛާބާމެދު ބިރުވެތިވާ މީހާގެ ގާތުގައި އެންމެ ދުރުހިލޭ މީހާވެސް ވާހުށީ ގާތްތިމާގެ މީހެއް ފަދައިންނެވެ. މަރާމެދު ބިރުގަންނަ މީހާ ދަންނާށެވެ. އޭނާ އެންމެ ރައްކައުތެރި ކުރަން ބޭނުންވާ އެއްޗެހި އޭނާ އަތުން ގެއްލިގެން ދާނެއެވެ.[
މި ވާހަކަތައް އަޑު އަހައި ޢުމަރުގެފާނުގެ އަރިހުގައި ހުރި މީހަކު ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަށް ދެންނެވިއެވެ. [އޭ ދައިތާއެވެ. ކަލޭ މުއުމިނުތަކުންގެ އަމީރަށް އަދަބުކުޑަކޮށް ވާހަކަ ދައްކައިފީމުއެވެ.]
އެވަގުތު ޢުމަރުގެފާނު ވިދާޅުވިއެވެ. [އޭނާ އެބުނަން ބޭނުންވާ އެއްޗެއް ބުނުމަށް ފުރުސަތު ދޭށެވެ. އެއީ ކާކުކަން ކަލެއަށް އަދި ނޭނގެނީތާއެވެ؟ އެއީ އެކަމަނާގެ ޝަކުވާތައް އަރަހުށި މާތްﷲ ހަތް އުޑުމަތިން އަޑުއައްސަވައި ވޮޑިގެންނެވި އަންހެން ސާހިބާއެވެ. ޢުމަރު އޭނާގެ ވާހަކަތަކަށް ސަމާލުކަންދީ އަޑުއެހުން މާ ޙައްޤުކަން ބޮޑެވެ.]{ ސައްޔިދު އަބުލް އަޢުލާ މައުދޫދީ ، ތަފްހީމުލް ޤުރްއާން}
އަޖައިބުވާފަދަ ކަމެކެވެ. އިސްލާމީ ތާރީޚުގެ މި މަތިވެރި އަންހެން ސާހިބާގެ ވާހަކަޔާމެދު އިސްލާމީ ތާރީޚުން ފެންނަނީ ހިމޭންކަމެވެ. އެކަމަނާ އަވަހާރަވި ތާރީޚެއްވެސް މުއައްރިޚުން ބަޔާން ކުރައްވައިފައެއްނެތެވެ. އަރަހުށި މާތްﷲ،ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަށް ރުއްސުން ލައްވާށިއެވެ!