ޒައިނަބުގެފާނުގެ ތަޤުވާވެރި ދިރިއުޅުއްވުން: ނަމާދުކުރައްވަމުންގޮސް ވަރުބަލިފުޅުވުމުން ވައުފަށުގަ ހިފަހައްޓަވައިގެން ހުންނަވާވެސް ނަމާދުކުރެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 41ސ
ޒައިނަބުގެފާނުގެ ތަޤުވާވެރި ދިރިއުޅުއްވުން: ނަމާދުކުރައްވަމުންގޮސް ވަރުބަލިފުޅުވުމުން ވައުފަށުގަ ހިފަހައްޓަވައިގެން ހުންނަވާވެސް ނަމާދުކުރެއްވެވި!

ޢަލީ އިޙްޞާން ފިރާޤް

ޒައިނަބުގެފާނަކީ ވަރަށް ތަޤުވާވެރި ވަރަޢަވެރި ބޭކަނބަލެކެވެ. އެކަމަނާގެ އިވުމާއި ފެނުން އެންމެހައި ނުބައިކަންތައްތަކުން ދުރުކުރައްވާ މުރުއްވަތްތެރި ބޭކަނބެލެކެވެ.

عَائِشَةُ ގެފާނާއި ބެހޭ ގޮތުން މުނާފިޤުން ދެއްކި ދޮގުވާހަކަ ތަޙުޤީޤު ކުރެއްވުމަށްޓަކައި މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ ގާތްބޭފުޅުންނާއި އަނބިއަނބިކަނބަލުންނާ މަޝްވަރާ ކުރެއްވެވިއެވެ. ޒައިނަބުގެފާނުގެ އަރިހުގައި عَائِشَةُ ގެފާނާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ. 

[އޭ މާތް ގެ ރަސޫލާއެވެ. އަޅުގަނޑު އަޅުގަނޑުގެ އިވުމާއި ފެނުން ނުބައިކަންތައްތަކުން ރައްކާތެރުކުރަމެވެ. عَائِشَةُ އާ ބެހޭ ގޮތުން އަޅުގަނޑަށް ރަނގަޅު އެއްޗެއް ނޫނީ ދެންނެވޭކަށް ނެތެވެ.] 

عَائِشَةُ ގެފާނު ވިދާޅުވެފައިވެއެވެ. [އަރަހުށި މާތްﷲ، ޒައިނަބުގެފާނުގެ ވަރަޢަވެރިކަމުގެ ސަބަބުން އެކަންތަކުން އެކަމަނާ ސަލާމަތްކުރެއްވިއެވެ.]

{صحيح البخاري} 

ޒައިނަބުގެފާނަކީ ވަރަށް ގިނައިން ސުންނަތް ނަމާދު ކުރައްވާ އުޅުއްވި ބޭކަނބަލެކެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم  މިސްކިތަށް ވަދެވަޑައިގެންނެވިއިރު މިސްކިތުގެ ދެތަނބު ދެމެދުގައި ދަމައިފައިވާ ވައުފަށެއް ދެކެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. [މިއީ ކޮންކަމަކު ދަމައިފައިވާ ވައުފަށެއް ހެއްޔެވެ؟] އަޞްޙާބު ބޭކަލުން ދެންނެވިއެވެ. [އެއީ ޒައިނަބުގެފާނު ދަންމަވައިފައިވާ ވައުފަށެވެ. އެކަމަނާ ނަމާދަށް ކޮޅަށް ހުންނަވައި ވަރުބަލިފުޅުވުމުން އެ ވައުފަށުގައި ހިފަހައްޓަވައިގެ އޭގެ އެހީގައި ކޮޅަށް ހުންނަވައެވެ.]

ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [އެ ވައުފަށް މޮހައިލާށެވެ. ތިޔަބައިމީހުން މުރާލިކަމާ ހީވާގިކަމާއެކު ނަމާދުކުރާ ހުށިކަމެވެ. އެމީހަކު ވަރުބަލިވެއްޖެނަމަ ސަލާމްދީ އިށީންނަހުށިކަމެވެ.]

{ރިޔާޟުލް ޞާލިޙީން ދިވެހި ތަރުޖަމާ، ޙަދީޘް ނަމްބަރު 146} 

އިބްނު ޢަބްދިލް ބައްރު، އިސްތިޢާބުގައި ލިޔުއްވައިފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  އެއްފަރަކު ޢުމަރުގެފާނަށް ޒައިނަބުގެފާނާ ބެހޭ ގޮތުން ޙަދީޘް ކުރެއްވިއެވެ. [ހަމަކަށަވަރުން ޒައިނަބަކީ أوّاه އެކެވެ.] އޭގެ މާނައަކީ ކޮބައިތޯ މީސްތަކުން އެކަލޭގެފާނާ ސުވާލުކުރުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [އެކަމަނާއަކީ މަޑުމައިތިރިކަމާއެކު މާތް އަށް އަޅުކަން ކުރައްވާ ޞާލިޙު ބޭކަނބަލެކެވެ.] 

ޒައިނަބުގެފާނު ކީރިތި ރަސޫލާ صلّى اللّـه عليه وسلّم  އާއެކު ޙައްޖަތުލް ވަދާޢުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޙައްޖުގައި މާތް ނަބިއްޔާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ޙަދީޘް ކުރެއްވިއެވެ. [މި ޙައްޖަށްފަހު ތިޔަކަނބަލުން ގޭގައި ތިއްބަވާށެވެ.] زَيْنَبُ ގެފާނާއި سَوْدَةُ بِنْتُ زَمْعة މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވުމަށްފަހު ޙައްޖަކަށްވެސް ވަޑައެއް ނުގަންނަވައެވެ. އެދެކަނބަލުން ވިދާޅުވެއެވެ. [މާތްﷲ ގަންދެމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އެބަސްފުޅު އަޑުއިވުނުފަހުން އެއްވެސް ސަވާރީއަކަށް އަހަރެމެން ސަވާރު ކުރެވިފައެއް ނުވެއެވެ.]{އަޙްމަދު، ވޮލިޔުމް 2، ޞަފްޙާ 446}

އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަކީ، އަތްތެރި މަސައްކަތުގައި ވަރަށް ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. އެކަމަނާ ހަން ދިބާޢުކުރައްވައިގެން ތަކެއްތި ހައްދަވައި، އެތަކެތީން ލިބިވަޑައިގަންނަވައި، އެންމެހައި އާމްދަނީއެއް މިސްކީނުންނާއި، ފަޤީރުންނަށް ހޭދަކުރައްވައި ހައްދަވައެވެ.  

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި، އެއްފަހަރަކު އެކަލޭގެފާނު، އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަށް  ބާރަ ހާސް ދިރުހަމު ފޮނުއްވިއެވެ. އެތަކެތި ހަމަ ލިބިވަޑައިގަންނަވާއިރަށް އެކަމަނާގެ ޚާދިމާއަށް ވިދާޅުވެގެން ގެންނަވައި، އެ ދިރުހަމުތައް ފަޤީރުންނާއި މިސްކީނުންނަށް ބައްސަވައި ހުސްކުރެއްވިއެވެ. އެއަށްފަހު ދުޢާފުޅު ކުރެއްވިއެވެ. 

[މިއަހަރަށްފަހު، ޢުމަރުގެފާނު ފޮނުއްވާ އެއްޗެތިކޮޅު މިއަޅާއަށް ލިބިވަޑައި ނުގަންނަވާނެ ގޮތް މިންވަރު ކުރައްވާންދޭވެއެވެ].

ކަންތައް ދިމާވީވެސް އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ ދުޢާ ކުރެއްވި ފަދައިންނެވެ. އަނެއްއަހަރު އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެކަމަނާގެ ޚަރަދު ބަރަދަށްވާ ފައިސާ ފޮނުއްވުމުގެ ކުރީން އެކަމަނާ އަވަހާރަވެއްޖެއެވެ.  

