އަޅުގަނޑުގެ އަޚަކު ތަޖްވީދުމަގުން ޤުރްޢާން ކިޔަވަން އުނގެނުމަށްޓަކައި ކްލާހަކަށްދެއެވެ. އެކްލާހުގައި ކިޔަވަނީ 15 އަންހެނުންނާއި ފިރިހެނަކަށް އަޅުގަނޑުގެ އަޚް އެކަންޏެވެ. މިއީ އުފާކުރަންޖެހޭ ކަމެކެވެ.
އުފާކުރަންޖެހެނީ ފިރިހެނުން ކިޔަވަންދާ މިންވަރު މަދުވުމަކުން ނޫނެވެ. އެއީ ހިތާމަހުރި ކަމެކެވެ. އުފާވެރިކަން ލިބެނީ ގިނަ ޢަދަދެއްގެ އަންހެނުން ކީރިތި ޤުރްއާން އުނގެނެން މަސައްކަތްކުރާތީއެވެ. އެއީ ވަރަށް ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެކެވެ.
އެކަމުގެ ސަބަބުވެސް ބުނެލާނަމެވެ.
ފަހުޒަމާނުގައި ފައުޅުވާނެ ބޮޑެތި ޢަލާމާތްތަކުގެ ތެރޭގައި ބޮޑު ދައްޖާލު ނުވަތަ މަޞީޙުއްދައްޖާލު ފައުޅުވުން ހިމެނެއެވެ. އޭނާގެ ނިތްކުރީގައި "ކާފިރު" ލިޔެވިފައިވާނެއެވެ. އެހެންކަމާއިއެކުވެސް ދައްޖާލަށް ތަބަޢަވެ އޭނާގެ ފަހަތުން އެންމެ ގިނައިން ހިނގާނީ އަންހެނުންނެވެ. އެއީ އެމީހުންގެ ޖާހިލުކަން ބޮޑުކަމުންނެވެ. ދައްޖާލު ގާތަށް އަނބިން ދިއަނުދޭންވެގެން އެމީހުން ބަނދެ ހައްޔަރުކުރަންޖެހޭނެ ކަމަށްވެސް ބުނެވެއެވެ.
ކޮންމެއަކަސް ޖާހިލުކަން ފިލުވައިލެވޭނީ އުނގެނިގެންނެވެ. ވީމާ ކަނބަލުން އުނގެނެން މަސައްކަތްކުރާނަމަ އެއީ ވަރަށް ބޮޑަށް އުފާކުރަންޖެހޭނެ ކަމެކެވެ.
ދެވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ މައިންނަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގުމުގެ މުހިންމު ކަމެވެ. އެހެނީ މައިންނަކީ ދަރިފުޅުގެ ފުރަތަމަ މުދައްރިސުންނެވެ. ވީމާ މައިންނަށް ތަޖުވީދުމަގުން ކިޔަވަން އެނގުމަކީ ދަރިންގެ ކިޔެވުމަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަންތަކެވެ. މިއީ ދެބަސްވެވެން އޮތްކަމެއް ނޫނެވެ.
ދެން ނަޞޭޙަތެއްގެ ގޮތުން ބުނެލަން އޮތީ ދަރިން ދެކެ ލޯބިވާނަމަ މައިންގެ ކިޔެވުމަށް ހުރަސްނުއަޅާށެވެ! އެކަނބަލުންނަށް ހިތްވަރުދޭށެވެ. އަމިއްލައަށް ދަރިންބަލާފައިވެސް އަނބިމީހާ ކްލާސްތަކަށް ފޮނުވާށެވެ! އެކަން ކޮށްދޭން ފިރިންނަށް ވާޖިބުވެސްވާނެއެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް