ތިމާގެ ފާފަ ފުއްސަވައިދެއްވެވުމަށް އެދޭއިރު އެންމެ މުހިންމު އެއްކަމަކީ ތިމާ އެހެން މީހުންނަށް މާފުކޮށްގެން ހުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިމާގެ ފާފަ ފުއްސަވައިދެއްވެވުމަށް އެދޭއިރު އެންމެ މުހިންމު އެއްކަމަކީ ތިމާ އެހެން މީހުންނަށް މާފުކޮށްގެން ހުރުން!

އަހަރެމެން އެންމެ ގިނައިނައިން މިކުރާ އެއްކަމަކީ އަހަރެމެންގެ ފާފަތައް ފުއްސެވުން އެދި ދުޢާ ކުރުމެވެ. އެއީ އެކަން ކުރަން ވެސް ޖެހޭނެ ގޮތެވެ. ގިނަގިނައިން ތައުބާވެ ފާފަފުއްސަވައި ދެއްވެވުން އެދި ދެންނެވުމަށް ﷲ ތަޢާލާ ލޯބިފުޅުވެވޑިގެންވެއެވެ.

ތިމާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރާއިރު އެހެން މީހުންގެ ކުށްތަކަށް މާފުކުރާ މީހަކަށްވާށެވެ! އެހެން މީހުންގެ ކަންކަމަށް މާފުކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް އިތުރުވެގެންދާނެއެވެ. އަހަރެމެން މިދުނިޔޭގައި ބޭނުންވެގެން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނޫން ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް ހާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.

އަނބިން ފިރިންނަށް މާފުކުރާށެވެ. ފިރިން އަނބިންނަށް މާފުކުރާށެވެ! މައިންބަފައިންނާއި ޢާއިލާގެ  އެންމެންނަށްވެސް މާފުކުރާށެވެ. އަދި ޢާންމުކޮށް އެންމެހައި މީސްތަކުންނަށް މާފުކުރާށެވެ! އެއިރުން ތިބާ ކުރާ ދުޢާ އިޖާބަ ކުރެއްވެވުން ގާތެވެ.

އެންމެ ޠާހިރު ހިތަކީ ހަސަދަވެރިކަމުން ޠާހިރުވެފައިވާ ހިތެވެ. ހަސަދަވެރިކަން ހިފައިގެން އުޅޭ ހިތަކީ އެންމެ ނުތާހިރު ހިތެވެ. ވީމާ ތިމާގެ ހިތަކީ އެންމެ ޠާހިރު ހިތް ކަމުގައި ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ! އަބަދުވެސް ބުނާފަދައިން ޚުޝޫއަތްތެރިކަމާއިއެކު ނަމާދު ކުރެވޭނީވެސް ރުޅިއާއި ނަފުރަތާއި ހަސަދައިން ސަލާމަތްވެގެންވާ ހިތަކާއިގެންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން