ޢަލީ އިޙްޞާން ފިރާޤް
أمّ المؤمنين أمّ سلمة رضى اللّـه عنــها އާ މާތް ރަސޫލާ ކާވެނި ބެއްލެވި އިރު އެކަމަނާގެ ދަރިކަނބަލުން ޒައިނަބަކީ ވަރަށް ތުއްޕުޅު ބޭފުޅެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހަށް ވަޑައިގަންނަވާ ފަހަރުފަހަރު ގިނައިން އެކަމަނާ އިންނަވަނީ ތުއްޕުޅު ދަރިކަނބަލުން އުނގުފުޅަށް ލައްވައިގެންނެވެ. މިކަން أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ އެއްކިރުވުމުގެ ގޮތުން އަޚެއްކަމުގައިވާ ޢައްމާރު ބިން ޔާސިރަށް އެނގިވަޑައިގެންނެވުމުން ޒައިނަބު އެކަމަނާގެ އަތުން އަތުލައްވައިގެން ގެންދަވާ ކިރުމަޔަކާ ޙަވާލުކުރެއްވިއެވެ.
ނަބިއްޔާ صلّى اللّـه عليه وسلّم ވަޑައިގެންނެވި އިރު ޒައިނަބު ފެންނާން ނެތުމުން ސުވާލުކުރެއްވިއެވެ. أمّ المؤمنين أمّ سلمة رضى اللّـه عنــها ވީގޮތް ކިޔާ ދެއްވުމުން މާތް ރަސޫލާ އަލުން އެދަރިކަނބަލުން ގެންނަވައި އެކަމަނާއާ ޙަވާލު ކުރެއްވިއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ޚިދުމަތުގައި އުޅުއްވަމުންވެސް އެކަމަނާ އެކަމަނާގެ ދަރިކައުކަނބަލުންގެ މަތިން ހަނދުމަފުޅު ނައްތަވައެއް ނުލައްވައެވެ. ދަރީންގެ ޙައްޤަށް އެކަމަނާ ވަރަށް ސަމާލުކަން ދެއްވިއެވެ. އެކުދީންނަށް ރަނގަޅު ތަރްބިއްޔަތެއް ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އެއްފަހަރަކު އެކަމަނާ މާތް ރަސޫލާގެ އަރިހުގައި ވިދާޅުވިވެ.
[އަބޫސަލަމާގެ ދަރީންގެ މައްޗަށް އަޅުގަނޑު ހޭދަކުރުމުން އޭގެ ސަވާބު އަޅުގަނޑަށް ލިބޭނެތޯއެވެ؟. އެކުދީންނަށް އަޅާނުލައި ދޫކޮށްލެވޭކަށްވެސް އަޅުގަނޑަކަށް ނޯންނާނެއެވެ. އެހެނީ އެއީ ހަމަ އަޅުގަނޑުގެވެސް ދަރީންނެވެ.] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކަމަނާ އެކުދީންނަށް ޚަރަދު ކުރާށެވެ. އޭރުން އޭގެ ސަވާބު ލިބޭނެއެވެ.] { صحيح مسلم،كتاب الزكاة، باب فَضْلِ النَّفَقَةِ وَالصَّدَقَةِ عَلَى الْأَقْرَبِينَ وَالزَّوْجِ وَالْأَوْلَادِ وَالْوَالِدَيْنِ وَلَوْ كَانُوا مُشْرِكِينَ، ޙަދީޘް 1001}
މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަހަރަކު أم سلمة رضى اللّـه عنــها ގެ އަރިހުގައި ވިދާޅުވިއެވެ. [ތިމަންކަލޭގެފާނު ޙަބަޝާވެރި ނަޖާޝީއަށް ވެދުންތަކެއް ފޮނުއްވައިފީމެވެ. ހުވަނދާއި ހެދުންކޮޅެކެވެ. ނަމަވެސް ތިމަންކަލޭގެފާނަށް ހީފުޅުވަނީ އޭނާ އަވަހާރަވެއްޖެ ހެންނެވެ. ތިމަންކަލޭގެފާނަށް އެތަކެތި އަނބުރާ ރައްދުކުރެވިއްޖެނަމަ ތިމަންކަލޭގެފާނު ކަމަނާއަށް އެތަކެތި ދެއްވާނަމެވެ.]
