ސިޙްރުވެރިޔާ އޭނާގެ މަސައްކަތުގައި ބޭނުންކުރާ އެކިބާވަތުގެ ތަކެތި ހުރެއެވެ. އެތަކެތީގެ މައްޗަށް ރައްކާތެރިވުމަކީ އޭނާގެ ފުރާނައަށް ރައްކާތެރިވާފަދައިން ކުރުން އޭނާގެ މައްޗަށް ލާޒިމުވާފަދަ ކަމެކެވެ. އެހެނީ އެތަކެތީގެ ބޭނުންކުރުންއޮތީ ވީހާވެސް ދިގު މުއްދަތަކަށެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ މުޅި ޢުމުރަށް އެތަކެތި ދެމިހުރެއްޖެނަމަ އެއީ އެންމެ އެދެވިގެންވާ މޮޅުގޮތެވެ. އެހެނީ އެތަކެތި ބާވެ ދުވަސްވީވަރަކަށް ނުބައިވެގެންވާ ރޫޙުތަކާއި އެތަކެއްޗާ ގުޅުން ބޮޑުވާނެއެވެ. އަދި ޚުދް ސިޙްރުވެރިއާއާވެސް ގުޅުން ބޮޑުވާނެމެއެވެ. އޭރުން އެތަކެތި ވާހުށީ އޭނާގެ ޙަޔާތާ ގުޅިފައިވާ، އޭގެ ބައެއް ކަމުގައެވެ. އެހެންވުމުން އޭނާގެ ޢަމަލަށް އޭގެ ރަގަޅު އަސަރު ކުރާނެއެވެ. އޭނާގެ މަސައްކަތުގެ ނަތީޖާ މޮޅަށް ދައްކާނެއެވެ.
އޭނާގެ ފޭރާން ދޮވެސާފުކޮށް ހެދުމަކީ ސިޙްރާއި ބޭހޭ ޤަވާޢިދާއި އާދަކާދައިގެ ގޮތުން މުޅީން މަނާކަމެކެވެ. އެއިން އެއްޗެއް ވަރަށްބޮޑަށް ވީދިއްޖެނަމަ އޭގައި ފޮތިއަޅަންވާނީ ހަމަ އޭގެ ފޮތީންނެވެ. އެއިން އެއްޗެއް ދާވެ ތަތްތެޅިއްޖެނަމަ އެއީ ވަރަށްވެސް މޮޅުގޮތެކެވެ. އޭރުން އޭގައި ވަރަށް ނުބައިވަސް ހިފާލައިފައި ހުންނާނެއެވެ. އެހެންވުމުން އޭނާގެ ގާތަށް އަންނަ މީހުން އެއިން ވަސްލިބި އެވަހުން އަރާމު ލިބިގަތުމަށް މަޖްބޫރު ކުރެވޭނެއެވެ. އެއީ އޭނާގެ ސިޙްރު ހާހޫރައަށް އެމީހުން އެދި ތިބިހައި ހިދެއްގައެވެ. ކޮންމެއަކަސް އޭނާގެ ހެދުން ވީދި ނުވަތަ ފިނދިގެން ހިގައިދާނެކަމަށް ބިރުގަންނަވަރަށް ދާވެ ތަތްތެޅި އޭގައި ފޮތިއަޅައިގެންވެސް ކަމުނުދާހިސާބަށް ހިގައްޖެނަމަ އޭނާއަށް ޖެހޭނީ އެއޮތްފުއް އަނެއްފުށަށް ޖަހައިގެން ލާށެވެ. އޭގެދަށުން އެއްވެސް ކަހަލަ އެއްޗެއް ލައިގެން ނުވެއެވެ. އެއީ ދާވެ ތަތްތެޅިފައިވާ ހެދުން އޭނާގެ ގައިގެ ހަމުގައި ޖެހޭގޮތް ހެދުމަށްޓަކައެވެ. ބޭނުމަކީ އެހެދުމުގައިވާ ސިޙްރުވެރި ކުރެހުންތަކާއި އެނޫންވެސް އެބާވަތުގެ އެއްޗެތި އޭނާގެ ހަށިގަޑުގައި ޖެއްސުމެވެ.
