ބޭރުގެ ބައެއް ބަސްބަހުގައި ސިޙްރުވެރިއާއަށް ބޭނުންކުރާ ލަފްޒަކީ "ޝައިޠާން" މިލަފްޒުގެ މާނަ އުފުލާ ލަފްޒެއްކަމުގައި ވެއެވެ. އެހެންއެވަނީ ސިޙްރުވެރިއާއާއި ޝައިޠާނާއާ ދެމެދުގައިވާ ގުޅުމުގެ ސަބަބުންނެވެ.
ސިޙްރުވެރިއެކޭ ކިއޭމީހެއްގެ ކިބައިގައި ވަކި ޝަރްޠުތަކެއް ހަމަވެގެން މެނުވީ އެކަމަކަށް އެމީހާ ލާއިޤު ވެގެންނެއް ނުވާނެއެވެ، އެއީ:
1. އޭނާ ދިރިހުރި ޙާލުގައްޔާއި މަރުވެފައިވާ ޙާލުގައިވެސް އެޙުކުމް ހިގާނޭ ގޮތުން އޭނާގެ ނަފްސާއި އަދި އޭނާއަށް މިލްކުވެގެންވާ ހުރިހާ މުދަލަކާއި ގޮވަތިގެދޮރާއި ކުދި ދަރީންނާއި މިއެންމެހައި ތަކެތި ޝައިޠާނާއަށް ވިއްކައިލުން.
2. އޭނާއަށް ތަފާތު އެތައް ޢުޤޫބާތަކާއި އެކި ކުލަކުލައިގެ އަދަބުތައްދީ އިހާނެތިގޮތްތައް ހެދިކަމުގައިވިއަސް އޭނާގެ ޝައިޠާނީ ޢަޤީދާއަށް ގުޑުންއަރުވައި ނުލެވޭފަދަ ވަރުގަދަ ހަރުކަށިކަމަކާއި ގޮތްދޫނުކުރުމެއް އޭނާއަށް ލިބިގެންވުން.
3. ضمير އެއް އަދި އިޙްސާސެއް ނެތް ލަދު ޙަޔާތް ކުޑަ މީހަކު ކަމުގައިވުން، އަދި ރަހްމާއި އޯގާވެރިކަމާއި އެނޫންވެސް އިންސާނީ މާތް އިހްސާސް ތަކުގެ ތެރޭން އެއްވެސް ކަމެއްނެތް މީހަކު ކަމުގައިވުން.
4. އޭނާގެ ސާހިބާ ކަމުގައި ދެކޭ އިބްލީސް ނުވަތަ އެއިބްލީސްގެ ބައިވެރީންކުރެ މީހަކު އެއްވެސް ސޫރައެއްގައި އޭނާއަށް ފާޅުވި ކަމުގައިވިއަސް އެއްގޮތަކަށްވެސް ބިރުނުގަތުން. އަދި ޤަތުލުގާހުގެ ކުރިމައްޗަށް ނުވަތަ ދަންޖައްސާ މަޅިގަޑުގެ ކުރިމައްޗަށް ނުވަތަ ރޯކޮށް އަންދައިލުމުގެ އަލިފާންގަޑުގެ ކައިރިއަށް ގެނެވުނު ކަމުގައިވިއަސް އެއްވެސް ކަހަލަ ބިރުގަތުމެއް ނެތުން.
5. އިބްލީސް އޭނާގެ އެހީދިނުމުގައި ލަސްވި ކަމުގައިވިއަސް އަދި އެކަމުންމަނަޢަވެގަތަސް އެކަމާ ދެރަނުވުން، އަދި ހިތްހަމަ ނުޖެހުމުގެ އެއްވެސް ބަހެއް ނުބުނުން، އަދި ކީއްހެއްޔެވެ؟ އޭނާގެ މައްޗަށް އޮތީ ހިތްވަރާއެކު އެހީތެރިކަމަށް އެދިއެދި ހުރުމެވެ. އަދި ދީންތަކާއި، އަދަބުތަކާއި، އިންސާނުން އުޅެމުންދާ އުޞޫލާއި ޤަވާޢިދުތަކާ ޚިލާފުކަމެއް ކުރުމަށް އޭނާގެ ކިބައިން އެޝައިޠާނާ އެދުނު ކަމުގައި ވިއަސް އުއްފުވެސް ބުނެގެންނުވެއެވެ. އަދި އެކަމަށް ފަސްޖެހިގެންވެސް ނުވެއެވެ.
6. ހިތްވަރާއި ފަންވަރާއެކު ސިޙްރުގެ ޢަމަލުތައް ކުރަމުންދިއުން، އަދި ސިޙްރު ދިރާސާ ކުރުންމަތީ ފަރުވާތެރިކަމާއެކު ދެމިހުރުން، އަދި އެކަމަށް ބޭނުންވާ ޝައިޠާނީ ކިއެވެލިތަކާއި އިބްލީސީ ހަފްލާތަކާއި ޢިފްރީތީ އިޖްތިމާޢުތަކާއިގެން ޤާއިމްވުން އަދި އެކަން ކުރުމުގައި އޭނާއަށް ޖެހިދާނެ މުޞީބާތަކަށް ނުވަތަ އަނެކަކަށް ލިބިދާނެ ގެއްލުމަކަށް އެއްވެސް ފަރުވާލެއް ނުބެހެއްޓުން.
7. އެންމެހައި ރިވެތި ކަންތަކާއި ތާރީފުލިބެނިވި ރަގަޅު ކަންތަކަށް މުޅީން ޖާހިލުވުން. އެއީ ޠަބީޢީ ގޮތުން ކަމުގައިވިއަސް ނުވަތަ މަސައްކަތުން ލިބިގަންނަ ޖާހިލުކަމެއް ކަމުގައިވިއަސް މެއެވެ.
8. ޝައިޠާނާގެ ބާރާއި އޭނާގެ ކުޅަދާނަކަމާއި، އަދި ނުބައިވެގެންވާ މުޑުދާރު ރޫޙުތަކުގެ ތެރޭގައި ހިމެނޭ، އެޝައިޠާނާގެ އެހީތެރީންގެ ކުޅަދާނަކަމާމެދު ވަރުގަދައަށް އިޢުތިޤާދު ކުރުން، އަދި އެޝައިޠާނުންގެ އަމުރުތަކަށް ކިޔަމަންވެ އެޝައިޠާނުން ކަޑައަޅާ ޝަރްޠު ތަކަށާއި ކަންތައްތަކަށް ފުރިހަމައަށް ބޯލެބުން.
9. ހުރިހާ ދީންތަކަކަށް ހުރި، ޢަދާވާތްތެރިކަން ގަދަ ޢަދުއްވެއް ކަމުގައިވުން، އަދި ކޮންމެ މުނާސަބަތެއްގައިވެސް ދީންތަކުގެ މައްޗަށް އޭނާގެ ހުރި ރުޅިވެރިކަން ފާޅުކޮށް މަލާމާތްކޮށް ހެދުން، އަދި އަޅުކަންކުރާ އެއްވެސް ތަނަކަށް، އެތަނުން ވައްކަން ކުރުމުގެ ނުވަތަ އެތަން ނަޖިސްކުރުމުގެ ނުވަތަ އެތާނގެ އެއްޗެތި ހަޑިކުރުމުގެ ޤަޞްދުގައި މެނުވީ އެއްވެސް ޙާލެއްގައި ނުވަނުން.
10. އަޚްލާޤީ ކޮންމެފަދަ ކުށަކަށްވެސް އަރައިގަތުމަށާއި ކޮންމެފަދަ ދަށް ޢަމަލެއްވެސް ކުރުމަށް ތައްޔާރަށް ހުރުން. އަދި ފާޙިޝް ކަންތަކާއި ހުތުރުވެގެންވާ ފާފަތަކުގެ ތެރެއަށް މުޅީން ގެބިގެންވުން
11. ހަޑިމުޑުދާރުކަމާއި ނަފްސުގެ ދައްކަމުގެ ގޮތުން ހުރި މިސާލެއްކަމުގައިވުން، މިކަމުގެ މައްޗަށް، އޭނާގެ ފޭރާމާއި ދިރިއުޅުމުގެ ކަންތައް ހެކިދޭން ޖެހޭނެއެވެ. އަދި ފެނާއި ސައިބޯނީގެ ބޭނުންކުރުން ދާއިމީގޮތެއްގައި މުޅީން ނެތްކަމަކަށް ހަދަންޖެހެއެވެ، އެއީ އޭނާގެ ހަށިގަޑާއި ފޭރަމާއި އުޅޭތަނުގައި ނުބައިވަސް ހިއްޕުމަށްޓަކައެވެ. އެވަސް އޭނާގެ މުޅި ޙަޔާތުގައި އޭނާއާ އެކުވެގެންވާނެއެވެ. އަދި އެވަހުގެ ސަބަބުން އޭނާގެ އެކުވެރީންގެ މެދުގައި އޭނާ ވަކިކޮށް ދެނެގަނެވޭނެއެވެ.
12. އޭނާގެ ގިނަވަގުތު، ނުވަތަ ވެވެންޏާ ހުރިހާ ވަގުތެއްވެސް މީހުނާ ދުރުގައި އެކަހެރި ގޮތެއްގައި ހޭދަކުރުން. އަދި ސިޙްރުގެ ޢަމަލެއްކޮށް މީހަކަށް ގެއްލުމެއް ދިނުމަށް އޭނާގެ ކިބައިން އެދެފި ޙާލެއްގައި އެކަމަށްޓަކައި މެނުވީ، މީހުނާ މުޢާމަލާތުކޮށް ގުޅުން ބަހައްޓައި ނުހެދުން.
...
ސިޙްރުވެރިއާ މިޝަރުޠުތަކަށް ޢަމަލުކުރުމުން ޙަޔަވާނީ ދަރަޖައަށް އޭނާ ވެއްޓިގެންދާނެއެވެ. ފަހެ މިފަދަ ވަޙްޝީ ޙަޔަވާނީ ދަރަޖައަކަށް ވެއްޓުމަށް އެދޭނީ ކޮންބުއްދިވެރިއެއް ބާވައެވެ؟ އަދި އިންސާނީ ޢާޠިފިއްޔަތުންނާއި އިންސާނީ ضمير ން މުޅީން ވަކިވުމަށް ނޭދޭނީ ކޮން ނަފްސެއް ބާވައެވެ؟ އެކަންތަކަކީ އޭގެ ސަބަބުން އިންސާނާ މަތިވެރިވެ އޭނާގެ ވިސްނުމާއި ފިކުރު އަލިވެ، ހިތުގައިވާ ދަމިލަތައް ފިލައިގެންދާ ކަންކަމެވެ. އަދި އޭނާގެ ރޫޙު ސާފުވެ އާދަމުގެ ދަރީންގެ މެދުގައި މަލާއިކަތެއް ފަދައިން ދަރަޖަ އުފުލޭނެ ސަބަބުތަކުގެ ތެރެއިންވާ ސިފަތަކެއްވެސް މެއެވެ.
މިހެންކަމުން ބަޔާންވެދިޔަ ޝަރްޠުތަކަކީ ޚަލްޤު ތަކުންކުރެ އާދަޔާ ޚިލާފު ނާދިރު ބައެއްގައި މެނުވީ ފުރިހަމަ ނުވާނެ ޝަރްޠުތަކެކެވެ. ފަހެ އެބައިމީހުންނީ އެމީހުންގެ ކިބައިން އިންސާނީ ވަންތަކަން ނެތިވެގޮސް ޟަމީރު މަރުވެ ހަމަވިސްނުމާއި ފިކުރު ބަންދުވެ އިޙްސާސް ކެޑިފައިވާ މީހުންނެވެ. އަދި އެޝަރްޠު ތައް ފުރިހަމަވުމާ ހަމައަށް ފޯރާނީ ޙައްޤާއި ހިދާޔަތުގެ ނޫރުން ފަރުދާވެވި ބާޠިލްގެ މަގަށް ތަބާވުމުގެ ދިގު ސިލްސިލާ އަކަށްފަހު ހިތްހަރުވެ ހިލަވުމަށްފަހުގައެވެ.
