އެންމެފުރަތަމަ ފަހަރަށް ސިޙްރުވެރިއާ ޝައިޠާނާއާ ބައްދަލުކުރުމަށްޓަކައި ތަބާވާ މަގުތަކެއްވެއެވެ. އޭގެ މުހިންމު މަގުތަކަކީ:
1- ހަނދުވަރުދޭ ރެއެއްގައި، ދަންވަރު ވަގުތު ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް ކުރީން، ރަށުގެ އާބާދުވެފައިވާ ހިސާބުން ބޭރަށް ސިޙްރުވެރިއާ ނުކުންނަނީ އެވެ. އަދި އެހިސާބުން ފަޅުވެފައިވާ ގެއެއް ނުވަތަ ވީރާނާވެފައިވާ ޢިމާރާތެއް އިޚްތިޔާރުކޮށް، ނާމާންކަން އިޙްސާސްކޮށްދޭ ގޮތުގައިވާ ތަންކޮޅެއް އެތަނުން އިޚްތިޔާރުކުރާނީ އެވެ. ދެން ފޭރާންބާލައި ދުނިޔެއަށްއުފަންވީގޮތަށް ބަރަހަނާވެގަނެއެވެ. ދެން ބޮޑުބުރެއް ކުރަހައި އެބުރުގެ އެތެރޭގައާއި ބޭރުގައާއި އެބުރުގެ ވަށައިގެންއެކިކުރެހުން ތަކާއި ރަމްޒުތަކާއި އަކަތައް ކުރަހައި، ސިޙްރުވެރިއާ ފޮތްފޮތުން ކިޔައި ދަސްކޮށްފައިވާ މުޑުދާރު ރޫޙުތަކާއި ޝައިޠާނުންގެ ނަންތައް ލިޔެއެވެ.
ދެ އުއްބައްތި ދިއްލައެވެ. ރިހީގެ ކަންވާރެއް ހޯދައި އޭގެ މަންޒަރު ހުތުރުކޮށްލައި އޭގައި އެއްޗެތި އުގުޅައި ހަޑިކޮށްލައި އެބުރުގެ ތެރޭގައި އެބަހައްޓައެވެ. އެއަށް، ވަކިބާވަތެއްގެ ގަސްގަހާގެހީގެ އޮށްޓަރު އަޅައިފައެވެ. ދެން ރާމާމަކުނު ފަދައިން، ގުދަށްއޮވެ އެބުރު ތެރެއަށް ފުންމައިގަނެއެވެ. އޭނާގެ ދެއަތުން ދެއުއްބައްތި ހިފައިގެންނެވެ. އަދި ޝައިޠާނީ ލަވަތަކާއި ބަނދިތައް ކިޔަމުންނެވެ. ދެން އެތަކެތި ކިއަމުން ސީދާ ކޮޅަށް ތެދުވެއެވެ. ދެން އެބުރުތެރޭގައި ވަކި ގޮތަކަށް އިށީދެއެވެ. އެހިދު ލަވަތަކާއި ބަނދިތައް ކިޔަވައެވެ. އަދި ފަޒާގައިވާ ޝައިޠާނާއަށް ގޮށްފަތިތަކުން ހޫރުވައި ހަދައެވެ. ކިޔެވެލިތައް ކިއަވަމުންނެވެ. އަދި އައުމަށް އެދި ގޮވައި އާދޭސް ކުރަމުންނެވެ. ދެން ބުރުތެރޭގައި ފުމުންގިނަކޮށް ކިޔެވެލިތައް ގިނަކުރެއެވެ. މިހެންގޮސް މިކަމުގައި ދެންއޮތްބައި ފުރިހަމަކުރެއެވެ.
މިކަން މިހެން ހިގަމުންދާއިރު ޝައިޠާނާގެ މަންދޫބު އޭނާއަށް ބަލަމުންދާނެއެވެ. އެއީ އޭނާއަކީ ޙަޤީޤަތުގައި ވެސް ޝައިޠާނާއަށް ތަބާވާ މީހުންގެ ތެރޭގައި ހިމެނޭ، އަދި އެކަމާ ގަޔާވެގެން ސީރިއަސް ކޮށް އުޅޭ މީހެއްކަމާއި، ސަމާސާ މީހެއްނޫންކަން ކަށަވަރުކޮށް ދެނެގަތުމަށްޓަކައެވެ. ދެން އޭނާ ސިޙްރުވެރިޔާއަށް ފާޅުވާނެއެވެ. އަދި ސިޙްރުވެރިއާގެ އަތުން ޢަޤްދު ބަލައިގަންނާނެއެވެ. ދެން އޭނާ ތަޢުމީދު ކުރުމުގެ (ރަސްމީގޮތުން ސިޙްރުވެރިއަކަށް ހެދުމުގެ) ޙަފްލާއަށް ޙާޟިރުވުމަށް އަންގާނެއެވެ. އެއީ ސިޙްރުވެރީންގެ ޢުމްދާ (ވެރިއާ) ކަނޑައަޅާ ރެއެއްގައެވެ.
