ސިޙްރުވެރިންނާ ޝައިޠާނާއާ ދެމެދުކުރެވިފައިވާ ބައެއް ޢަޤްދު މިހާރުވެސް ފެންނަން އެބަހުރި!

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 8ސ
ސިޙްރުވެރިންނާ ޝައިޠާނާއާ ދެމެދުކުރެވިފައިވާ ބައެއް ޢަޤްދު މިހާރުވެސް ފެންނަން އެބަހުރި!

ވަރަށްގިނަ މީހުން ހީކުރާގޮތުގައި ސިޙްރުވެރިއާއާއި ޝައިޠާނާއާ ދެމެދުކުރެވޭ ޢަޤްދަކީ ނުވަތަ އެއްބަސްވުމަކީ ޚިޔާލީ އެއްޗެކެވެ. ނަމަވެސް ޙަޤީޤަތަކީ މުޅީން އޭގެ އިދިކޮޅު ގޮތެވެ. އެހެނީ އެއީ ދުނިޔޭގެ މަޢީޝީ އެކި ކަންކަމުގައި އެއްވެސް ދެފަރާތެއްގެ ދެމެދުގައި ކުރެވޭ ޢަޤްދުފަދައިން ސިޙްރުވެރިއާއާއި ޝައިޠާނާއާ ދެމެދުގައި ކުރެވޭ ޙަޤީޤީ ޢަޤްދެކެވެ. ބައެއް ކުދިކުދި ތަފާތު ހުރިކަމުގައި ވިއަސްމެއެވެ. 

ތަންކޮޅެއް ކުރީންފަރަންސޭސި ވިލާތުގައި އުޅުއްވި ވަރަށްބޮޑު މުޙާމީއެކެވެ. ޤާނޫނީ ޢިލްމުވެރިއެކެވެ. އަދި ކީއްހެއްޔެވެ؟ އޭނާއަކީ އެދުވަސްވަރު ފަރަންސޭސި ވިލާތުގައި އުޅުނު އެންމެބޮޑެތި މުޙާމީންކުރެ އެކެކެވެ. މިއަދާހަމައަށްވެސް އޭނާގެ ރަޢުޔުތަކާއި މަބާދިޢުތަކުން ވަރަށްގިނަ މުޙާމީން ދަލީލާއި ޙުއްޖަތް ލިބިގަންނަ ފަރާތެކެވެ. އަދި އޭނާއަކީ ސިޙްރާއި ޞިޙްރުވެރީންނާއި ސިޙްރުގެ ޢަމަލުތަކާބެހޭ ގޮތުން އިތުބާރުހުރި މަރްޖަޢެއް (ރެފަރެންސްއެއް) ކަމުގައި ބެލެވޭ ފަރާތެއްމެއެވެ. އާއެކެވެ! އެއީ މަޝްހޫރު މުޙާމީ މޯރިސް ޖަރސޯން އެވެ. 

1929 ވަނައަހަރު، ނޭޗަރ އަނެއް ފަރާތުގައިވާ ޢިލްމުތަކާބެހޭ އިންސްޓިޓިއުޓް ގައި އޭނާ ލެކްޗަރއެއް ދެއްވިއެވެ. އެލެކްޗަރގައި އަންނަނިވި ވާހަކަތައް އޭނާ ބަޔާންކުރެއްވިއެވެ. 

" އެންމެފުރަތަމަ ފަހަރަށް ސިޙްރުވެރިއާއަށް ޝައިޠާނާ ފެނި ބައްދަލުވެ ދެފަރާތުންގުޅި ޢަހްދުވުމުގައި ސިޙްރުވެރިއާ އެންމެފުރަތަމަ ކުރަންޖެހޭ ޢަމަލަކީ އެގްރީމަންޓެއް ނުވަތަ ޢަޤްދެއް ލިޔެ ސޮއިކުރުމެވެ. އެޢަޤްދުގައި ޝައިޠާނާއަށް، ސިޙްރުވެރިއާ އޭނާގެ ރޫޙާއި ނަފްސާއި އެސެޓްތަކާއި އޭނާއަށް މިލްކުވެގެންވާ ހުރިހާ އެއްޗެއް ވިއްކާލައެވެ. އޭގެ މުޤާބިލްގައި ޝައިޠާނާއަށް ކުރަންޖެހޭ ކަމަކީ ސިހްރުގެ ޢަމަލުތައް ކުރުމުގެ ބާރާއި ކުޅަދާނަކަން ސިޙްރުވެރިއާއަށް ދިނުމެވެ. އެހެންނަމަވެސް މިޢަޤްދާމެދު ފާހަގަކުރެވޭ ގޮތުގައި ނުވަތަ އެއާމެދު ވިސްނިފައިވާ ގޮތުގައި އޭގައި އައިސްފައިވާ ހުރިހާ އިލްތިޒާމާތެއް (އޮބްލިގޭޝަންސް) އޮންނަނީ ސިޙްރުވެރިއާގެ މައްޗަށެވެ. އަނެއްފަރާތަކަށް އެއްވެސް އިލްތިޒާމެއް ނޯވެއެވެ. އެފަރާތުން އެގްރީމެންޓާ ޚިލާފުވެ ސިޙްރުވެރިއާއަށް އެހީތެރިކަމެއް ނުދިންކަމުގައި ވިއަސްމެއެވެ. (އެހެން ޢިބާރާތަކުންނަމަ، ހުރިހާ މަސްއޫލިއްޔަތެއް ނުވަތަ އަދާކުރުން ލާޒިމު ކަންތައްތަކަކާއި އެކަން ނުކުރުމުން ލިބޭ ޖަޒާއެއް އޮންނަނީ ސިހްރުވެރިއާގެ މައްޗަށެވެ. ޝައިޠާނާ ކުރަން އެއްބަސްވެފައިވާ ކަންތަކަށް އިހްމާލުވިއަސް އެޝައިޠާނާގެ މައްޗަކަށް އެއްވެސް ކަމެއް ނޯވެއެވެ) ދެން ޖަރސޯން  ބުނުއްވިއެވެ. އަހުރެންގެ އަތުގައި މިހާރުވެސް އެފަދަ ޢަޤްދެއްގެ ލިއުން އެބައޮތެވެ. " 

1619މ. ވަނައަހަރު އަލިފާނަށްލައި އަންދާލައިގެން މަރުގެ ޢުޤޫބާތް ދެވުނު ސިޙްރުވެރި އަންހެނަކު ކަމުގައިވާ ސްޓީވްނޯންޑި އޯޑްރީޓްގެ މައްޗަށް ޝަރީޢަތް ހިންގިއިރު، ޝައިޠާނާއާއެކު އެކަނބުލޭގެ ކޮށްފައިވާ ޢަޤްދުގެ ކޮޕީ އެމަޙްކަމާގެ ރައީސަށް އެކަބުލޭގެ ދެއްކިއެވެ. އެއީ ބުޅަލެއްގެ ނުވަތަ ކުއްތާއެއްގެ ހަޑިމުޑުދާރު ވެފައިވާ ހަންގަޑެކެވެ. އޭގައި ލިޔެފައިވަނީ حيض ގެ ލެއިން ނުވަތަ އެނޫންވެސް ހަޑިމުޑުދާރު އެއްޗަކުންނެވެ. ޖުމްލަކޮށް ބުނަނީނަމަ އެއެއްޗަކީ އިންސާނަކަށް އެއާދިމާއަށް ބަލައިލަން ނުކެރޭފަދަ ނުވަތަ އޭގެ ވަހަށް ކެރިކުޅަދާނަވެގެން ނުވާފަދަ އެއްޗެކެވެ. 

މިގޮތުން ކުރެވިފައިވާ ޢަޤްދުތަކުގެ ތެރޭން ހަޑިމުޑުދާރުކަން ބޮޑު ޢަޤްދެއްކަމުގައި، ވަރަށްބޮޑު ސިޙްރުވެރިއެއް ކަމުގައިވާ އޯރބޭން ގްރޭންޑިއަރ  (WRBAIN GRANDIER) އާއި ޝައިޠާނާއާ ދެމެދު ކުރެވިފައިވާ ޢަޤްދުހިމެނިގެންވެއެވެ. 1934މ . ވަނައަހަރު މީނާގެމައްޗަށް މަރުގެ ޙުކުމް ކުރެވި އެކްސްކިއުޓް ކުރެވިފައިވެއެވެ. އަދިއަދަށް ދާންދެންވެސް ޕެރިހުގެ ޕަބްލިކް ލައިބްރަރީގައި އެޢަޤްދުގެ ލިއުން ރައްކާތެރިކޮށް ބޭއްވިފައިވާ ކަމުގައި ވެއެވެ. އަދި ހަމައެފަދައިން ޢިބްރީބަހުގެ އުސްތާޒެއް ކަމުގައިވާ ޑެނިޔަލް ސެލްތުނޯސް ޝައިޠާނާއާއެކު ކޮށްފައިވާ ޢަޤްދުގެ ލިއުންވެސް އެހެން ލައިބްރަރީ އެއްގައި އެބައޮތްކަމަށް ވެއެވެ. އޭނާއަކީވެސް އޭނާގެ ރޫޙާއި ނަފްސު ޝައިޠަނާއަށް ވިއްކާލައިފައިވާ މީހެކެވެ. ވުމާއެކު އޭނާގެ ނިމުންވެސް   އެސާހިތަކު ޙަޤީޤަތަކަށް ވެގެން ހިގައްޖެއެވެ. 

އަދި މީހުން ވާހަކަދައްކައިއުޅޭ، ޢަޖާއިބެއްފަދަ ޢަޤްދުތަކުގެ ތެރޭން އެންމެބޮޑު ޝައިޠާނާ ސޮއިކޮށް ތައްގަޑު ޖަހާފައިވާ ކަމަށް ބުނެވޭ ޢަޤްދެއް ގިރްގިންޓީ (GIRGINTE) ކެތެޑްރަލްގެ ޢަރްޝީފް (އާރކައިވްޒް) ގައި ރައްކާ ކުރެވިފައިވާ ކަމަށް ލިއުންތެރީން ލިއެފައި ހުރެއެވެ.  އެކްތެޑްރަލްއަކީ ފަރަންސޭސި ވިލާތުގައިވާ ތަނެއްކަމަށް ބެލެވެއެވެ. މިޢަޤްދު ކޮށްފައިވަނީ ޤިއްސީސު (ކްލާރޖީމޭން) އަކާ އިބްލީސްއާ ދެމެދުގައި ކަމަށް ބުނެވެއެވެ. ނަމަވެސް އެޢަޤްދު ލިޔެފައިވާ ބަހަށް ބަލާއިރު މިހާތަނަށް އެލިޔުން ދެކެފައިވާ އެއްވެސް ބަހެއްގެ އުސްތާޒަކަށް، އޭގައިވާ އެއްޗެއް ދެނެގަތުމަކަށް ނުވަތަ ތަރުޖަމާ ކުރުމަކަށް ކުޅެދިފައެއް ނުވެއެވެ.  އެހެނީ އެއޮތީ ވަރަށްވެސް އޮޅުން ނުފިލާފަދަ މުޢައްޤަދު (ކޮމްޕްލިކޭޓް) ގޮތަކަށެވެ. އަދި އެލިޔެފައިވަނީ މަތިން ތިރިޔަށް ކަތިކޮށްހުރި ފޮޅުވަތްތަކެއްގެ ގޮތުގައެވެ. އެއިން އެގޭން އޮތްހައިވެސް އެއްޗަކީ އޭގައި ސޮއިކޮށްފައިވާ ޤިއްސީސް (ކްލާރޖީމޭން) ގެ ނަމެވެ. 

މިފަދަ ޢަޤްދާބެހޭ موضوع ގައި ހުޅަގުގެ ވަރަށްގިނަ ދީނީ މީހުންނާ ފަޑިޔާރުން ފޮތްފޮތް ލިއެފައި ހުރެއެވެ. އޭގެތެރެއިން އެއްފޮތެއްގެ ގޮތުގައި، ބީޝޮޕް ފްރާންސިސްކޯ މާރިޔާ ގޯޗީ ލިޔުއްވާފައިވާ "ސިޙްރުވެރިއާ ޝައިޠާނާއެކު ކުރާ ޢަޤްދު" މިފޮތް ހިމެނެއެވެ. 1929م ވަނައަހަރު މިފޮތް އިގިރޭސިބަހަށް ތަރުޖަމާ ކުރެވި އިގިރޭސި ވިލާތުގައި ޝާއިޢު ކުރެވިފައި ވެއެވެ.

ސިޙްރު ވެރީންނާއި ޝައިޠާނާއާ ދެމެދުގައި ކުރެވޭ ޢަޤްދު ތަކާމެދު ހުޅަގުގެ ޤައުމުތަކުގައި ޤަޟާއީ ގޮތުންނާއި ތަޝްރީޢީ ގޮތުން (ޖުޑީޝިއަލް ގޮތުންނާއި ލެޖިސްލެޓިވް ގޮތުން) ވަރަށް ދިގު ބަޙުސްތަކާއި ޖަދަލުތައް ހިގާފައި ވެއެވެ. އޭގެ ސައްޙަކަމާއި ބާޠިލުކަމާ މެދުގައެވެ. އެންމެފަހުން އެބަޙުސްތަކާއި ޖަދަލުތައް ނިމިފައިވަނީ ސުމަކަށެވެ.  އެހެނީ އެޢަޤްދު (ނުވަތަ އެއްބަސްވުން) ވެވޭ ދެފަރާތުންކުރެ އެއްފަރާތް ކަމުގައިވާ ޝައިޠާނާގެ އިލްތިޒާމުތަކަށް އެފަރާތުން ޙުރުމަތްތެރިކަމެއް ނުބަހައްޓައި އިހްމާލް ކޮށްލި ކަމުގައިވިއަސް އެފަރާތާމެދު ކުރެވޭނެ ކަމެއް ނޯންނާނެއެވެ.  އަދި އެފަރާތް ޝަރީޢަތަށް ޙާޒިރުކޮށް މައްސަލަ ފައިޞަލާ ކުރުމަކީ މުސްތަޙީލު ކަމެކެވެ. އަދި މިކަން މިހެން އޮތްއިރު ސިޙްރުވެރިއާއަށް އެހީތެރި ވުމަށް ޝައިޠާނާ ވެފައިވާ ވަޢުދާ ނުވަތަ ޢަހްދާ ޚިލާފުވާ ހިދެއްގައި އެފަރާތުގެ މައްޗަށް އޮންނަންޖެހޭ ޖަޒާއީ ޝަރުޠެއްވެސް އެޢަޤްދު ތަކުގައި އައިސްފައެއް ނުހުރެއެވެ. އަދި އެހީތެރިވުމުގެ ވާހަކަ އޭގައި އައިސްފައިވާއިރު އެއީ ކޮންބާވަތެއްގެ އެހީތެރިކަމެއްކަން އަދި އޭގެ މުއްދަތަކީ ކޮބައިކަމެއްވެސް ބަޔާންވެފައެއް ނޯވެއެވެ. އަދި ކީއްހެއްޔެވެ؟ އެޢަޤްދު ތަކުގައި ސިޙްރުވެރިއާއާމެދު ޝައިޠާނާގެ މައްޗަށް އޮންނަ ހައިވެސް އިލްތިޒާމަކީ އެއްވެސް ޝައްކުކަމެއް ނެތްގޮތުގައި އެމީހުންނަކީ ޝައިޠާނާއަށް އަޅުކަންކުރާ މީހުންކަން ބަޔާންކޮށްދީ ފުރިހަމަ ޙުއްޖަތާއި ދަލީލު ދައްކައިފިނަމަ އެމީހުންނަށް އެހީވުމާމެދު ޝައިޠާނާ ވިސްނުމެވެ. 

އަދި ހަމައެފަދައިން ސިޙްރުވެރިއާއަށް އޭނާގެ ޙަޔާތުގައި ދިމާވާ ބަލިމަޑުކަމާއި ފަޤީރު ކަމާއި، ބޮޑެތި މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައި ކޯޓަށް ޙާޟިރުވާންޖެހުމާ މިނޫންވެސް މިފަދަ ދެރަ ޙާލަތްތަކުގައި އޭނާއަށް ޝައިޠާނާ އެހީވުން ލާޒިމުވުމާބެހޭ އެއްވެސް މާއްދާއެއް އެ ޢަޤްދުތަކުގައި ހިމެނިފައެއްވެސް ނުހުރެއެވެ، އެހެނީ ސިޙްރުވެރިއާ ޝައިޠާނާއާއެކު ކުރާ ޢަޤްދުގައި އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކޮށް ގަންނަނީ ހުރިހާ غنم އެކެވެ.  އެހެން ޢިބާރާތަކުންނަމަ ސިޙްރުވެރިއާގެ މައްޗަށް އޮންނަނީ ހުރިހާ މަސްއޫލިއްޔަތަކާއި ގެއްލުމެކެވެ. ޝައިޠާނާއަށް އޮންނަނީ ހުރިހާ މޮޅަކާއި ލާބައެކެވެ! އާއެކެވެ! ސިޙްރުވެރިއާ އެއީ ޝައިޠާނާގެ ކިބައިން އެހީއަށް އެދި އާދޭސްކުރާ މީހާއެވެ. އަދި އޭނާ އެދޭ އެދުމަށްޓަކައި އޭނާގެ ޢަޤީދާ އާއި ރޫޙާއި ނަފްސާއި މާލް ޤުރްބާން ކޮށްލަން ތައްޔާރަށް ހުންނަ މީހާއެވެ. ނުވަތައެތަކެތި ޤުރްބާން ކޮށްލާފައިވާ މީހާއެވެ. އޭނާގެ އެދުން ޙާޞިލްވާން އަންނަނީ މިތަކެތި ޤުރްބާން ކޮށްގެންނެވެ. ނުވަތަ ޝައިޠާނާ އަށާއި އޭނާގެ އަޢުވާނުންނަށް އަޅުކަންކުރާ ސިޙްރުވެރިއަކަށް ވެގެންނެވެ. މިހެންކަމުން ހުރިހާ މަސްއޫލިއްޔަތެއްވެސް އޮންނަނީ ސިޙްރުވެރިއާގެ މައްޗަށެވެ. އަދި އެދެފަރާތުގެ ދެމެދުގައި އެއްބަސްވެ ކުރެވޭ ޢަޤްދުގެ މައްޗަށް ތަރްތީބުވާ ހުރިހާ ނަތީޖާއެއް ތަޙައްމުލު ކުރުން އޮންނަނީވެސް ހަމަ އޭނާގެ މައްޗަށްމެއެވެ. 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

މިއަދު އޮންލައިން