ހަމައެއާއެކު ޙައިރާންކަން ދެނިވި މި ޝަރްޠުތައް ފުރިހަމަވި ކަމުގައިވިއަސް ރަސްމީ ގޮތުން ސިޙްރުވެރިއަކަށްވާނީ އެތައް މަސްދުވަހެއް ވަންދެން އެނުބައި ކަންތައްތަކުގެ މައްޗަށް ނަފްސު ހާނުވައި ތަމްރީނު ދިނުމަށްފަހުގައެވެ. އެއީ އޭނާގެ ނަފްސާއި ރޫޙާއި ޢަޤްލު ޖަހަންނަމީ ތައްގަޑަކަށް އެޅުމުގެ ތަމްހީދެއްގެ ގޮތުންނެވެ. މިގޮތުން ސިޙްރުވެރިއަކަށްވުމަށް ޤަޞްދުކޮށް ޢަޒްމު ކަނޑައަޅާ މީހާގެ މައްޗަށް އޮތް ފުރަތަމަ ކަމަކީ ސިޙްރާބެހޭ ލިޔުންތައް (މެނުސްކްރިޕްޓްތައް) މުޠާލަޢާ ކުރުމެވެ. އަދި ސިޙްރާއި ސިޙްރުވެރީންނާ ބެހޭގޮތުންނާއި އެފަދަ މީހަކަށް ވެވޭނެގޮތާއި އެމީހުން ޢަމަލު ކުރަންވީ ގޮތާއި ޝައިޠާނާއާއި ކައިރި ވެވޭނެ ގޮތާއި ބައްދަލުވެވޭނެ ގޮތާއި އެޝައިޠާނާއާއެކު އިއްތިފާޤު ވެވޭނެ ގޮތާއި މިނޫންވެސް ޝައިޠާނީ ސިޙްރުވެރިއަކަށް ވުމަށްޓަކައި ބޭނުންވާނެ ކަންކަމާމެދު ވާހަކަދައްކާފައިވާ ބޮޑެތި ފޮތްތައްވެސް ކިޔައި ހެދުމެވެ.
ސިޙްރުވެރިއާއަށް އެނާގެ ވާޖިބުތައް ވިސްނި އޭނާގެ ބޭނުންތަކާ ހަމައަށް ދެވޭނެ މަގު އެގުމުން ޝައިޠާނާއާ ބައްދަލުވުމަށާއި އޭނާއާއެކު އެގްރީމެންޓެއްކުރުމަށް ތައްޔާރުވާން ފަށަންޖެހެއެވެ. މިގޮތުން ޝައިޠާނާއަށް ކިޔަމަންތެރިކަން އަދާކޮށް އެއްބަސް ވުމެއްގެ ދެކޮޕީ ތައްޔާރުކޮށް އޭގައި ސިޙްރުވެރިއާ އަމިއްލައަށް ސޮއިކުރަންޖެހެއެވެ. ދެން ޝައިޠާނާ ފާޅުވެ ސިޙްރުވެރިއާގެ އަތުން އެޢަޤްދު ބަލައިގެންފިނަމަ ސިޙްރުވެރިއާގެ މައްޗަށް ޝައިޠާނާގެ ރުހުން އޮތްކަމުގެ މައްޗަށް ދަލީލު ކުރާނެއެވެ. މިހެންވުމުން ސިޙްރުވެރިއާގެ ހިތުތެރޭގައި ބޮޑާކަމުގެ ޝުޢޫރު އިތުރުވެގެން ހިގައިގަންނާނެއެވެ. އެއީ ޝައިޠާނާ އަށް އަޅުކަންކުރާ މީހުންގެ ތެރޭން އޭނާ ވީކަމަށްޓަކައެވެ. އަދި ނުބައި ކަންތަކަށް އަރައިގަނެ އާދަމުގެ ދަރީންނަށް ގެއްލުންދީ ހެދުމުގެ ބާރާއި ކުޅަދާނަކަން އޭނާއަށް ލިބިއްޖެކަމަށް ޤަބޫލުކުރެވޭތީއެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)