2- ޝައިޠާނާއާ ބައްދަލުކުރެވޭ ދެވަނަ ގޮތުގެ ޚުލާޞާ ހާމަކޮށްލަމެވެ. ސިޙްރުވެރިއަކަށް ވާން ޤަޞްދުކުރާމީހާ ސިޙްރު ފޮތްފޮތުގައިވާ ގޮތްތަކާއި މަގުތައް ދަސްކޮށް ހެދުމަށްފަހު، ހަނދުވަރުދޭ ރެއެއްގައި ރަށުގެ ޢިމްރާނީ ސަރަޙައްދުން ބޭރުގައިވާ ކޮންމެވެސް ފަޅުގެއެއް އިޚްތިޔާރު ކުރެއެވެ. އަދި އޭނާއާ އެކުގައި ވަކިބާވަތްތަކެއްގެ ޖަނަވާރުތަކެއް ގެންދެއެވެ. ދެން އެތަނަކަށް ގޮސް ދުނިޔެއަށް އުފަންވީ ގޮތަށް ބަރަހަނާވެ އިށީނދެއެވެ. ދެން ސިޙްރުފޮތްފޮތުގައިވާ ތަރުތީބުން އެޖަނަވާރުތައް ކަތިލައެވެ. އެވަޤުތު ވަކިޚާއްޞަ ލަވަތަކަކާއި ބަނދިތަކެއް ކިޔަވާނެއެވެ. ދެން އެތަކެތި ކަތިލުމަށްފަހު ވަރަށް މުޑުދާރު ފުޅިއެއްގެ ތެރެއަށް އެތަކެތީގެ ލޭތައް އަޅައި، އޭނާ ކަތިލި ޅަ މަޢުޒު ބަކަރިއާއެކު ޞަޙަރާގެ ތެރެއަށް (ހުސްބިމަށް) އެފުޅި އެއްލައިލައެވެ. އެއީ ޝައިޠާނާއަށް ހަދިޔާއެއްގެ ގޮތުގައެވެ. ދެން މިގޮތްމަތީން މިކަމުގައިއޮތް ބާކީބައި ފުރިހަމަކުރެއެވެ. ޝައިޠާނާ ފާޅުވެ ސިޙްރުވެރިއާގެ އަތުން ޢަޤްދު ލިބިގެންފުމަށް ދާންދެނެވެ. އެއާއެކު އެސިޙްރުވެރިއާ ހިމެނޭ ހިސާބުގައިވާ ސިޙްރުވެރީންގެ ވެރިއާއާ ބައްދަލުކުރުމަށް ސަމާލުވުމަށް އެޝައިޠާނާ އަންގައެވެ. އެއީ ރަސްމީ ގޮތުން ސިޙްރުވެރީންގެ ތެރެއަށް ވަނުމުގެ އިޙްތިފާލް ކުރުމުގެ ރެއެއް ކަޑައެޅުމަށްޓަކައެވެ.
3- ތިންވަނަގޮތަކީ ޝައިޠާނާއާ ބައްދަލު ކުރުމަށްޓަކަޢި އެއްދުވަހެއްގެ އިރުއެރުމުގެ ކުރީން ކޮންމެވެސް ޖަންގައްޔެއް ނުވަތަ ބަޤީޗާއެއް ޤަޞްދުކޮށް ސިޙްރުވެރިއާ އެތަނަށް ދިއުމެވެ. އަދި އެތަނުން އޭނާ އިޚްތިޔާރު ކުރަންޖެހެނީ އެއްވެސް މޭވާއެއް، އޮށްޓަރެއް ނާންނަ އުފެއްދުންތެރި ކަމެއްނެތް ގަހެކެވެ. ދެން ދުވަހަކުވެސް ބޭނުންނުކުރާ އައު ވަޅިއަކުން އެގަހުން ގޮތްޕެއް ކަޑައިލާން ޖެހެއެވެ.
ދެން ޖެހިގެން އަންނަދުވަހު، އޭނާގެ ގެއިން އޭނާއަށް ޚާއްޞަ ވެގެންވާ ކޮޓަރިއެއްގައި އޭނާ އުޅޭނީއެވެ. އެގޮފިގަޑު އޭނާއާ އެކުގައިވާ ޙާލުގައެވެ. އަދި ފޭރާމުން އޭނާ މުޅީން އެއްކިބާ ވެގެންނެވެ. ދެން ދެފަރާތް އެއްވަރު ތިނެސްކަން ގޮޅިއެއްކުރަހައި އެގޮޅީގެ އަސާސީ ރޮގުގެ (އެއްވަރު ދެރޮގު ފިއަވައި އަނެއް ރޮގުގެ) ކަނުގައި ކަޅު އުއްބައްތިއެއް ބަހައްޓަނީ އެވެ. ދެން އެޝައިޠާނާގެ އަޑު އޭނާއަށް އިވިއްޖައުމަށް ދާންދެން މި ތިންވަނަ ގޮތުގައި އޮތް ބާކީބައި ފުރިހަމަ ކުރާނީ އެވެ. (މިކަންތައް އެގޭނީ އިހުގެ ބޮޑެތި ސިޙްރު ފޮތްފޮތުންނެވެ.) މިގޮތުގައި އޭނާއަކަށް ޝައިޠާނާއެއް ނުފެންނާނެއެވެ. އެކަމަކު އޭތީގެ އަޑުން އޭނާއަށް އަމުރުކުރާނީ ނުބައިވަސް ދުވާ ހަޑި މުޑުދާރު މާއްދާއަކުން ޢަޤްދު އަލުން ލިއުމަށެވެ. ދެން ތިންވަނަ ރޭގެ ދަންވަރު ޝައިޠާނާ އައިސް އެޢަޤްދު އަތުލައި ސިޙްރުވެރީންގެ ވެރިއާއާ ބައްދަލު ކުރުމަށް އަންގާނެއެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)