މިހެންކަމުން އޭނާލާ ހެދުމާއި ގެންގުޅޭ ތަކެތި އެންމެ ފުރަތަމައިންވެސް ހޯދަން ޖެހޭނީ އެތަކެތި އާކޮށް ހުއްޓައެވެ. އެހެން ޢިބާރާތަކުންނަމަ އޭނާ ހޯދަންޖެހޭނީ އާތަކެއްޗެވެ. އަދި ހެދުން ކިތަންމެ ދާވެ ތަތްތެޅި އަދި ބާވެ ވީދެމުންދިއަ ކަމުގައިވިއަސް އެހާ ފަސޭހައަކުން އެބަދަލެއް ނުކުރެވޭނެއެވެ. އަދި މިސާލަކަށް ބައްތީގެ ހޮޅީގައި ރެދެއް އަޅައިފިނަމަ އޭނާއަށް ޖެހޭނީ އެހޮޅީގެ ކުލައިގެ ކަރުދާހުން އެތާގައި ކަރުދާސް ހިއްޕާށެވެ. އަދި އެ އެކަށް ތަޅައިގެން ހިގައްޖެނަމަ އޭނާއަށް ހަދަންޖެހޭނެ ގޮތަކީ ވަރަށްވެސް ރައްކާތެރިކަމާއެކު އެހުރިހާ އެތިކޮޅުތަކެއް އެއްކޮށް އެއްޗަކަށް އަޅައި ސިޙްރުވެރީންގެ ވެރިއައާ ބައްދަލުކުރުމެވެ. ދެން އާހޮޅިއެއް ގަތުމަށް ސިޙްރުވެރިއާއަށް އޭނާ އަންގާނެއެވެ. އެކަމަކު އެއީ ވަރަށްބޮޑު ތަޙްޤީޤެއް ހިންގައި މަޙްޟަރުގައި ސޮއިކުރުމަށްފަހުގައެވެ. އެތަޙްޤީޤުގައި އެހޮޅި ތެޅުނު ސަބަބަކާއި ތެޅުނު އިރަކާއި ތެޅުނު ގޮތަކާއި މިފަދަ ސުވާލުތައް ކުރެވޭނެއެވެ ދެން އޭނާއާ ދިމާއަށް ބަވައި ހުތުރު އެއްޗެތި ކިއުމަށްފަހު އައު ހޮޅިއެއް ގަތުމަށް އަމުރުކުރާނެއެވެ. އަދި އޭނާގެ ވާހަކައެއް ތެދެއްނުމެ ކުރާނެމެއެވެ. އެހެނީ ސިޙްރުވެރިންގެ ގޮތަކީ އެއްވެސް މީހަކަށް އިތުބާރު ނުކުރުމެވެ. އެއީ އެމީހުންކުރެ އެއްބައަކު އަނެއްބައަކަށް ކަމުގައިވިއަސް މެއެވެ.
ތަކެތި ހަލާކުވުމުގެ މައްސަލާގައި ޝައިޠާނާގެ ކިބައިން ހުއްދަ ހޯދަން ޖެހެއެވެ. އެއީ ހަލާކުވި އެތީގެ ބަދަލުގައި އެހެން އެއްޗެއް ގަތުމަށްޓަކައެވެ. ނަމަވެސް ޝައިޠާނާ އެކަމަށް ހުއްދަދޭނީ ބައެއް ބަލިޖައްސައި އެތައް ހަފުތާއެއް ވަންދެން ސިޙްރުވެރިއާއަށް މަސައްކަތް ނުކުރެވޭވަރު ކޮށްލުމަށްފަހުގައެވެ. (އެޝައިޠާނާއަށް ﷲ ދެއްވާފައިވާ ބާރުގެ ދަށުންނެވެ.) އެބަލީގެ މުއްދަތުގެ ތެރޭގައި ހިތާމަކޮށް އޭނާގެ އިހްމާލުން އެއްޗެއް ހަލާކުވިކަމަށް އިޢުތިރާފުވެ އެކަމުން އޭނާ ތައުބާވާކަން ފާޅުކުރަންވާނެއެވެ. މިހުރިހާ ވާހަކަތަކެއްވެސް އިހުގެ ސިޙްރު ފޮތްފޮތުގައި ތަފްޞީލުކޮށް ބަޔާންވެގެންވާ ކަމުގައި މި موضوع ގެ ލިޔުންތެރީން ލިއުއްވާފައި ހުރެއެވެ.
ސިޙްރުވެރިއާ ލައިއުޅޭ ހެދުމާ ބެހޭގޮތުން ލިއެފައި ހުރެއެވެ. އެހެދުމަށް ކަޑައެޅިފައިވާ މުއްދަތަކީ ވިހިއަހަރެވެ. އެމުއްދަތުގެ ތެރޭގައި އެ ހަޑިމުޑުދާރުވެ ވަސް ނުބައިވުމުގެ އިތުރަށް ބާވެ ހަލާކުވުމުގެ ޙާލަތަށް ދިއަސް އޭގައިވާ ސިޙްރުވެރި ކުރެހުންތަކާއި ޢަލާމާތްތައް އުވިދިއަދީގެނެއް ނުވެއެވެ އެއީ އޭނާގެ ސިޙްރުވެރި ޢަމަލުތަކަށް ނޭދެވޭ އަސަރު ފޯރިއަނުދިނުމަށް ޓަކައެވެ. ދެން އެފަދަ ދަށް ޙާލަތަކަށް ގޮސްފައިވާ ހެދުމެއް ބަދަލުކުރުމަށް ސިޙްރުވެރިއާ ބޭނުންވެއްޖެ ހިދެއްގައި މިއިޝާރާތް ކުރެވުނު ކަންތަކަށް ސަމާލުވުމާއެކު އޭނާގެ މައްޗަށް ލާޒިމުވެގެންވަނީ ސިޙްރުވެރީންގެ އަހަރީ ޙަފްލާގައި ޝައިޠާނާއަށް އެހެދުން ހުށަހެޅުމެވެ. އެއީ އޭގެ ބަދަލުގައި އެހެން ހެދުމެއް ހޯދުމުގެ ހުއްދައަށް އެދިއެވެ. ދެން ޝައިޠާނާ އެހެދުން ބެލުމަށްފަހު އެހެދުން ބަދަލުކުރުމަށް އަންގައިފާނެއެވެ. ނުވަތަ އަދި އެއްއަހަރު ނުވަތަ ދެއަހަރު ވަންދެން އެހެދުން ލުމަށްވެސް އަންގައިފާނެއެވެ. މިއިން ކޮންމެ ގޮތަކީވެސް އެޝައިޠާނާއަށް އިޚްތިޔާރު ލިބިގެންވާ ގޮތެކެވެ. އެހެންނަމަވެސް މިއިން އެއްވެސް ޙާލަތެއްގައި ޝައިޠާނާ، ސިޙްރުވެރިއާގެ މޫނާއި ބޮލުގައި އެތައް ފަހަރަކު ކޮޅުފައިން ނުޖަހައި ދޫކޮށްލާނެ ގޮތެއް ނޯންނާނެއެވެ. އެއީ އޭނާ ލައިއުޅޭ ހެދުމަށް ތަންކޮޅެއް ބޮޑަށް ފަރުވާތެރި ވުމުގެ މައްޗަށް ހޭއަރުވާލުމަށްޓަކައެވެ.
ކަމުގެ ޠަބީޢަތް ނިޔާ ކުރާގޮތަށް ބަލާއިރު ސިޙުރުވެރިޔާގެ ޢުމުރު ކިތަންމެ ދިގުކަމުގައިވިޔަސް އޭނާގެ ހެދުންވެސް އަދި އޭނާ ގެންގުޅޭ ތަކެތިވެސް އެންމެ ފަހަރަކު މެނުވީ ބަދަލުކޮށްގެނެއް ނުވެއެވެ. އެއީ މުޅީން މަނާކަމެކެވެ. އެހެނީ އެކަމަކީ އޭނާގެ ސިޙުރުގެ ޢަމަލުތަކަށް ވަރަށް ބޮޑަށް އަސަރު ފޯރާނޭ ކަމެކެވެ. އެއީ އޭނާއަށް އެހީތެރިވެދޭ ނުބައިވެގެންވާ ރޫޙުތަކަށް އޭނާ ބޭނުންކުރަން ފަށާ އައުތަކެއްޗަށް ފަރިތަކޮށްދީ ހާނުވައިދޭން ޖެހޭނެތީ އެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)