ކަންތައްވީވެސް މާތް ރަސޫލާ ވިދާޅުވި ފަދައިންނެވެ. އެ ހަދީޔާތައް ޙަބަޝާއަށް ގެންދެވުނު އިރު ނަޖާޝީ އަވަހާރަވެއްޖެއެވެ. އެހެންކަމުން އެތަކެތި މާތް ރަސޫލާގެ އަރިހަށް އަނބުރާ ފޮނުއްވައިލެވުނެވެ. އެތަކެތި ލިބިވަޑައިގެންނެވުމުން މާތް ރަސޫލާ ހުވަނދުތައް އަނބިއަނބިކަނބަލުންގެ މެދުގައި ބެއްސެވިއެވެ. އެއަށްފަހު ބާކީ ހުރި ހުވަނދާއި ހެދުންކޮޅު أمّ المؤمنين أمّ سلمة رضى اللّـه عنــها އަށް ދެއްވިއެވެ. {އިމާމު އަޙްމަދު، މުސްނަދު، ވޮލިޔުމް 6، ޞަފްޙާ 404}
أمّ المؤمنين أمّ سلمة رضى اللّـه عنــها މަދީނާއަށް ވަޑައިގެންނެވުމަށްފަހު، އެކަމަނާއަށް ޙަބަޝާއިން ފެނިވަޑައިގެން ބައެއް ކަންތައްތަކުގެ ވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވެދެއްވައި ހައްދަވައެވެ. އެގޮތުން އެކަމަނާއަށް ޙަބަޝާއިން ފެނިވަޑައިގެން ކަނީސާއެއްގެ ވާހަކަ މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވެދެއްވިއެވެ. އެ ކަނީސާއަކީ ވަރަށް ގިނަ ސޫރަތަކެއް ކުރަހައި ޒީނަތްތެރިކޮށްފައިވާ ތަނެކެވެ. އެވާހަކަ ވިދާޅުވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
[އެބައިމީހުންގެ ތެރެއިން ހެޔޮލަފާ ޞާލިހު މީހަކު މަރުވެއްޖެނަމަ، އޭނާ މަރުވުމުން ވަޅުލާތަނުގައ އެބައިމީހުން ކަނީސާ ނުވަތަ ފައްޅި ބިނާކުރެއެވެ. އެތަން އެބައިމީހުން ތަފާތު ކުރެހުންތަކާއި ސޫރަތަކުން ޒީނަތްތެރި ކުރެއެވެ. އެފަދަ މީހުންނަކީ، ޤިޔާމަތްދުވަހުން، މާތްﷲ ގެ ޙަޟްރަތުގައި އެންމެ ނުބައިމީހުންނެވެ.]{مُتَّفَقٌ عَلَيْهِ}
أمّ المؤمنين أمّ سلمة رضى اللّـه عنــها ވަނީ މާތް ރަސޫލާގެ އަރިހުގައި ވަރަށް ގިނަ ދަތުރުފުޅުތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ. ވަރަށް ގިނަ ހަނގުރާމަތަކެއް އެކަމަނާ ދެކެވަޑައިގެންނެވިއެވެ. އެގޮތުން މުޞްތަލިޤު ހަނގުރާމަޔާއި، ޙުދައިބިއްޔާގެ ޞުލްޙަޔާއި، ޚަބައިބަރު ހަނގުރާމަޔާއި، މައްކާ ފަޠަހަ އާއި ޠާއިފު ހަނގުރާމަ ފަދަ މުހިންމު ދަތުރުފުޅުތަކުގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ޠާއިފު ހަނގުރާމަ ހިނގީ ހިޖުރައިން 8 ވަނަ އަހަރުގެ ތެރޭގައެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދެ އަނބިކަނބަލުން އެ ދަތުރުފުޅުގައި ގެންދެވިއެވެ. އެއީ ޒައިނަބު ބިންތި ޖަހުޝް އާއި އުއްމުސަލަމަތުގެފާނެވެ. އޭގެ ދެކަނބަލުންނަށްޓަކައި ދެ ފޭލިގެ ޖެއްސެވިއެވެ. އެދުވަސްވަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ނަމާދުފުޅު ކުރެއްވީ އެދެކަނބަލުންގެ ފޭލިގެކޮޅު ދެމެދުގައި ހުންނަވައިގެންނެވެ.
{އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާ، ހަތަރުވަނަ ޖިލްދު، ޞަފްޙާ 348}
ހަމަ ޠާއިފުގެ ދަތުރުފުޅުގައި އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم އުއްމުސަލަމަތުގެ ފޭލިގެކޮޅަށް ވެދެވަޑައިގެންނެވިއިރު އެގެކޮޅުގައި އެކަމަނާގެ އަޚެއްވެސް ހުންނެވިއެވެ. އަދި ހުންޘާއެއްވެސް އެ ފޭލިގޭގައި އިނެވެ. އެ ހުންޘާގެ ބައެއް ވާހަކަތައް އަޑުއައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ކޯފާ އިސްކުރެއްވިއެވެ. އެއަށްފަހު އެފަދަ މީހުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ގެކޮޅުތަކަށް ވަނުން މަނާ ކުރެވުނެވެ.
{އަލްބުޚާރީ، ޞަޙީޙު، ވޮލިޔުމް 7، ޞަފްޙާ 55}