އުންމު ސަލަމާ ރަލިޔަﷲ ޢަންހާ- 1: ރަސޫލާ ޞޢޥ ކައިވެނިފުޅަށް އެދިވަޑައިގަތުމުން ހުށަހެޅުއްވި 4 ކަންތަކާ އެކަލޭގެފާނު ދެއްވެވި ޖަވާބު-

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 41ސ
އުންމު ސަލަމާ ރަލިޔަﷲ ޢަންހާ- 1: ރަސޫލާ ޞޢޥ ކައިވެނިފުޅަށް އެދިވަޑައިގަތުމުން ހުށަހެޅުއްވި 4 ކަންތަކާ އެކަލޭގެފާނު ދެއްވެވި ޖަވާބު-

ޢަލީ އިޙްޞާން ފިރާޤް

 

أم سلمة رضى اللّـه عنــها

أم سلمة رضى اللّـه عنــها  އަކީ ކުރިން ލިޔެވިދިޔަ أبو سلمة رضى اللّـه عنــه ގެ އަނބިކަނބަލުންނެވެ. އަދިފަހުން އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލުންނެވެ. އެންމެހައި މުއުމިނުތަކުންގެ މައިކަނބަލުންނެވެ. އެކަމަނާއަކީ ޢާއިޝަތުގެފާނަށްފަހު ޢިލްމުވެރިކަމުގެ މައިދާނުގައި އެންމެ ފާހަގަ ކުރެވޭ އަންހެން ޞަޙާބިއްޔާއެވެ. 

أم سلمة رضى اللّـه عنــها  ގެ އަސްލު ނަންފުޅަކީ هند بنت أبي  أميَّة بن المغيرة އެވެ. ނަމަވެސް އެކަމަނާ މަޝްހޫރުވެފައިވަނީ އެކަމަނާގެ ކުންނިއްޔަތުގެ ނަންފުޅު ކަމުގައިވާ أم سلمة ގެ ނަންފުޅުންނެވެ. އެކަމަނާގެ މައިކަނބަލުންގެ ނަންފުޅަކީ عَاتِكة بنت عامر بن ربيعة އެވެ. އެކަމަނާގެ އަޚުންގެ ތެރޭގައި المهاجر بن أبي أميَّة  އާއި عبد الله بن أبي أمية އާއި زُهَيْر بن أبي أمَيَّة ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. عَمَّار بْنِ يَاسِر  އަކީ އެއްކިރުވުމުގެ ގޮތުން أم سلمة رضى اللّـه عنــها  ގެ އަޚެކެވެ.

أم سلمة رضى اللّـه عنــها  ގެ ބަފައިކަލުން أبو أمية بن المغيرة މަޝްހޫރުވެފައިވާ ލަޤަބަކީ زاد الراكب އެވެ. އޭނާއަކީ ވަރަށް މުއްސަނދި މީހެކެވެ. ދީލަތިކަމަށް މަޝްހޫރު މީހެކެވެ. ދަތުރަކު ނުކުމެއްޖެނަމަ އެ ޤާފިލާގައި ބައިވެރިވާ އެންމެހައި މީސްތަކުންގެ ކެއިން ބުއިމުގެ ކަންތައްތައް ހަމަޖައްސަނީ أبو أمية بن المغيرة އެވެ. އެހެންވެ އޭނާގެ ނަން زاد الراكب ގެ ނަމުން ޢަރަބިކަރައިގައި މަޝްހޫރުވެގެން ދިޔައީއެވެ.

أم سلمة رضى اللّـه عنــها  އަކީ އިސްލާމްވެވަޑައިގެންނެވުމުގައި ކުރި ހޯއްދަވައިފައިވާ ބޭކަނބަލެކެވެ. އެކަމަނާވަނީ ޙަބަޝާއަށް ދެފަހަރު އަދި މަދީނަތުލް މުނައްވަރާއަށް އެއްފަހަރު ހިޖުރަކުރައްވައިފައެވެ. ދެ ހިޖުރައިގެވެރިއެއްގެ ލަޤަބުފުޅު ހާސިލުކުރައްވައިފައެވެ. އެކަމަނާ އާއި އެކަމަނާގެ ފިރިކަލުން أبو سلمة رضى اللّـه عنــه ހިޖުރައިގެ ދަތުރުފުޅުގައި އުފުއްލެވި ބުރަ އަޅުގަނޑުވާނީ أبو سلمة رضى اللّـه عنــه ގެ ސީރަތުގައި ބަޔާންކޮށްފައެވެ.

މުއުމިނުތަކުންގެ މައިކަނބަލަކަށްވެވަޑައިގަތުން:

أبو سلمة رضى اللّـه عنــه އަވަހާރަވި ގޮތާއި އެކަމުގެ ސަބަބުން أم سلمة رضى اللّـه عنــها  ކުރެއްވި ހިތާމަފުޅު އިސްވެދިޔަ ޞަފްޙާތަކުގައިވާނީ ބަޔާންކޮށްފައެވެ. أم سلمة رضى اللّـه عنــها  އެކަމަނާގެ ޢިއްދަ ފުރިހަމަ ކުރެއްވިތަނާ އެކަމަނާގެ ކައިވެނިފުޅަށް އަބޫބަކުރުގެފާނާއި ޢުމަރުގެފާނު އެދިވަޑައިގެންފިއެވެ. ނަމަވެސް އެކަމަނާ އެކައިވެނީގެ ދަޢުވަތު ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ދެން އެކަމަނާއާ ކައިވެނި ބެއްލެވުމަށް ހުށައެޅުއްވީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ރަސޫލާ صلّى اللّـه عليه وسلّم އެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވުމަކީ أم سلمة رضى اللّـه عنــها ގެ ހިތްޕުޅުގެ އަޑީން އެދިވަޑައިގަންނަވަމުން ގެންދެވި ކަމެކެވެ. ނަމަވެސް ޢާއިޝަތުގެފާނާއި، ޙަފްޞަތުގެފާނުފަދައިން އެކަމަނާއަށް އަނތްބެއްގެ ފުރިހަމަ ވާޖިބު އަދާ ނުކުރެއްވިދާނެތީ ފަސްޖެހިވަޑައިގެންނެވިއެވެ. އެކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ހަތަރު އުޒުރެއް ހުށައެޅުއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. 

[އަޅުގަނޑުގެ ޅަ ދަރީން އެބަތިއްބެވެ. އަޅުގަނޑަކީ ވަރަށް ޣީރަތްތެރިކަން ބޮޑު މީހެކެވެ. މިރަށުގައި އަޅުގަނޑުގެ ވަލީވެރިންގެ ތެރެއިން އެކަކުވެސް ނެތެވެ. އަޅުގަނޑަކީ އުމުރުން ދުވަސްވެފައިވާ އަންހެނަކީމުއެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ ހަތަރު އުޒުރަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. [ކަމަނާގެ ދަރިންނާމެދު ދަންނައެވެ. އެކުދިންގެ ކަންތައްތަކަށް މާތްފުދިވޮޑިގެންވެއެވެ. މާތްﷲ އެކުދީންގެ ކަންތައްތައް މޮޅަށް ބައްލަވާވޮޑިގެންވެއެވެ.  ކަމަނާގެ ޣީރަތްތެރިކަމާމެދު ދަންނާށެވެ. ތިމަންކަލޭގެފާނު ކަމަނާގެ ޣީރަތްތެރިކަން ފިއްލަވައިދެއްވާތޯ ދުޢާފުޅު ކުރައްވާނަމެވެ. ކަމަނާގެ ވަލީވެރިންގެ ތެރޭގައި ތިމަންކަލޭގެފާނު ކަމަނާއާ ކާވެނިކުރުމަށް ނުރުހޭނެ މީހަކު ނުހުންނާނެއެވެ. ކަމަނާއަށް ވުރެ ތިމަންކަލޭގެފާނު އުމުރުން ދޮށިވާނެއެވެ.] 

އެއަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم، أم سلمة رضى اللّـه عنــها އާ ކައިވެނި ބައްލަވައިގެންނެވިއެވެ. އެއީ ހިޖުރައިން ހަތަރު ވަނަ އަހަރުގައެވެ. ކައިވެނިފުޅުގެ ރަނަކީ ހަތަރު ސަތޭކަ ދިރުހަމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއަށް ދެ ކަންވާރާއި، ދެ އުޑި އާއި އެތެރެއަށް ކަދުރުރުކުގެ ހިކިފަންލައިފައިވާ ބާލީސްކޮޅެއް ދެއްވިއެވެ. އެކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم އާއެކު ދިރިއުޅުއްވީ ޒައިނަބު ބިންތި ޚުޒައިމަތު އިންނެވި ގެކޮޅުގައެވެ. އޭރު އެކަމަނާވަނީ އަވަހާރަވެފައެވެ.

ކައިވެނިފުޅުގެ ރޭ މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއަށް ޙަދީޘު ކުރެއްވިއެވެ. [ކަމަނާ ބޭނުންފުޅުނަމަ ހަތް ރޭވަންދެން ތިމަންކަލޭގެފާނު ކަމަނާގެ އަރިހުގައި ހުންނަވާނަމެވެ. ކަމަނާ ބޭނުންފުޅު ނަމަ ތިންރޭ ތިމަންކަލޭގެފާނު ކަމަނާގެ އަރިހުގައި ހުންނަވާނަމެވެ. އެއަށްފަހު އަނބިއަނބިކަނބަލުންނަށް ބައްސަވައިފައިވާ ގޮތަށް ކަމަނާގެ ދުވަހުގައި ކަމަނާގެ އަރިހަށް ވަޑައިގެންނަވާނަމެވެ.] މާތް ރަސޫލާގެ މިވާހަކަފުޅުތައް އަޑުއައްސަވައި އެކަމަނާ ވިދާޅުވީ ތިންރޭ އެކަމަނާގެ އަރިހުގައި މަޑު ކުރެއްވުމަށެވެ.

{މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ، ޞަފްޙާ 114-115}

 

 

 

މިއަދު އޮންލައިން