ހަނދެއްފަދަ އަންތބަކާ އިރެއްފަދަ އަނތބެއްގެ ތަފާތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހަނދެއްފަދަ އަންތބަކާ އިރެއްފަދަ އަނތބެއްގެ ތަފާތު!

ފިރިހެން ދަރިފުޅު ބޮޑުވެ ކައިވެނިކުރާ އުމުރަށް އެޅުމުން ބައްޕަ ސުވާލުކުރިއެވެ. "ދަރިފުޅު ކައިވެނިކުރަން ބޭނުންވަނީ ކޮންކަހަލަ އަންހެން ކުއްޖަކާއި ހެއްޔެވެ؟"

ޖަވާބުގައި ދަރިފުޅު ބުނީ ހަނދެއްފަދަ އަލިގަދަ ރީތި ކުއްޖަކާއި ކަމަށެވެ. ބައްޕަ އެ ސުވާލު 3 ފަހަރު ތަކުރާރުކުރުމުން ވެސް ދަރިފުޅު ދިނީ ހަމަ އެ ޖަވާބެވެ.

އެހެންކަމުން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ. ހަނދުގެ އަލިކަން ކިތަންމެ ހިތްގައމު ނަމަވެސް އަދި ކިތަން ރީތި ނަމަވެސް އިރުއެރުމާއިއެކު އެ އަލިކަން ފަނޑުވެ ރީތިކަން ގެއްލި ނުވެސް ފެންނާނެއެވެ. އެ ހިސާބުން އެދުވަހުގެ އިރުއޮއްސެންދެން ހަނދުގެ ބޭނުން ވެސް އެ ކެނޑުނީއެވެ. ދަރިފުޅު އަންބަކު ބޭނުންވަނީ ހަމަ އެކަނި ރޭގަނޑު އުފާކޮށްލަން ނަމަ ތިއަ ގޮތް ހަމަ އެންމެ ރަނގަޅެވެ. ނަމަވެސް ބޭނުންވަނީ އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅެން ނަމަ ތިއަ ވިސްނުން ޖެހޭނީ ބަދަލުކުރާށެވެ. ސިފައަށް ނުބަލައި ތަޤްވާވެރިކަމަށް އިސްކަންދީގެން އަންބަކު ހޯދާށެވެ! ރަސޫލް (ﷺ) އެކަން އެގޮތަށް ކުރަން އެވަރަށް ބާރު އަޅުއްވަވާފައި އެވަނީ މުހިންމު ގިނަ ސަބަބުތަކެއް ހުރުމުންނެވެ."

ޖަވާބުގައި ދަރިފުޅު ބުނީ ބައްޕަ އާއި މަންމަ ރުހި ޤަބޫލުވެގެން ހޯދައިދިން ކޮންމެ އަންހެނަކާއިވެސް ކައިވެނިކުރަން ހުރީ ތައްޔާރަށް ކަމަށެވެ.

ކޮންމެއަކަސް ޤަބޫލުކުރަން ޖެހޭ ކަމަކީ ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނި ކުރުމުން ކައިވެނި ދެމެހެއްޓުމުގައި ވަރަށް ބޮޑުބާރަކަށްވާ ކަމެވެ. މިހެން ބުނުމުން ބައެއް މީހުން ބުނެފާނެއެވެ. ތަޤްވާވެރިންވެސް އަނބިންނަށް އަދި ފިރިންނަށްވެސް އަނިޔާވެރިވެއެވެ. ބޭވަފާތެރިވެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ފުރިހަމައަށް ތަޤްވާވެގެން ހުރި ތަޤްވާވެރިއަކު ، އެއީ އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް އަނިޔާވެރިއެއްވެސް ނުވާނެއެވެ. އަދި ބޭވަފާތެރިއެއްވެސް ނުވާނެއެވެ! އެހެނީ އަނިޔާވެރިވުމާއި ބޭވަފާތެރިވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ސިފަތަކުގެ ތެރޭގައި ހިމެނޭ ދެ ސިފައެވެ. އެހެންކަމުން ފުރިހަމައަށް ތަޤްވާވެރިވެގެން ހުރި އެއްވެސް މީހަކު އެބާވަތުގެ އެއްވެސް ކަމެއް ނުކުރާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން