އެންމެ ގިނަ ބައަކު ކަންބޮޑުވާ އެއްކަމަކީ ތިމާގެ ތަނަވަސްކަން ނުވަތަ ތިމާގެ ބައިވެރިޔާ އެހެންމީހަކު ގެންގޮސްފާނެތީއެވެ! ނަމަވެސް އެއީ ހަމަ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ!
ކޮންމެ މީހަކުވެސް ދުނިޔެއަށް އުފަންވަނީ އެއްވެސް ތަނަވަސްކަމެއް ނެތިއެވެ. ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމެއް އެމީހެއްގެ އަތުން ނިދުޅައިގަތުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މީހަކު ކުރި ކަމަކުން ތަނަވަސްކަން ގެއްލިގެން ދިއަނަމަވެސް އެކަން އެގޮތަށް މެދުވެރިވާނީ ﷲ ތަޢާލާ އެކަމަށް މިންވަރު ކުރައްވަވާފައިވާނަމައެވެ. އެކަން ޤަބޫލުކުރާ މީހާ މީހަކު ދީފާނެ ދެރައަކަށް ބިރެއް ނުގަންނާނެއެވެ.
ހަމައެފަދައިން ތިބާގެ ބައިވެރިޔާ އެހެން މީހަކަށް ގެންދެވޭނީވެސް އެކަމަށް ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމައެވެ. އަދި އޭނާއަށް ތިބާ ދޫކޮށްފައިދެވޭނީވެސް އެކަމަށް ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމައެވެ. ވީމާ އެއީ ކަންބޮޑުވާންޖެހެންވީ ސަބަބެއް ނޫނެވެ.
މީގެ މާނައަކީ މީހަކު ތިބާއަށް ދެރައެއް ދޭން އުޅޭކަމަށް ތުހުމަތުކުރެވޭނަމަ އެކަމަށް ސަމާލުކަން ނުދިނުމެއް ނޫނެވެ. އެކަމަށް ސަމާލުކަންދޭންވާނެއެވެ. އެކަމެއް ހުއްޓުވަން ތިބާއަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރަންވާނެއެވެ. އެމަގުން މަސައްކަތްކުރަމުން ދަނިކޮށް ތިބާގެ ހިތް ނޭދޭ ގޮތަކަށް ކަމެއް މެދުވެރިވެއްޖެނަމަ އޮތީ ވަކީލްކުރުމެވެ. ވަކީލްކުރާ އަޅުންނަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އިންސާނާގެ ކަންކަން ތަދުބީރުކުރުން؛
އިބްނު މަސްޢޫދު رضي الله عنهގެ އަރިހުން ރިވާވެގެންވާ، މަޝްހޫރު ޙަދީޘްފުޅެއްގައި ވެއެވެ.
« إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ. ثُمَّ يُرْسَلُ إِلَيهِ المَلَكُ، فَيَنفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأجَلِهِ، وَعِمَلِهِ، وَشَقِيٌّ أَمْ سَعِيدٌ »
މާނައަކީ [ހަމަކަށަވަރުން ތިޔަބައިމީހުންކުރެ (ކޮންމެ) މީހާކު، އޭނާގެ މަންމަގެ ބަނޑުގައި (ރަޙިމުގައި) ސާޅީސް ދުވަސް ވަންދެން (މަނިތިއްކެއްގެ ގޮތުގައި) އޭނާގެ ޚަލްޤު އެކުލެވިގެންދެއެވެ. އެއަށްފަހު ގަނޑު ލޭކޮޅެއްގެ ގޮތުގައި އެހާ ދުވަހެވެ. އެއަށްފަހު މަސްކޮޅެއްގެ ގޮތުގައި އެހާ ދުވަހެވެ. އެއަށްފަހު މަލާއިކަތަކު ފޮނުއްވޭނެއެވެ. އަދި އޭގައި ފުރާނަ އަޅުއްވާނެއެވެ. އަދި އެ މަލާއިކަތާއަށް ހަތަރުކަމެއް (ލިޔުއްވުމަށް) އަމުރުކުރެއްވޭނެއެވެ. އެއީ އޭނާގެ ރިޒްޤާއި އަޖަލާއި ޢަމަލާއި އަބާއްޖަވެރިއަކު ކަމުގައި ވުމަށް ނުވަތަ ބާއްޖަވެރިއަކު ކަމުގައި ވުމަށެވެ.]
- މަސްދަރު: ދިސަލަފިއްޔާ