ޒައިނަބުގެފާނު އަވަހާރަވުން: 

ކީރިތި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم  ގެ ހުވަފަތް އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފުރަތަމަ މި ފަނާވަނިވި ދުނިޔެ ދޫކުރެއްވި ބޭކަނބަލަކީ އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ އަވަހާރަވީ ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. ހިޖުރައިން ވިހި ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 53 އަހަރުފުޅެވެ. 

އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ ޢުމަރުގެފާނެވެ. އެކަމަނާ ނާނޭފުޅު ފިއްލަވައި ކަފުންކޮޅު ތުރުކޮށްދެއްވީ ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން އޭރު ދުނިޔޭގައި ތިއްބެވި އަށް ބޭކަނބަލުންނެވެ. ޒައިނަބުގެފާނުގެ ޖަނާޒާގެ ކަންތައްތައް ޢުމަރުގެފާނު ކުރިއަށް ގެންދެވީ ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުން މަޝްވަރާ ދެއްވި ގޮތުގެ މަތީންނެވެ. އެކަމަނާ ފަސްދާނު ވެޑުވިފައިވަނީ، މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.  

ރަމަޟާންމަހުން ފެށިގެން ލިޔަމުން އައި މިސިލްސިލާގެ ލިޔުންތަކުގެ ޙަވާލާ:

1.    އިމާމު ޤުރްޠުބީ،  އަލް ޖާމިޢު ލިއަޙްކާމިލް ޤުރުއާން، ތަރުޖަމާ ޑޮކްޓަރ ޢާއިޝާ ބެވްލީ،ދިވާން ޕްރެސް 

2.    އަލްޙާފިޡު އިބްނު ކަޘީރު 1997)، އަލްބިދާޔަތު ވައްނިހާޔަތު، މުޙައްޤިޤު :ޢަބްދުﷲ ބިން ޢަބްދުލް މުޙުސިން އަލްތުރުކީ، ދާރު ހަޖަރު. 

3.    ސައްޔިދު އަބުލްއަޢުލާ މައުދޫދީ (2012) ތަފްހީމުލް ޤުރްއާން، ތަރުޖަމާ: ޒަފަރު އިސްޙާޤު އަންޞާރީ އަދި ޢަބްދުއްރަޙީމް ކިދުވާއީ، ދަ އިސްލާމިކް ފައުންޑޭޝަން. 

4.    އަލްޙާފިޡު އިބްނު ކަޘީރު (2003) ތަފްސީރުލް ޤުރްއާން އަލްޢަޡީމް، ތަރުޖަމާ: ޞަފިއްޔުއް ރަޙްމާން މުބާރަކު ޕޫރީ، މަކްތަބާ ދާރުއްސަލާމް، ރިޔާޟު 

5.    އިމާމު ނަވަވީ، ރިޔާޟުލް ޞާލިޙީން، ތަރުޖަމާ: އައްޝައިޚް އަޙުމަދު ފާރޫޤު މުޙައްމަދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މާލެ 

6.    ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ – 2007 ، ރައީސުލްޖުމުހޫރިއްޔާގެ އޮފީސް 

7.    ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ދެއާ ސްޓްރައިވްސް އެންޑް ދެއާ ލައިވްސް، މުޙައްމަދު ފަތުޙީ، ތަރުޖަމާ؛ އަލްފަލާހް ފައުންޑޭޝަން، އިސްލާމިކް އައި އެން ސީ ޕަބްލިޝިން އެންޑް ޑިސްޓްރިބިޔުޝަން 

8.    ތަފްސީރު އަންވަރުލް ބަޔާން، މައުލާނާ މުޙައްމަދު ޢާޝިޤު، ތަރުޖަމާ މުފްތީ އަފްޒަލް ޙުސައިން.

 

 

މިއަދު އޮންލައިން