ދެމަފިރިން "ކޯޅެމުން" އެކުގަ ދިރިއުޅުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދެމަފިރިން "ކޯޅެމުން" އެކުގަ ދިރިއުޅުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް!: މުފްތީ މެންކް

އަހަރެން ޖަވާބު މިދެނީ އަހަރެންނާއި ކޮށްފައިވާ ސުވާލަކަށެވެ. ސުވާލަކީ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިނުވިނަމަވެސް އަބަދު ޒުވާބުކޮށް ތަޅާފޮޅަމުންވެސް ދަރިން ތިބިނަމަ ރަނގަޅު ގޮތަކީ ދަރިންނަށްޓަކައި ދެމަފިރިން އެކުގައި އުޅުންހެއްޔެވެ؟ 

ސުވާލަށް ޖަވާބު މިދެނީ އަހަރެންގެ އަމިއްލަ ވިސްނުމުންނެވެ. ޖަވާބަކީ، ދެމަފިރިން، ކޮންމެ ދުވަހަކު އެކަކު އަނެކަކަށް ނުބައި ބަސްތައް ބުނަމުން، ޒުވާބުކުރަމުން، އެމަންޒަރު ދަރިންނަށް ދައްކަމުން، ދަރިން ތިބިކަމަށްޓަކައި ދެމަފިރިން އެކުގައި ދިރިއުޅުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. 

އެހެނީ އެއިރުން ދަރިން އަބަދުވެސް ތިބޭނީ ހާސްވެ ކަންބޮޑުވެފައެވެ. ހިތްހަމަނުޖެހިފައެވެ. އެދަރިންނަށް ދަސްވާނީ އެކަންކަމެވެ. ނަތީޖާއަކަށްވާނީ ދަރިން ބޮޑެތިވެ ކައިވެނިކުރުމަށްފަހު އެކުދިންނަށް މައިންބަފައިންގެ ކިބައިން ދަސްވެފައިވާ ގޮތަށް އެކުދިންގެ ބައިވެރިޔާ އާއިމެދު ކަންކަންކުރަމުން ގެންދިއުމެވެ. 

އެއްވެސް ޙާލެއްގައި މިބުނަނީ ކަމެއް ދިމާވާއިރަށް ދެމަފިރިން ދުރުވާކަށް ނޫނެވެ. ކަންކަން ދިމާވާނެއެވެ. އޮތީ އެކަންކަން ޙައްލުކުރަން މަސައްކަތްކުރުމެވެ. ޙައްލުކުރަން ކުރެވެންހުރި ކަންކަން ކުރުމުންވެސް ޙައްލުނުކުރެވޭނަމަ އޮތީ ޞުލްޙައިގައި ދެމީހުން ވަކިވުމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީވެސް އެގޮތެވެ. އެއިރުން ދެމީހުންނަށްވެސް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. 

ދެން ބުނެލަން އޮތީ ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ، އެކުގައި ދިރިނުއުޅެވޭ ޙާލަތަށް ކަންކަން ދިއުމުންވެސް ދަރިންނަށްޓަކައި އެކުގައި އުޅެންޖެހޭނެކަން ބަޔާކުރާ އެއްވެސް އާޔަތެއްވެސް އަދި ޙަދީޘްފުޅެއްވެސް އަހަރެން ނުދެކެމެވެ. 

ދެން އޮތީ ދެމަފިރިން ރީތިގޮތުގައި ދުރުވުމަށްފަހު ދަރިންގެ މައްސަލައެވެ. ދެމަފިރިން އެކުގައި ދިރިއުޅުނުނަމަވެސް އަދި ވަކިން ދިރިއުޅުނު ނަމަވެސް ދަިންގެ މަސްއޫލިއްޔަތަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. ދެމަފިރިންނަށްވެސް އޮތީ އެމީހެއްގެ ވާޖިބުތައް އަދާކުރުމެވެ. ވަކިން ދިރިއުޅޭނަމަ މަސްއޫލިއްޔަތު އެންމެ ރަނގަޅުގޮތުގައި އަދާކުރަންދޭ ސަމާލުކަން އިތުރުކުރަންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން